ރޯދަ ހިފުމަށްޓަކައި ނިޔަތް ގަތުން

ބަޔަކު ނަމާދަށް އިސްލާމީ މަރުކަޒަށް އަރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަހިފުމަށް ނިޔަތާނުލައި ރަމަޟާންމަހުގެ ރޯދަ ޞައްޙަ ނުވާނެކަމަށް ޖުމްހޫރުން އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެނީ އެއީ އަޅުކަމެކެވެ. ނިޔަތެއްނެތި އެއްވެސް އަޅުކަމެއް ޞައްޙައެއް ނުވާނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ.(( وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ[1]- ބާޠިލުމަގުން އެއްކިބާވެ ތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާ ޙާލު ﷲއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެއްވިގެން ނުވެއެވެ. ))

ކީރިތިރަސޫލާގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު ޙަދީޘްކުރައްވަނީ (( إِنَّمَا الأَعْمَالُ بِالنِّيَّات، وإَنمَا لكل امْرِئٍ مَا نَوَى [2]- ހަމަކަށަވަރުން ޢަމަލުތައް އޮތީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ގޮތަކަށް އެކަމެއް ލިބިގެންވެއެވެ.)) ނިޔަތް ގަންނަންޖެހޭނީ ހިތުންނެވެ. ދުލުން ކިޔުމަކީ ޝަރްޠެއް ނޫނެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި ދުލުންކިޔުމަކީ ސުންނަތެކެވެ.

ރޭގަނޑު ނިޔަތްގަތުމަށްފަހު ކައިފިނަމަ ނުވަތަ ރޯދަ ގެއްލޭފަދަ ކަމެއްކޮށްފިނަމަ އަލުން ނިޔަތްގަންނަން ޖެހޭނެ ހެއްޔެވެ؟ ޝާފިޢީން ވިދާޅުވާގޮތުގައި އަލުން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. މާލިކީންވެސް ބުރަވެވަޑައިގަންނަވަނީ މިގޮތަށެވެ.

ރޭގަނޑުގެ ވަގުތެއްގައި ނިޔަތް ގަތުން

މި މަސްއަލާގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ.

ހ- ވާޖިބު ރޯދައަކަށް ވިޔަސް، ސުންނަތް ރޯދައަކަށް ވިޔަސް، ނަދުރު ރޯދައަކަށް ވިޔަސް، ޤަޟާކުރާ ރޯދައަކަށް ވިޔަސް އަނެއްދުވަހު ރޯދަ ހިފުމަށްޓަކައި ރޭގަނޑު ނިޔަތްގަތުމަކީ ރޯދަ ޞައްޙަވުމުގެ ޝަރްޠެކެވެ. މިއީ މާލިކީންނާއި ޡާހިރީންގެ ބަހެވެ.[3] މި ބޭކަލުންގެ ދަލީލުތަކަކީ (( وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ [4]- ބާޠިލުމަގުން އެއްކިބާވެތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާޙާލު ﷲއަށް އަޅުކަން ކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެއްވިގެން ނުވެއެވެ.] ކީރިތި ރަސޫލާގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު ޙަދީޘް ކުރައްވަނީ إِنَّمَاالأَعْمَالُ بِالنِّيَّات، وإَنمَا لكل امْرِئٍ مَانَوَى[5]- ހަމަކަށަވަރުން ޢަމަލުތައް އޮތީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެމީހަކަށް އެމީހަކު ނިޔަތްގަން ގޮތަކަށް އެކަމެއް ލިބިގެންވެއެވެ.)) މިބޭކަލުން ވިދާޅުވާގޮތުގައި، ރޭގަނޑު ނިޔަތް ނުގަންނަމީހާގެ ރޯދަ ޞައްޙަވާނެކަމަށް ބުނާ ނައްޞެއްނެތެވެ.

