ފައިނު އެއާޕޯޓު ތަރައްގީކުރަން އެމްއޭސީއެލުން އެމްޓީސީސީއާ ހަވާލުކޮށްފި

ފައިނު އެއާޕޯޓު އަޅަން އެގްރިމަންޓުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --

ރ. ފައިނު އެއާޕޯޓު ތަރައްގީކުރުމަށް ޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު އޮތް ހަފްލާއެއްގައެވެ. އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

މި ހަފްލާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ފައިނުގައި އެއާޕޯޓު އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތެކެވެ. އެ ސިޔާސަތާ އެއްގޮތަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކެމްޕޭން ތެރޭ 2023ވަނަ އަހަރުގެ އޮގަސްޓު 30ވަަނަ ދުވަހެވެ.

ނަމަވެސް އޭގެ ކުރިން ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން ނިންމި އެއާޕޯޓު އެ އަތޮޅު ބެރިޔަންފަރުގައި އަޅަން ކުރީގެ ރައީސް ޞާލިހު ނިންމެވީ 2023ވަނަ އަހަރުގެ ޖޫން މަހެވެ.

ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އޭރުވަނީ އިއުލާންކޮށްފައެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވާ 23.6 މިލިއަން ޑޮލަރެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ޔާމީންގެ ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަކަން ގިނަ ރަށްތަކަށް ނުލިބޭކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައި އޮތުމުންނެވެ.

comment ކޮމެންޓް