ދިރާސީ އަހަރު ބަދަލުކޮށްފައި އޮތީ ޓީޗަރުންނާއި ބެލެނިވެރިންގެ ވެސް ރުހުން ނެތި: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު: ވިދާޅުވީ ކުރީ ސަރުކާރުން ދިރާސީ އަހަރު ބަދަލުކޮށްފައި އޮތީ އާންމުންގެ ހިޔާލާ ދެކޮޅަށް ކަމަށް -- ފޮޓޯ/ މަޖިލިސް

ނިމުނު ސަރުކާރުން ދިރާސީ އަހަރަށް ބަދަލު ގެނެސްފައިވަނީ އެ ކަމަށް ހިޔާލު ހޯދި 30،000 މީހުންގެ ތެރެއިން 70 އިންސައްތައެއްހައި މީހުންގެ ހިޔާލާ ދެކޮޅަށް ކަމަށް މިހާރުގެ ތައުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ފަތުރުވެރިކަމުގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ. އެކަމަކު، މި ސަރުކާރުން ވަނީ އަލުން ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ނިންމައިފަައެވެ.

ވަޒީރު ޝަފީއު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އިތުރު ސުވާލުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެ ބަދަލާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.

ވަޒީރު ވިދާޅުވީ، ދިރާސީ އަހަރު ބަދަލުކުރުމުގައި ސަރުކާރުން ގިނަ ކަންތައްތަކަކަށް ވިސްނި ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުން އެ ބަދަލު ގެނެސްފައި އޮތްގޮތާ ގުޅޭގޮތުން ބެލި ބެލުމުން އެ ބަދަލު ގެނައުމާ ގުޅޭގޮތުން 30،000 މީހުންގެ ހިޔާލު ހޯދިކަން އެނގެން އޮތް ކަމަށެވެ.

އެކަމަކު، ކުރީ ސަރުކާރުން ދިރާސީ އަހަރަށް ބަދަލު ގެނައީ ހިޔާލު ހޯދި 30،000 މީހުންގެ ތެރެއިން 70 އިންސައްތައެއްހާ މީހުންގެ ހިޔާލާ ދެކޮޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ، ދަރިވަރުންނާއި ބެލެނިވެރިން ވެސް ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު: ވިދާޅުވީ، ދިރާސީ އަހަރު ބަދަލުކޮށްފައި އޮތީ ގޯސްކޮށް ކަމަށް -- ފޮޓޯ/ މަޖިލީސް

"އެކަޑެމިކް ކަލަންޑަރާ ކުޅޭކަށް ރައްޔިތުންނެއް ނޭދޭ. ޓީޗަރުންނެއް ނޭދޭ. އަދި، ދަރިވަރުންގެ ފަރާތުން ނެގިފައިހުރި މައުލޫމާތުތަކަށް ބަލާއިރުގައި ދަރިވަރުން ވެސް ނޭދޭ،" ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އަލުން ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލުކުރެވުމާ އެކު ކޮވިޑު-19ގެ ތެރޭގައި ދަރިވަރުންގެ ހަޔާތުން ގެއްލުނު ހަ މަސް ދުވަސް އަނބުރާ އިޔާދަކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި، ދިރާސީ އަހަރާއި މާލީ އަހަރު ދިމައިނުވާނަމަ ވެސް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކޭމްބްރިޖްގައި މި އޮންނަނީ މާއްދާއެއް ކިޔެވުމަށް ވަކި ވަރެއްގެ ގައިޑެޑް ލާނިން އަވާސްތަކެއް ހިމަނާފައި.... މިހާރު ވެސް ކޭމްބްރިޖަށް ވުރެ ވެސް އަޅުގަނޑުމެންގެ ގައިޑެޑް ލާނިން އަވާސްތައް މި ބަދަލާ އެކު ވެސް މާ ގިނަ ވެގެންދާނެ ކަަމަށް،" ޝަފީއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ޖެނުއަރީ މަހުން ފަށާގޮތަށް ބަދަލު ގެނެސްފައެވެ. އެ ބަދަލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކުރީ ސަރުކާރުން ދިރާސީ އަހަރު ފެށޭ ދުވަހަށް ބަދަލު ގެނައުމާ އެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިގައި މޫސުމީ ވިއްސާރަ އަންނަ ދުވަސްވަރަކަށް ވަތީ ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.

comment ކޮމެންޓް