ށ- ފަރްޟުރޯދަ ހިފާއިރު ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. އެކަމަކު ސުންނަތް ރޯދައެއް ހިފާއިރު ރޭގަނޑު ނިޔަތްގަތުން ލާޒިމެއް ނޫނެވެ. މިއީ ޝާފިޢީންނާއި ޙަންބަލީންގެ ރައުޔެވެ. މިއީ އަބުއްދަރްދާއާއި އިބްނު މަސްޢޫދާއި ޙުޛައިފާއާއި ސަޢީދު ބުނިލް މުސައްޔަބާއި ސަޢީދު ބްނިލް ޖުބައިރާއި ނަޚްޢީގެ ރައުޔެވެ. މިބޭކަލުންގެ ދަލީލަކީ (( مَنْ لَمْ يُبَيِّتِ الصِّيَامَ مِنَ اللَّيْلِ فَلاَ صِيَامَ لَهُ[6] - ރޭގަނޑުގެ ވަގުތެއްގައި ނިޔަތާއެކު ރޭނުކުރިމީހާއަށް، ފަހެ ރޯދައެއްނެތެވެ. )) އަދިވެސް ޙަދީޘްކުރެއްވިއެވެ. (( مَنْ لَمْ يُبَيِّت الصيامَ قَبْلَ الفَجْرِ فلاصِيَامَ له [7]– ފަޖްރަށްލުމުގެ ކުރިން ނިޔަތާއެކު ރޭނުކުރިމީހާއަށް، ފަހެ ރޯދައެއް ނެތެވެ.)) މިބޭކަލުން ވިދާޅުވާ ގޮތުގައި ސުންނަތް ރޯދަހިފާއިރު ރޭގަނޑު ނިޔަތްގަންނާކަށް ނުޖެހޭނެއެވެ. އަދި ޢައްޔަން ކުރާކަށްވެސް ނުޖެހޭނެއެވެ. އެދުވަހުގެ މެންދުރުވުމުގެ ކުރިން ރޯދައަށް ހުރުމަށް ނިޔަތް ގަނެވިދާނެއެވެ. މިކަމުގެ ދަލީލަކީ، އެއްދުވަހަކު ރަސޫލުﷲގެފާނު ޢާއިޝަތުގެފާނަށް ވިދާޅުވިއެވެ. (( ނާސްތާކުރައްވާނެ އެއްޗެއް ކަމަނާގެ އަތްޕުޅުގައި އެބަހުރި ތޯއެވެ؟ އެކަމަނާ ނެތޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނު މި ހުންނެވީ ރޯދަފުޅަށެވެ.))[8]

