ރޯދައާ އެއްފަދަ އެހެން އަޅުކަމެއް ނެތް

ބަރަކާތްތެރި ރޯދަަހުގެ ތަރާވީސް ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ޝައްކެއްނެތް ގޮތުގައި ރޯދައަކީ އެފަދަ އެހެން މިސާލެއް ނެތް ލާމަސީލު އެއްޗެކެވެ. ލާސާނީ އެއްޗެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ( އަހުރެން ރަސޫލާ صلى الله عليه وسلمގެ އަރިހަށް ގޮސް ދެންނެވީމެވެ. އަޅުގަނޑު ކުރާނެ ހެޔޮ ޢަމަލެއްގެ ވާހަކަ ވިދާޅުވެ ދެއްވާށެވެ! އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. عليك بالصَّومِ فإنَّه لا مثلَ له [1] - ތިބާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެފަދަ އެހެން ކަމެއް ނެތެވެ. )) އެހެން ރިވާޔަތެއްގައި އައިސްވަނީ ((عليك بالصَّومِ فإنَّه لا عَدْلَ له – ތިބާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ، ހަމަކަށަވަރުން އެއާ އެއްވަރު ކަމެއް ނެތެވެ.)) ކީރިތި ރަސޫލާ ރޯދައާ އެއްފަދަ އެހެން ހެޔޮ ޢަމަލެއް ނެތްކަމަށް ޙަދީސްކުރެއްވި ފަހުން އުބާއުމާމަތުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ރޯދަފުޅު ހިއްޕެވުން ގިނަކުރެއްވިއެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އަބޫއުމާމަތުގެފާނުގެ ގެކޮޅުން ދުވާލު ދުން ފެނިއްޖެނަމަ އޭގެ މާނައަކީ އެ ގެކޮޅުގައި މެހެމާނަކު އެބައުޅެއެވެ. އަބޫ އުމާމަތުގެފާނު ދުވަސްގަނޑެއް ފަހުން ރަސޫލާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. " ކަލޭގެފާނު އަޅުގަނޑަށް ރޯދަހިފުމަށް އަމުރުފުޅު ކުރެއްވީމެވެ. އެކަމުގައި މާތް ﷲ އަޅުގަނޑުމެންނަށް ބަރަކާތްލެއްވުން އެދެމެވެ. އެއަށްފަހު އެކަލޭގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އެހެން ހެޔޮ ކަމަކަށް އަމުރުކުރައްވާށެވެ! އެހިނދު ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ. عليك بالسُّجودِ، فإنَّك لا تسجُدُ للهِ سجدةً إلا رفعك اللهُ بها درجةً، وحطَّ عنك بها خطيئةً – ތިބާގެ މައްޗަށް އޮތީ ސަޖިދަކުރުމެވެ. ފަހެ ހަމަކަށަވަރުން ތިބާ ﷲއަށް ޖަހާ ކޮންމެ ސަޖިދައަކަށް ﷲ ތިބާގެ ދަރަޖައެއް ނޫފުއްލަވާ ނުދާނެތެވެ.އަދި ތިބާގެ ފާފައެއް ފުއްސަވާ ނުދެއްވާ ނުދާނެތެވެ. ))

ރޯދައަކީ މިފަދަ ޢަމަލެކެވެ. އެއީ ތަޤްވާވެރި ކަމަށްޓަކައި ނަފްސު ތައްޔާރުކޮށްދީ ތަމްރީނުދޭ އެއްޗެކެވެ. މިތައްޔާރުވުމުގެ ތެރެއިންލައިފާ މަންޒިލުމަޤްޞޫދަށް ވާޞިލުވި މީހާއަށް އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. (( مَنْ صَامَ رَمَضَانَ إِيْمَانًا واحتسابا غُفِرَلَهُ مَاتَقَدَّمَ مِنْ ذنْبِهِ[2] - މާތްﷲއަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ޘަވާބަށާއި ދަރުމަ އަދައިގެން ރޯދަހިފިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވާނެތެވެ. ))

މާތްﷲ ޖަޒާދެއްވާ ވަރުގެ ރޯދައަކަށް ވާނީ މި މަޤްޞަދު ޙާޞިލު ކުރެވިގެންނެވެ. ހަތްސަތޭކަ ގުނައަށްވުރެ އިތުރު ސަވާބު ރޯދަވެރިޔާއަށް މާތްﷲ ދެއްވާނީ އޭނާގެ ނަފްސު ބަލަހައްޓައި ތަޤްވާވެރިވި ނަމައެވެ.

