މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީ ނަމަވެސް, ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހައުސިން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމާއި މައުލޫމާތަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށެވެ.
އެހެންކަމުން މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ މި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ސަލާމަތީ ބާރުތަކުން ވަނީ އަލިފާނުގެ އަސަރު ނުކުރާ ލިޔެކިޔުމާއި ފަރުނީޗަރު ފަދަ ތަކެތި އިމާރާތުގެ ތެރެއިން ނެރެފައެވެ. ނަމަވެސް ސަލާމަތް ކުރެވިފައި ވަނީ ނިސްބަތުން މަދު އެއްޗެކެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގާއިމު ކުރަން ފެށި 4000 ހައުސިން ޔުނިޓާއި މާލޭ ރައްޔިތުންނަށް އެ ސަރުކާރުން ބެހި ބިންތައް ހަވާލު ނުކުރާތީ އެކަންބޮޑުވުން އެތައް ބަޔަކު ފާޅުކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އަލިފާންރޯވެ ހައުސިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.