ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާ ގުޅުން ހުރި މަސައްކަތްތައް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއެކު އެމްއޭސީއެލްއިން ސޮއިކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އާރުޑީސީ ފަދަ، މިފަދަ މަސައްކަތްތަކަށް ޚާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްއޭސީއެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއަޕޯޓެއް ހިންގާ ބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕަޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން،" އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން--- ފޮޓޯ
އެ ރަސްމިއްޔާތުގައި އަލީ ޒުހައިރުވަނީ، އެމްއޭސީއެލްގެ ހީވާގި ވެރިންގެ މަސައްކަތް ފާހަގަކުރައްވައި، އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމުން ބޭރު ކުންފުނިތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރުޑީސީ އަކީވެސް އެމްއޭސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެކަމަށް، އެކަމަށް މިމަސައްކަތްކުރަނީ،" އަލީ ޒުހައިރު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސާފޭސް ކުރުމުގެ މަސައްކަތް އާރުޑީސީން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގް ދެމުމުގެ މަސައްކަތްވެސް އެކުންފުނިން ކުރިއަށްގެންދާނެއެވެ.
މީގެ އިތުރުން މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާ އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ.
މިމަސައްކަތްތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ލޭންޑް ސައިޑްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ އެތައްގުނައެއް ފަސޭހަވާނެ އެމްއޭސީއެލްއިން ބުންޏެވެ.