ރޯދަވެރިޔާއަށް ހުރި ސަވާބުގެ މަތިވެރިކަން އަންގަވާއިރު ރޯދަވެރިންގެ ތެރެއިން ބައެއް ރޯދަވެރިންނަށް އެއްވެސް ސަވާބެއް ލިބިގެން ނުވާކަންވެސް އަންގަވާ ބަސްފުޅުތައް އެބަހުއްޓެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( رُبَّ صَائمٍ لَيْسَ لَهُ مِنْ صَوْمِهِ إلّا الجوعُ والعطشُ [3] - ފަރެއްގައި ރޯދަވެރިއަކަށް އޭނާގެ ރޯދައިން ބަނޑު ހައިހޫނުކަމާއި ކަރުހިއްކުން ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުލިބި ހިނގައިދާނެއެވެ. ))

ހަމަ މިމޭރުމުން رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( مَنْ لَمْ يَدَعْ قَوْل الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّه حَاجَةٌ فِى أَنْ يَدَعَ طَعَامَه وَشَرَابَه[4] – ދޮގުހެދުމާއި ދޮގުހެކި ދިނުންފަދަ ޢަމަލުތައް ދޫކޮށްނުލައި (ރޯދަހިފުމަށްޓަކައި) ކެއުމާއި ބުއިން ދޫކޮށްލުމުގެ ބޭނުމެއް ﷲގެ ޙަޟްރަތުގައެއް ނުވެއެވެ. ))

މާތްﷲ އެދިވޮޑިގަންނަވާ މޭވާއާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށްގެން، ކަންދެއްކުމެއް ނެތި މާތްﷲގެ ވަޖްހު އަދައިގެން ރޯދަ ހިފިނަމައެވެ. މާތްﷲއަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖްބޫރުކަމެއް ނުވަތަ ބަރުހެލި ކަމެއްނެތި ރޯދަ ހިފުމުންނެވެ. ސަރުކާރުން އަދަބުދީފާނެތީ ނުވަތަ މައިންބަފައިންނާއި ބެލެނިވެރިން އަދަބުދީފާނެތީ ނުކައި ނުބޮއި ހުރެގެން ހިފާ ރޯދަޔަކީ ޙަޤީޤީ ރޯދައެއް ނޫނެވެ. އެފަދަ ރޯދައަކަށް އެ މަތިވެރި ސަވާބެއް ނުލިބޭނެއެވެ.

ތަޤްވާވެރި ވެވިއްޖެނަމަ އޭނާގެ ޟަމީރުވާނީ ހޭލުންތެރި ދިރިހުރި އެއްޗަކަށެވެ. އޭނާގެ ނަފްސުވާނީ ސާފު އެއްޗަކަށެވެ. އޭނާގެ އިޙްސާސްތައް ވާނީ އޯގާތެރި، ނިޔަނެތި އެއްޗަކަށެވެ. އޭނާގެ ހިތްވާނީ ނީހައެއްނެތް ސާފު އެއްޗަކަށެވެ. އޭނާ ވާނީ ޚުލްޤު ރަނގަޅު މީހަކަށެވެ. އޭނާއާ މުޖްތަމަޢާ ދެމެދުގައި އޮންނާނީ އެކުލެވުމާއި ލޯތްބާއި އީޘާރެވެ. ބައިވެރިވުމާއި އެއްބާރުލުމެވެ.

