ޒިޔަތު ކިޔައިދެނީ އެއް ލާރިން ދެ ލާރި ހަދާނެ ގޮތް!

އެންމެން ވެސް މިއުޅެނީ ތަނަވަސްވާން ބޭނުން ވެގެންނެވެ. އިތުރަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދާށެވެ. މާލީ ދާއިރާގެ ފޮތެއް ކިޔަސް އަދި ވީޑިއޯއެއް ބެލިޔަސް ތަޖުރިބާކާރުން މުޅިންހެން ލަފާ ދީފައި ހުންނަނީ އިންވެސްޓު ކުރުމަށެވެ. "ރިޗް ޑޭޑް، ޕުއާ ޑޭޑް' ފަދަ މާލީ ފޮތްތަކުގައި މުޅިން ހުރީ އެ ނަސޭޙަތެވެ. ބޭންކުގައި ރައްކާކޮށްފައި ނުބަހައްޓައި އެއް ލާރިން ދެ ލާރި ހޯދުމަށް ބާރު އަޅާފައެވެ.

ދުނިޔޭގެ ތަހުޒީބީ ޤައުމުތަކަށް ބަލާއިރު މާލީ ބާޒާރުގައި ފައިސާ އިންވެސްޓުކޮށްގެން ނަފާ ހޯދުމުގެ ފުރުޞަތު އޮންނަނީ ވަރަށް ފުޅާކޮށެވެ. އެއީ ބޮޑު ހިއްސާގެ ބާޒާރެއް އޮންނާތީއެވެ. ނަމަވެސް ރާއްޖެއަށް ބަލާއިރު އެ ދާއިރާގައި އިންވެސްޓު ކުރެވޭނޭ ފުރުޞަތުތައް މިފަހަކާ ޖެހެންދެން ވަރަށް ކުޑައެވެ. ބޮޑެތި ކުންފުނިތަކުން ހިއްޞާއެއް ގަނެ އަހަރީ ފައިދާއަށް މަޑުކުރުން ނޫން އިތުރު ކަމެއް ނޯވެއެވެ. ހިއްޞާ ގަނެވިއްކާ މާ ބޮޑު ބާޒާރެއް ނޯވެއެވެ. އެހެންކަމުން، ފައިސާ އިތުރުކުރަން ބޭނުންނަމަ އަތުގައި ހުރި ފައިސާއިން ވިޔަފާރިއެއް ފެށުން ނޫން ގޮތަކަށް އެ ފައިސާ އިންވެސްޓު ކުރެވޭ ގޮތެއް ނެތެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު: މިހާރު އޭނާގެ އަމާޒަކީ ކެޕިޓަލް މާކެޓްގެ ހަރަކާތްތައް އިތުރުކުރުން -- ފޮޓޯ/ ޒިޔަތު

ކެޕިޓަލް މާކެޓް ނުވަތަ މާލީ ބާޒާރަކީ ފައިނޭންޝަލް ސެކްޓާގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ތަނެކެވެ. އެއީ މާލީ މުޢާމަލާތްތައް ހިންގާ ބާޒާރެކެވެ. އެ ބާޒާރުގެ ބޭނުން ރަނގަޅު ގޮތުގައި ވިޔަފާރިތަކުން ނުކުރާތީ، ވިޔަފާރި ފުޅާކުރަން ބޭނުންވާ ކުންފުނިތަކުން ފައިސާ ހޯދަން ޖެހެނީ ބޭންކުތަކުން ބޮޑު އިންޓްރެސްޓް ރޭޓުގައި ލޯނުތައް ނަގާށެވެ. އަދިވެސް ރާއްޖޭގައި ގިނަ ވިޔަފާރިތައް ހިންގަންޖެހިފައިވަނީ އެގޮތަށެވެ. ނަމަވެސް އެކަން މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ.

