ސައިކަލު ވަގަށް ނެގުން އިތުރުވާތީ ޕާކުކުރުމުގައި ސަމާލުވާން އެދެފި

މާލޭ ބޮޑުތަކުރުފާނު މަގުގައި ސައިކަލު ދުއްވަނީ -- ސަން ފޮޓޯ

ސައިކަލުން ކުރާ ވައްކަން މިހާރަކަށް އައިސް އިތުރުވެފައި ވާތީ، ސައިކަލު ޕާކު ކުރުމުގައި ސަމާލު ވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސައިކަލު ޒޯނުގައި ޕާކު ކުރާއިރު، ސައިކަލުން ކުރާ ވައްކަން މަދު ކުރުމަށް އަލިކަން ހުރި ތަނެއްގައި ޕާކު ކުރުން މުހިންމު ކަމަށެވެ. އަދި ސީސީޓީވީއަކަށް އަރާނެ ފަދައިން ޕާކު ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގައި ޕާކުކުރާނެ ޖާގަ ނެތް މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް އަންނަނީ ގިނަ ފާޑުކިޔުންތައް އާންމުންގެ ފަރާތުން ރައްދުވަމުންނެވެ.

އެގޮތުން ޕާކު މާލޭގައި ޕާކު ކުރާނެ ތަންތަން މަދުކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި ހުރިހާ ޕާކިން ޒޯނަކީ އަލި ތަންތަން ނޫންކަމާއި ކޮންމެ ތަނެއްގައި ސީސީޓީވީ ކެމެރާ ވެސް ނުހުންނަކަން ފާހަގަކޮށްފައިވެއެވެ.

"ސައިކަލު ޕާކު ކުރާނެ ތަންތަން އަލިކޮށް އެތަންތަނުގައި ކެމެރާ ހަރުކޮށްގެން ބަލަހައްޓަން މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މުއައްސަސާތައް ފެއިލްވެފައި ވާކަން ތިއިން ތި ދޭހަވަނީ،" ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ޚިޔާލު ފާޅުކޮށްފައިވާ މީހަކު ބުންޏެވެ.

comment ކޮމެންޓް