ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މިއަދު ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީޚަކާމެދު ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހިޔާ ފްލެޓުގެ ކޮންމެ އިމާރާތެއްގައި ދެ ލިފްޓު ހަރުކުމަށް މިހާރު އެއްބަސްވުން ވެސް އެކުލަވާލާފައި ވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ގެންދަނީ ޑީޓެއިލް ޑިޒައިނިންގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެޕްރިލް މަހުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ އަމަލީ މަސައްކަތަށް ހިޔާ ފްލެޓު ސަރަހައްދަށް މޮބިލައިޒް ކުރާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލިފްޓުގެ މަސައްކަތަށް ބޭނުންވާ އެޑްވާންސް ޕޭމަންޓު ސަރުކާރުން ވަރަށް އަވަހަށް އެ ކުންފުންޏަށް ދޭނެ ކަމަށެވެ.
"އެގްރިމަންޓު އޮންނަ ގޮތުން އެޑްވާންސް ޕޭމަންޓު ދޭތާ އެއް މަސް ދުވަސް ތެރޭ މޮބިލައިޒް ކުރަން ޖެހޭނެ. އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅާނަން އެކަން ވަރަށް އަވަހަށް ފަށަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއްބަސްވުމުގައި އޮންނަނީ އަމަލީ މަސައްކަތް ފަށާތާ އެއް އަހަރުތެރޭ މަސައްކަތް ނިންމަން ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން މަސައްކަތް އެެއްކޮށް ނިންމަސް ވެސް ބާރު އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޔާގައި ހަރުކުރާ ލިފްޓުތަކުގެ ތެރޭގައި ސްޓްރެޗަރުގައި މީހުން ބޭލޭނެ ލިފްޓު ވެސް ހިމެނޭނެއެވެ.
ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ވަނީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފައެވެ.
ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީން އޭރު ވެސް ވަނީ އޭގެ ތެރޭގައި ސްޓްރެޗަރު އެރުވޭ ލިފްޓު ހިމެނޭކަން ހާމަކޮށްފައެވެ.
އެޗްޑީސީން މިދިޔަ މަހު 14ގައި ބުނި ގޮތުގައި އެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި، މުޅި މަޝްރޫއު އަހަރެއް ތެރޭގައި ނިންމައިލެވޭނެ ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.
ހިޔާގައި އެތައް ބަޔަކު ދިރިއުޅޭއިރު ބައެއް ވަގުތުތަކުގައި ލިފްޓަށް ބޮޑު ކިއޫއެއް އޮވެއެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދޭން އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.