ވިޔަފާރިތަކަށް ވެސް، ޢާންމުންނަށްވެސް ފަހި ފުރުޞަތެއް

ކެޕިޓަލް މާކެޓްގެ ތެރެއިން ތެރެއިން މާ ބޮޑު މުޢާމަލާތްތަކެއް ނުކުރެވި ވަނިކޮށް އެކަން ބަދަލުކޮށްލީ 2021 ވަނަ އަހަރު ރާއްޖޭގައި މާލީ ދާއިރާގެ ތަޖުރިބާކާރުންތަކެއް ފެއްޓެވި އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން"އިންނެވެ. ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު އިސްކޮށް ހުންނަވައި އުފެއްދެވި މި ކުންފުންޏަކީ މާލީ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިއެކެވެ. ފަސްޓް ނޭޝަނަލްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޮންޑާއި ސުކޫކު އަދި ސްޓޮކް އިޝޫ ކުރުމަށް ކުންފުނިތަކަށް އެހީވުމާއި ފަންޑު މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އެޑްވައިޒަރީއާއި ވެލްތު މެނޭޖްކުރުން ހިމެނެއެވެ.

"ކެޕިޓަލް މާކެޓަކީ ކުންފުނިތަކަށް ފައިނޭންސް ރެއިޒްކުރަން ވަރަށް ރަނގަޅު ވަޞީލަތެއް. އެކަމަކު މީގެ ބޭނުމެއް ނުހިފާ އޮތީ. އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކަށްވީ ފައިސާ ބޭނުންވާ ވިޔަފާރިތަކާ ފައިސާ ހުރި ފަރާތްތަކާ ގުޅުވައިދިނުމާއި އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ވެސް އެކަށީގެންވާ ރޭޓެއްގައި ފައިސާ ހޯދައިދިނުމާއި އޭގެ މަންފާ ލިބުމުގެ މަގު ފަހި ކޮށްދިނުން،" ޒިޔަތު ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން ފެށީ ރާއްޖޭގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް އަމިއްލަ ކުންފުނިތަކަށް ފައިނޭންޝަލް އިންސްޓްރޫމަންޓްސް ސްޓްރަކްޗާކޮށް އެ ޕްރޮޑަކްޓްތައް ލިސްޓުކުރަން. މިއީ ކުންފުނި ލިސްޓު ކުރުމެއް ނޫން. ލިސްޓު ކުރަނީ ޕްރޮޑަކްޓްސް،"

މީގެ ކުރިން ރާއްޖޭގެ މާލީ ބާޒާރުން ފައިސާ ހޯދުމުގެ ފުރުޞަތު އޮންނަނީ ޢާންމުކޮށް ހިއްޞާ ވިއްކާފައި ޕަބްލިކް ލިމިޓެޑް ކުންފުނިތަކަށް އެކަންޏެވެ. ބޮންޑާއި ސުކޫކު ވިއްކައިގެން ފައިސާ ހޯދުމަކީ އަމިއްލަ ވިޔަފާރިތަކަށް އޭރު ލިބުނު ފުރުޞަތެއް ނޫނެވެ. ފަސްޓް ނޭޝަނަލްއިން މިވަނީ ކާމިޔާބުކަމާ އެކު ބޮންޑާއި ސުކޫކު ވިއްކައިގެން ކުންފުނިތަކަށް ފައިސާ ރެއިޒްކުރަން އެހީތެރިވެދެމުންނެވެ.

