ފުލުހުންގެ ފްލެޓްތަކަށް މީހުން ބަދަލުވެ ދިރިއުޅެން ފަށައިފި

ހުޅުމާލޭގައި ހުންނަ ޕޮލިސް ފްލެޓް --

ފުލުހުންނަށް ޚާއްސަކޮށްގެން އެޅި ފްލެޓުތަކަށް މީހުން ބަދަލުވެ އެ ތަންތަނުގައި މީހުން ދިރިއުޅެން ފަށައިފިއެވެ.

އެ ފްލެޓުތަކުގައި މީހުން ދިރިއުޅުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިވަގުތު އެތަނުގައި ލިފްޓު ހަރުކޮށްފައި ނެތުމުން، މީހުން ދިރިއުޅެނީ ފަސްވަނަ ބުރިއާ ހަމަޔަށެވެ. އަދި އަންނަ މަހުގެ 20ވަނަ ދުވަހުގެ ކުރިން ކޮންމެ ޓަވަރަކުން ވެސް އެއް ލިފްޓު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުލުހުންނަށް ހާއްސަކޮށްގެން ތިން ޓަވަރު އެޅީ ޖުމްލަ 361 ފްލެޓާއި 20 ޕެންޓްހައުސްއާ ވެސް އެކީގައެވެ.

ފުލުހުންނަށް ހާއްސަކޮށް ފްލެޓުތަކެއް އަޅުއްވައިދެއްވާނެ ކަމަށް 2008ވަނަ އަހަރު ފުރަތަމަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ވެރިކަމުގައި 20211ވަނަ އަހަރު ފުލުންނަށް ހާއްސަކޮށްގެން 300 ފްލެޓު އިއުލާންކުރިއެވެ. އެ ފްލެޓުތަކަށް އޭރު 1000އަށްވުރެ ގިނަ ފުލުހުން ކުރިމަތިލިއިރު، ނަޝީދުގެ ވެރިކަމުގައި އެ މަސައްކަތް އިތުރަކަށް ކުރިޔަކަށް ނުދިޔައެވެ.

މި ފްލެޓުތަކުގެ އަމަލީ މަސައްކަތް ފެށީ 2013ވަނަ އަހަރުގައެވެ.

އެ މަސައްކަތް ފެށީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތާއި ރިޒޯޓު ހެދުމާއި އެ ނޫން ވެސް މަސައްކަތް ކުރަމުން އައި "ނޫމަޑި" ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ނޫމަޑީގެ އެއް ހިއްސާދާރުގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް އައިލެންޑު އެކްސްޕާޓުން ފުރަތަމަ މަސައްކަތް ނެގީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައެވެ. ފަހުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން 2016ވަނަ އަހަރު އޭރުގެ ސަރުކާރުން އުވާލިއިރު، ފްލެޓު ލިބޭ ފުލުހުންނާ ސިފައިގެ ލިސްޓް ވެސް އޮތީ އިޢުލާންކޮށްފައެވެ.

މި މަސައްކަތް ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު، މިދިޔަ ސަރުކާރުން އެ މަސައްކަތް ހަވާލުކުރީ "އަމީން ކޮންސްޓްރަކްޝަން" އާއެވެ. އޭރު ގިނަ ފްލެޓުތަކުގައި ނިމިފައި ހުރީ ކޮންކްރީޓު އޮނިގަނޑު އެކަންޏެވެ.

މި މަޝްރޫއުގެ ދަށުން މި މަޝްރޫޢުގައި ސިފައިންގެ "ސިފްކޯ ހިޔާ"ގައި ހިމެނޭ 330 ފްލެޓު ވެސް ވަނީ އަޅާފައެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސިފައިންގެ ފްލެޓުތައް ވަނީ ހަވާލުކުރަން ފަށާފައެވެ.

ސިފައިންނާ ފުލުހުންނަށް ހާއްސަކޮށްގެން އެޅި ފްލެޓުތަކަކީ ސޯޝަލް ހައުސިންއަށްވުރެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ.

comment ކޮމެންޓް