ނ- ޒިންމާއާ ގުޅިފައިވާ ރޯދައެއް ހިފާނަމަ (މިސާލަކަށް ނަދުރު ރޯދައެއް ނުވަތަ ކައްފާރާ ރޯދައެއް ނުވަތަ ރަމަޟާންމަހުގެ ޤަޟާ ރޯދައެއް ހިފާނަމަ) ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. އެކަމަކު ޒިންމާއާ ގުޅިފައިނުވާ ޢައްޔަންވެގެންވާ ރޯދައެއްހިފާނަމަ (މިސާލަކަށް ރަމަޟާންމަހުގެ ރޯދައެއްނަމަ) ރޭގަނޑު ނިޔަތްގަންނާކަށް ނުޖެހޭނެއެވެ. [9] މިއީ ޙަނަފީ މަޛްހަބެވެ. ޒިންމާއާ ގުޅިފައިވާ ރޯދަހިފާއިރު ރޭގަނޑުގެ ވަގުތެއްގައި ނިޔަތްގަންނަންޖެހޭ ސަބަބަކީ އެރޯދަ ހިފުމަށް ޢައްޔަންވެގެންވާ ވަގުތެއް ނެތެވެ. އެހެންވެ، އެކަން ޢައްޔަންކުރަން ޖެހެނީއެވެ. ޢައްޔަން ވެގެންވާ ރޯދަތައް ހިފާއިރު ނިޔަތާއެކު ރޭކުރަން ނުޖެހޭނެކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ އިބްނު ޢައްބާސްގެފާނުގެ އަރިހުން ވާރިދުވެފައިވާ މި ޙަދީޘެވެ. އިބްނު ޢައްބާސް ވިދާޅުވާގޮތުގައި ޝައްކު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަށްފުށުގެ މީހަކު އައިސް ހަނދު ފެނުނުކަމަށް ހެކިބަސްދިނެވެ. އެހިނދު ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި ތިމަން ކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ތިބާ ހެކިވަން ހެއްޔެވެ؟ އޭނާ، އާދޭހޭ، ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. الله أكبر، މުސްލިމުންގެ ތެރެއިން އެކަކު ފުދެއެވެ. މިހެން، ޙަދީޘްކުރައްވާ ރޯދަފުޅު ހިއްޕެވިއެވެ. އަދި މުސްލިމުންނަށް ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ. އަދި ރަށު ތެރެއަށް ގޮވާމީހަކު ފޮނުއްވިއެވެ. އޭނާ ގޮވައިލިއެވެ. ކައިގެންހުރި މީހަކުނަމަ ބާކީ އޮތްބައިގައި ނުކާހުށިކަމެވެ. ނުކައިހުރި މީހެއްނަމަ ފަހެ ރޯދަހިފާށެވެ.))[10]

ރ- ރަމަޟާންމަހުގެ ފުރަތަމަދުވަހުއްސުރެ ރޯދަ ހިފަމުން އަންނަ މީހަކަށް ނިޔަތް އައުކުރާކަށް ނުޖެހޭނެއެވެ. މިއީ ބައެއް ދަންނަ ބޭކަލުންގެ ރައުޔެވެ. އެކަމަކު ބަލިމީހަކު ނުވަތަ ދަތުރުވެރިއަކު ބައެއް ދުވަސްދުވަހު ރޯދަހިފާފައި އަނެއްބައި ދުވަސްދުވަހު ރޯދަ ނުހިފާނަމަ ރޯދަހިފާ ދުވަސްދުވަހަށް ރޯދަހިފުމަށް ނިޔަތްގަންނަން ޖެހޭނެއެވެ.

ބ- މުޅި ރަމަޟާން މަހު ރޯދަހިފުމަށް ފުރަތަމަ ރޭ ނިޔަތް ގަތުން: މިއީ މާލިކީ މަޛްހަބުގައި ހުއްދަކަމެކެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ރޯދައަކީ އެންމެ އަޅުކަމެކެވެ. އެމަހުގެ އަޅުކަން އެތައް ދުވަހަކަށް ދެމިގެންދިޔަސް އެއީ ހަމަ އެންމެ އަޅުކަމެކެވެ. މާތްﷲ ރޯދަހިފުން ފަރްޟު ކުރައްވާފައިވަނީ ރަމަޟާންމަހުގައެވެ. އެއީ ޙައްޖުފަދަ އަޅުކަމެކެވެ. ޙައްޖުގެ ތަފާތު މަނާސިކުތައް އަދާކުރާއިރު ނިޔަތްގަންނާކަށް ނުޖެހެއެވެ. އެހެންކަމުން މުޅި މަހުގައި ރޯދަހިފުމަށް ފުރަތަމަރޭ ނިޔަތް ގަނެވިދާނެއެވެ. ނަމަވެސް ޝާފިޢީން ވިދާޅުވާގޮތުގައި ހިފާ ކޮންމެ ރޯދައަކަށް ނިޔަތްގަންނަން ޖެހޭނެއެވެ. އެހެނީ ކޮންމެ ރޯދައަކީ މުސްތަޤިއްލު ވާޖިބެކެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި ރޯދައެއް ގެއްލުމުން ޤަޟާކުރާނީ މުޅިމަހުގެ ރޯދަތަކެއް ނޫނެވެ. އެކަމަކު ގެއްލުނު ރޯދައަކަށް ރޯދައެކެވެ. މިތާނގައި ބުރަވެވޭ ރައުޔަކީ ޝާފިޢީންގެ ރައުޔެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކޮންމެ ރޯދައަކީ މުސްތަޤިއްލު އަޅުކަމެކެވެ. އެހެން ދުވަހަކާ ގުޅުމެއް ނެތެވެ.