ފަސްޓް ނޭޝަނަލްއިން ވަނީ މިހާތަނަށް 100 މިލިއަން އަށްވުރެ ގިނަ ރުފިޔާގެ ބޮންޑާއި ސުކޫކު ވިއްކައިގެން މެނޭޖް ކޮށްފައެވެ. އެގޮތުން ފަސްޓް ނޭޝަނަލްގެ އެހީތެރިކަމާ އެކު ޔޫރޯ މާކެޓިންއިން ވަނީ 25 މިލިއިން ރުފިޔާ މިދިޔަ އަހަރު ހޯދާފައެވެ. މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ބޮންޑެއް ވިއްކައިގެން ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ފައިސާ ހޯދި ފަހަރެވެ. ޔޫރޯއިން މިހާރު ވަނީ އެއް އަހަރުވެގެން ފައިދާ ވެސް ބަހާފައެވެ. ޔޫރޯގެ އިންވެސްޓަރުންނަށް ހަތަރު އަހަރު ވަންދެން އަހަރަކު 7.5 ޕަސެންޓްގެ ރޭޓުން ފައިދާ ލިބިގެންދާނެއެވެ. މިދިޔަ ފެބްރުއަރީ މަހު އައިކެއާއިން ވެސް ވަނީ ސުކޫކު ވިއްކުމަށް ހުޅުވާލައިފައެވެ. އަދި އިތުރު ކުންފުނިތަކުން އެކަން ފެށުމަށް ތިބީ ކިޔުގައެވެ.

ބޮންޑަކީ ވިޔަފާރިތަކުން ފައިސާ ހޯދުމަށް ބޭނުން ކުރާ ފައިނޭންޝަލް އިންސްޓްރުމަންޓެކެވެ. ބޭންކު ލޯނުގެ ބަދަލުގައި ވިޔަފާރިތަކުން ބޮންޑު އިޚުތިޔާރުކުރަނީ ރަހުނެއް ބަހައްޓަން ނުޖެހި، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ވިޔަފާރި ފުޅާ ކުރުމަށް އިންވެސްޓު ކުރާނެ ފައިސާ ލިބޭތީއެވެ.

މިކަމުގައި ޢާންމުންނަށް އޮތް ފުރުޞަތަކީ ބޮންޑާއި ސުކޫކުގައި އިންވެސްޓުކޮށްގެން ނަފާ ހޯދުމެވެ. ބޮންޑު ވިއްކުމަށް ހުޅުވާލުމުން، ޕްރައިވެޓް ޕްލޭސްމަންޓް (ވިޔަނަ ޕްލެޓްފޯމް) މެދުވެރިކޮށް އިންވެސްޓު ކުރުމުގެ ފުރުޞަތު ލިބެއެވެ. އެކި ކުންފުނިތަކުން ބޮންޑާއި ސުކޫކު ވިއްކަނީ ފައިދާގެ ގޮތުގައި އެކި މިންވަރަށް ޕަސެންޓް ދީގެންނެވެ. އޭގައި އިންވެސްޓު ކުރުމުން އިންވެސްޓަރުންނަށް އަހަރީ ފައިދާގެ ލިބޭނެއެވެ. އެގޮތުން ލިބޭ ފައިދާއާއި އޭގެ މިންވަރު ދުރާލާ ހުންނަނީ ކަނޑައަޅައިފައެވެ. އަދި، އެ ފައިސާ ލިބޭނެ ދުވަހާއި މުއްދަތު ވެސް ހުންނަނީ ކަނޑައަޅައިފައެވެ. ބޭންކެއްގެ ސޭވިން އެކައުންޓެއްގައި ފައިސާ ބަހައްޓައިގެން އިތުރުވާ މިންވަރަށް ވުރެ މާ ބޮޑު ޢަދަދެއް މިގޮތަށް އިންވެސްޓުކޮށްގެން އިތުރުކުރެވެއެވެ.

"ދިހަ ހާސް ރުފިޔާ ވެސް އިންވެސްޓު ކުރެވިދާނެ. އޭރުން ބޮންޑު ވިއްކި ކުންފުނިން މި ބުނަނީ ވަކި އަހަރުތަކެއްގެ ތެރޭގައި މިވެނި ޕަސެންޓެއްގެ ފައިދާ ދޭނަމޭ. އެހެންވެ މިއީ އިންވެސްޓުކުރަން ޝައުޤުވެރިކަން ހުންނަ މީހާއަށް އޮތް ފަހި ފުރުޞަތެއް،" ޒިޔަތު ވިދާޅުވިއެވެ.

