ރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ މިންވަރު އިތުރުކުރަން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ހައުސިން މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ސައުދީގެ ވެރިރަށް ރިޔާދުގައި އޮތް ރެއަލް އެސްޓޭޓް ފިއުޗާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މުއްތަލިބު މިހާރު ހުންނެވީ ސައުދީގައި ކަމަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރުވަނީ، ސައުދީގެ މުނިސިޕަލްޓީސް އެންޑް ހައުސިން މިނިސްޓަރު މާޖިދު ބިން އަބްދުﷲ އަލް ހުގައިލާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

މިނިސްޓަރު މުއްތަލިބާއި ސައުދީގެ ވަފުދު: ދެ މިނިސްޓްރީންވަނީ އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި -- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ، ދެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ޓަކައި އިންވެސްޓްމެންޓް މަޝްރޫއުތައް އިތުރުކުރަން ކަމަށް މިނިސްޓްރީން ބުންޏެވެ.
ރެއަލް އެސްޓޭޓް ފިއުޗާ ފޯރަމް އިއްޔެ ފަށައިފައިވާއިރު، މާދަމާގެ ނިޔަލަށް އެ ފޯރަމް ކުރިއަށްދާނެއެވެ.
އެ ފޯރަމްގައި ރެއަލް އެސްޓޭޓް ދާއިރާގެ އީޖާދީ ފިޔަވަޅުތަކާ ގުޅޭ ގޮތުން ބޭއްވި، 'ނިއު ފްރޮންޓިއާސް: ބެލެންސް އެންޑް އިނޮވޭޝަން އިން ދަ ރެއަލް އެސްޓޭޓް ލޭންޑްސްކޭޕް' ޕެނަލް ޑިސްކަޝަންގައި މުއްތަލިބު ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި ކަމަށް މިނިސްޓްރީން ބުންޏެވެ.