ބިންވެރިޔާސް ސްކީމްގެ ގޯތިތަކެއް، މަގުތައް ވެސް ހިމެނޭ ގޮތަށް ދީފައިވޭ

ބިންވެރިޔާސް ސްކީމްގެ ގޯތިތަކެއް، މަގުތަކާއި ކަރަންޓު ވިއުގަ ވެސް ގޯތި ތެރެއިން ދާ ގޮތަށް ދީފައިވާ ކަމަށް އެޗްޑީސީން ބުނޭ -- ފޮޓޯ/ އެޗްޑީސީ

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ހިމެނޭ ބިންވެރިޔާ ސްކީމުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ކަނޑައަޅާފައިވާ ބައެއް ގޯތިތައް، މަގުތަކާއި ގޯޅިތައް އެތެރެއަށްވާ ގޮތަށް ދީފައިވާ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

އެޗްޑީސީން ހިއްސާކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރު މުޙައްމަދު ސިރާޖު ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ހަވާލުކޮށްފައިވާ ބައެއް ބިމުގައި އިންފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބިން ހަވާލުކުރުމުގައި ދިމާވެފައިވާ ބައެއް ހުރަސްތަކާ ހެދި، ބައެއް މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރުމުގައި ލަސްކަމެއް އުޅޭ ކަމަށް ސިރާޖު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ދެވަނަ ފިޔަވަހިން ދޫކުރަން ކަނޑައަޅާފައިވާ ބައެއް ގޯތި، މަގުމައްޗަށް އަރާ ގޮތަށް ދީފައިވުން އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯގައި، ގޯއްޗެއްގެ ކުރެހުން ދައްކަމުން ސިރާޖު ވިދާޅުވީ އެ ގޯތި ކަނޑައަޅާފައިވަނީ މަގުން ބަޔެއް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

"އެ މަގާ ގުޅިގެން ފެނާއި ކަރަންޓާއި ނަރުދަމާގެ ވިއުގަ ވެސް ގޮސް އޮންނާނީ އެ ގޯތީގެ ތެރެއިން،" އޭނާ ވިދާޅުވިއެވެ.

އެފަދަ ގޯތިތައް ލިބުނު މީހުންނަށް އެހެން ސަރަަހައްދަކުން ބިން ދޭން ޖެހޭކަން ފާހަކުރައްވައި ސިރާޖު ވިދާޅުވީ އެ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބުކޮށްގެން ނޫނީ އެ ސަރަހައްދުގެ ގޯތިތައް ކަނޑައަޅައި، ބިން ދޫކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"މިގޮތުން އިން ވަކިކޮށް، ބިން ހަވާލުކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި، ގޮންޖެހުންތައް ހައްލުކޮށް، ގޯތީގެ ވެރިންނާ ބިން ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން ކޮށްދޭނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެގޮތުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅުންނާއި ގިރާވަރުފަޅުންނެވެ.

comment ކޮމެންޓް