ދެން ސުވާލަކީ މިގޮތަށް ގަންނަ ބޮންޑާއި ސުކޫކުގެ އިންވެސްޓުމަންޓާއި ރިޓާން ލިބޭނެކަމުގެ ޔަޤީންކަން އޮތީ ކިހާ ވަރަކަށްތޯއެވެ؟ ކުންފުންޏަކުން ބޮންޑާއި ސުކޫކު ވިއްކަން ފެށުމުގެ ކުރިން ފަސްޓް ނޭޝަނަލްއިން ޔަޤީންކުރާ އެއްކަމަކީ އެ ކުންފުނީގެ މާލީ ޙާލަތެވެ. އަދި، އެ ކުންފުންޏަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގާ ކުންފުންޏެއްތޯއެވެ. ބޮންޑު އަދި ސުކޫކު ވިއްކުމުގައި ފަސްޓް ނޭޝަނަލްއިން އެހީ ވަނީ އެ ހުރިހާ ކަމެއް ބަލައި ޔަޤީންކުރުމަށް ފަހުގައެވެ. ބޮންޑާއި ސުކޫކަށް އިންވެސްޓުކުރަން ބޭނުންވާ މީހުންނަށް އެ ކުންފުންޏެއްގެ މާލީ ޙާލަތާއި ކުރިއަށް އޮތް ޕްލޭނާއި އިންވެސްޓުކުރާ ފައިސާ ބޭނުންކުރާނެ ގޮތުގެ މަޢޫލޫމާތު ވިޔަނަ ޕްލެޓްފޯމުގައި ޕަބްލިޝްކޮށްފައިވާ ޕްރޮސްޕެކްޓަސްއިން ލިބޭނެއެވެ.

"އަޅުގަނޑުމެން ބަލަން މާކެޓަށް މި އަންނަނީ ރަނގަޅަށް ހިންގާ ކުންފުނިތަކެއްތޯ. ގަވަނަންސް ރަނގަޅު ކުންފުނިތަކެއްތޯ. އެހެންވީމަ ކުންފުނީގެ ބޯޑު ރަނގަޅަށް ފަންކްޝަންކޮށް، ޕްރޮފެޝަނަލް މެނޭޖްމަންޓަކާއެކު ބަރާބަރަށް ޤަވާއިދުން އޮޑިޓުކުރާ ކުންފުންޏަކަށް ވިއްޔާ ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ރެއިޒްކުރުމުގެ ފުރުޞަތު އެބައޮތް،" ޒިޔަތު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މާކެޓަށް މި ގެންނަ ކުންފުނިތަކަކީ ހިންގުން ހަރުދަނާ، ބިޒްނަސް ކޭސްއެއް އޮތް ރަނގަޅު ކުންފުނިތައް."

ބޮންޑަށް އިންވެސްޓުކުރަން ބޭނުންވާ ޢާންމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އެޕްރޫވްކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ނެރެފައިވާ ވިޔަނަ ޕްލެޓްފޯމު މެދުވެރިކޮށް އިންވެސްޓު ކުރެވޭނެއެވެ. 'ވިޔަނަ'ގައި ރަޖިސްޓާވުމަށް ފަހު އިންވެސްޓު ކުރެވޭނެ ބޮންޑާއި ސުކޫކުގެ އިތުރު މަޢުލޫމާތު ޕްލެޓްފޯމުގެ ވެބްސައިޓުން ލިބޭނެއެވެ.

ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަ ވެދާނެތަ؟

ބޭންކުތަކަށް އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ކަމަކީ ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓެވެ. އޭގެ އެހީގައި ބޭންކުތަކުން އެތައް މިލިއަން ރުފިޔާއެއްގެ ފައިދާ ހޯދައެވެ. ވިޔަފާރިތަކާއި އަމިއްލަ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންޓްރެސްޓް ރޭޓުތައް ބޮޑުވުމުން އިތުރަށް ދައްކަންޖެހޭ ޢަދަދު ބޮޑުވުމެވެ. އިންޓްރެސްޓް ރޭޓުތައް ބޮޑުވެގެން ކިތަންމެ ކަންބޮޑުވުމެއް ފާޅުކުރި ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް އެ ރޭޓުތައް ދަނީ ބޮޑު ވަމުންނެވެ. އެހެން ދިމާވާ މައިގަނޑު ސަބަބަކީ ވިޔަފާރި ފުޅާ ކުރާނެ ފައިސާ ހޯދުމަށް ބޭންކު ލޯނު ނޫން ގޮތެއް ވިޔަފާރިތަކަށް މީގެ ކުރިން ނެތުމެވެ.

ނަމަވެސް ކެޕިޓަލް މާކެޓުގެ ޙަރަކާތްތައް އިތުރުވެ ބޮންޑު އަދި ސުކޫކު ވިއްކައިގެން ވިޔަފާރިތަކުން ވެސް ފައިސާ ހޯދަން ފެށުމުން ބޭންކުތަކަށް ވެސް މިވަނީ މާލީ ދާއިރާގައި ވާދަވެރިކަމެއް އުފެދިފައެވެ. ވާދަވެރިކަމެއް އުފެދުމުގެ ނަތީޖާއަކަށްވާނީ ޚިދުމަތް ހޯދަން ތިބި މީހުން އެދޭ ގޮތަށް ކަންކަން ކޮށްދޭން ޖެހުމެވެ.

ޒިޔަތު ވިދާޅުވާ ގޮތުގައި މިއީ ރަނގަޅު ކުންފުނިތަކުން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަކުރަން ބޭންކުތަކާ އެކު މަޝްވަރާކުރަން ވެސް ފުރުޞަތު ލިބިގެންދާނެ ކަމެކެވެ. އަދި، ކެޕިޓަލް މާކެޓުގައި އިންވެސްޓުކޮށްގެން ފައިދާ ހޮދުމުގެ ފުރުޞަތު ބޭންކުތަކަށް ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކުތަކަށް ވެސް މި އޮންނަނީ ލޯނާއި ސަރުކާރުގެ ޓީ ބިލްގައި އިންވެސްޓުކުރުން. އެހެންވީމް ބޭންކުތަކުން ކެޕިޓަލް މާކެޓްގެ މިކަހަލަ އިންސްޓްރުމަންޓްސްގައި އިންވެސްޓު ކޮށްފިއްޔާ އެ ބޭންކަށް ވެސް ރަނގަޅު ރިޓާންއެއް އެބަ ލިބޭ،" ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖޭން ބޭރުން ފައިސާ ހޯދައިދިނުމަކީ ވެސް ފަސްޓް ނޭޝަނަލްގެ އަމާޒެކެވެ.

ގޭގެ އަލަމާރިއާއި ތިޖޫރިތަކާއި ބޭންކުތަކުގައި ރައްކާކޮށްފައި ހުރިހާ ފައިސާއެއް ބެހެއްޓުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެހެނީ ބަހައްޓާފައި ހުރި ފައިސާގެ ވެލިއު ދާނީ އިންފްލޭޝަންގެ ސަބަބުން ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންނެވެ. އެހެންކަމުން ސީއެމްޑީއޭއިން ރެގިއުލޭޓްކުރާ ޕްރޮޑަކްޓްސްތަކުގައި އިންވެސްޓުކުރުމަކީ ބުއްދިވެރިކަމެކެވެ. މިކަން ވާނެ ގޮތް މިއަދު ވަނީ ފަހިވެފައެވެ. ޒިޔަތު މި ކިޔައިދެނީ އެއް ލާރިން ދެ ލާރި ހަދާނެގޮތެވެ.

comment ކޮމެންޓް