މާތްﷲ ރޯދައިގެ މޭވާ ބަޔާން ކޮށްދެއްވަމުން ވަޙީކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ[5] - އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ މައްޗަށް ރޯދަ ފަރްޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރްޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށް ޓަކައެވެ.((

މާތްﷲ މި އާޔަތުގައި މުޚާޠަބު ކުރައްވަނީ އެކަލާނގެއަށް އީމާންވި މީހުންނަށެވެ. މިފަދަ ބަސްފުޅުތަކުން މާތްﷲ އެކަލާނގެ އަޅުންނަށް ގޮވާލައްވަނީ އެބައިމީހުންގެ ސަމާލުކަން އެކަލާނގެ އަންގަވާ ކަންކަމަށް ދިނުމަށެވެ. އެއަށްފަހު ދެން އަންގަވަނީ ރޯދަ ފަރްޟުކުރެއްވި ވާހަކައެވެ. އެހެނަސް މިއީ އައު ކަމެއް ނޫނެވެ. މާތްﷲ އިސްލާމީ އުއްމަތުގެ ކުރީގެ އުއްމަތްތަކަށް ވެސް ރޯދަ ފަރްޟު ކުރައްވާފައިވެއެވެ. ދެން އަންގަވަނީ މި ފަރްޟުގެ މަޤްޞަދެވެ. އެމީހުންގެ ހިތްތައް ތަޤްވާވެރިކަމަށް ތައްޔާރު ކުރެއްވުމަށެވެ. މާތްﷲ ދެކެ ބިރުގަންނަ ބަޔަކު ކަމުގައި ލެއްވެވުމަށް ޓަކައެވެ.

މާތްﷲއަށް އީމާންވާ މީހުން މި ފަރްޟު (އަދި އެހެނިހެންވެސް ފަރްޟުތައް) އަދާކުރާނީ މާތްﷲގެ ބަސްފުޅަށް ކިޔަމަން ގަތުމުގެ ގޮތުންނެވެ. އުރެދުންތަކުން ރޯދަވެރިޔާގެ ރޯދަ ފާސިދުވުމާ ދުރުހެލިކޮށްދޭ އެއްޗަކީ ތަޤްވާވެރި ކަމެވެ.

ރޯދަޔަކީ ރޯދަވެރިޔާއާ ކުރިމަތިކުރެވޭ ޢަމަލީ ތަޖްރިބާއެކެވެ. ރޯދަ ވެރިޔާއަށް އޭނާގެ އެދުންތަކާއި ޝަހަވާތްތަކުގެ ކުރިމަތީގައި އެކަންތައްތަކާ ދެކޮޅަށް ކުރަންޖެހޭ އިމްތިޙާނެކެވެ. ރޯދަވެރިޔާ މިކަންތައްތަކާ ދުރުހެލިވަނީ މާތްﷲ އަންގަވައިގެން އެކަލާނގެއަށް ކިޔަމަން ގަތުމަށްޓަކައެވެ.

މާތްﷲ ރުއްސުންލެއްވި އުއްމު ހާނީގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (( إنَّ أمَّتي لن تُخزى ما أقاموا شهرَ رمضانَ [6]-ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ އުއްމަތް ރަމަޟާންމަސް ޤާއިމުކުރާނަމަ [ޚިޒްޔު] ވެގެން ނުދާނެއެވެ. އެހިނދު މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ما خِزيُهم في إضاعةِ شهرِ رمضانَ قال انتهاكُ المحارِمَ فيه مَن زنى فِيْهِ أو شرِبَ خمرًا لم يتقبَّلِ اللهُ منه ولعنهُ اللهُ والملائكةُ والسَّماواتُ إلى مثلهِ من الحَوْلِ فإنْ مات قبلَ أنُ يُدرِكَ شهرَ رمضانَ فليس له عندَ اللهِ حسنةٌ يتَّقي بها ألا فاتَّقوا شهرَ رمضانَ فإنَّ الحسناتِ تُضاعَفُ فيه ما لا تُضاعَفُ فيما سواهُ وكذلك السَّيِّئاتُ [7]– ރަމަޟާން މަސް ނަގައިލުމުގައި އޮތް އެމީހުންގެ ޚިޒްޔަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ މާތްﷲ ޙަރާމުކުރެއްވި ކަންތައްތަކަށް އަރައިގަތުމެވެ. އެމަހުގައި ރާބުއި މީހާއަށާއި ޒިނޭކުރި މީހާއަށް މާތްﷲ އާއި މަލާއިކަތުން ލަޢުނަތް ލައްވާނެތެވެ. އަދި އުޑުތަކުގައި އުޅޭހާ ބަޔަކުވެސް ލަޢުނަތް ލާނެތެވެ. މި ލަޢުނަތް އަނެއް އަހަރާ ހަމައަށް ދެމިގެން ދާނެއެވެ. އަނެއް ރަމަޟާން މަސް އައުމުގެ ކުރިން އޭނާ މަރުވެއްޖެނަމަ ނަރަކައިން ރައްކައުތެރިވާނެ ހެޔޮކަމެއް އޭނާއަށް ﷲގެ ޙަޟްރަތުގައި ލިބިގެން ނުވާނެއެވެ. ފަހެ ތިޔަބައިމީހުން ރަމަޟާންމަހު މާތްﷲއަށް ތަޤްވާވެރިވާށެވެ. އެމަހުގައި ހެޔޮކަންތައްތަކުގެ ސަވާބު އެހެން މަސްމަހުގައި އިތުރުނުކުރައްވާ މިންވަރަށް އިތުރުވެގެން ވެއެވެ. ހަމައެފަދައިން ނުބައި ކަންތައްތަކުގެ ޢަޒާބުވެސް އިތުރުވެގެން ވެއެވެ. ))