ޅ- ރަމަޟާންމަހުގެ ރޯދައަށް ނިޔަތެއް ބޭނުމެއް ނުވެއެވެ. އައްޒުހްރީއާއި ޢަޠާއާއި ޒުފަރު ވިދާޅުވާގޮތުގައި ރަމަޟާންމަހު ރޯދަހިފުމަށްޓަކައި ނިޔަތަކަށް ބޭނުމެއް ނުވެއެވެ. ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެގެން ހުރުމުން އެ ރޯދަ ޞައްޙަވާނެއެވެ.

ކ- ޑރ. ޤަރްޟާވީގެ ރައުޔު: ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗެއް ނޫނެވެ. އެހެންކަމުން ނިޔަތަކީ މަސްއަލައެއް ނޫނެވެ. އެއީ އެކަމާމެދު ހާސްވެ ކަންބޮޑުވަންޖެހޭފަދަ ކަމެއްނޫނެވެ. ހާރުކެއުމަކީ ނިޔަތެވެ. ހާރު ކެއްކުމަކީ ނިޔަތެވެ. ހާރު ކާން އެއްޗެހި ހޯދުމަކީ ވެސް ނިޔަތެވެ. ހޭނުލެވިގެން ހާރުނުކެވުނަސް އަދި ނިޔަތް ނުގަނެވުނަސް ރޯދަ ޞައްޙަވާނެއެވެ. މާދަމާ ރޯދަ ވީއްލުމަށްޓަކައި ކަންތައްތައް ތައްޔާރުކުރުމަކީ ވެސް ނިޔަތެވެ.

ރިފަރެންސް

[1]- البينة: 5
[2]- متفق عليه
[3] - بداية المجتهد، المحلى، جواهر الإكليل، އިބްނު ޙަޒްމު ގެ ރައުޔުގައި ރަމަޟާންމަހުގެ ރޯދަ އިސްތިސްނާވެގެންވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ރަމަޟާންމަހު ރޭގަނޑު ނިޔަތް ގަންނަން ހަނދާން ނެތުނުމީހާ، ހަދާންވި އިރަކުން ނިޔަތްގަތުމުން ރަނގަޅުވާނެއެވެ. އެއީ ދުވާލުގެ ކޮންމެވަގުތެއްކަމުގައިވިޔަސް މަސްއަލައެއް ނެތެވެ. ދުވާލުގެ ވަގުތުން ނިޔަތްގަނެވޭހާ މިންވަރު އޮތްނަމަ އޭނާގެ ރޯދަޞައްޙަވާނެއެވެ. އެރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.
[4]- البينة : 5
[5]- متفق عليه
[6]- رواه البخارى و البيهقى والدارقطنى والدارمى و مالك والنسائى
[7]- رواه الدار قطنى والبيهقى
[8]- رواه الدار قطنى
[9]- އެކަމަކު ޙަނަފީ މަޛްހަބުގެ އިމާމެއްކަމުގައިވާ ޒުފަރު ވިދާޅުވާގޮތުގައި ރަމަޟާންމަހުގެ ރޯދަ ޞައްޙަވުމަށްޓަކައި ނިޔަތަކަށް ބޭނުމެއްނުވާނެއެވެ. އެއީ އެމަހުގެ ދުވަސްތަކުގައި ރޯދަހިފުން ޢައްޔަން ވާތީއެވެ.

[10]- އިބްނު މަވްދޫދުލް މޫޞަލީ

comment ކޮމެންޓް