މާތްﷲ ގެ ލޮބުވެތި ރަސޫލާ عليه الصلاة والسلام ޙަދީސް ކުރެއްވިއެވެ.(( مَنْ صَامَ رَمَضَانَ فَعَرَفَ حُدُودَه وتحفظ مِمَّا ينبغى أن يحفظ منه كُفِّرَ ما قبله [8]– ރޯދައިގެ އިންތައް ދެނެގަނެގެން އަދި ރޯދަވެރިޔާ ރައްކައުތެރި ވާންޖެހޭ ކަންތައްތަކަށް ރައްކައުތެރިވެގެން ރަމަޟާންމަހު، ރޯދަ ހިފިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.))

އެހެންކަމުން ޙަޤީޤީ ރޯދައަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫނެވެ. އެއީ މީގެ އިތުރަށް ދުލާއި ބޮލާއި ބަނޑާއި ގުނަވަންތައް ރައްކައުތެރި ކުރުންވެސް އެކަމުގައި ހިމެނޭ ކަމެކެވެ.

ރޯދަވެރިންގެ ތެރޭގައި ހައިހޫނުކަމާއި ކަރުހިއްކުން ފިޔަވައި އެހެން މަންފާއެއް ރޯދައިން ޙާޞިލުނުވާ ކިތައް ރޯދަވެރިން އެބައުޅޭތޯއެވެ؟ އަބޫހުރައިރަތުގެފާނު އަރިހުން ވާރިދުވެފައިވާ މި ޙަދީސް ބަސްފުޅުގެ މުރާދުގައި ބައެއް ދަންނަބޭކަލުން ވިދާޅުވަނީ އެއީ ޙަރާމް އެއްޗެހިން ރޯދަވީއްލާ މީހާއެވެ. އަނެއްބައި ދަންނަބޭކަލުން ވިދާޅުވާގޮތުގައި އެއީ ނެތިމޮށުމާއި ޣީބަބުނުން ފަދަ ކަންތައްތަކުން މީސްތަކުންގެ މަސްކައިހަދާ މީހުންނެވެ.

މިހެންވެ، ރޯދަވެރިޔާ ރޯދަ ވީއްލަންޖެހޭނީ ޙަލާލު އެއްޗެހިންނެވެ. ހާރުކާން ޖެހޭނީ ޙަލާލު އެއްޗެހިންނެވެ. ރޯދަވީއްލާ ވަގުތު ރޯދަވެރިޔާ ކުރާ ދުޢާ އިޖާބަކުރައްވާނީ އޭރުންނެވެ.

ރިފަރެންސް:
[1] - أخرجه النسائي (٢٢٢٠)، وأحمد (٢٢١٤٠)
[2] - أخرجه البخاري (١٩٠١)، ومسلم (٧٦٠)، وأبو داود (١٣٧٢)، والترمذي (٦٨٣)، والنسائي (٢٢٠٢) وابن ماجه (١٣٢٦) وأحمد (٧٢٨٠)
[3] - أخرجه ابن ماجه (١٦٩٠)، والنسائي في «السنن الكبرى» (٣٢٤٩)، وأحمد (٨٨٤٣)
[4] - أخرجه البخاري (١٩٠٣)، وأبو داود (٢٣٦٢) والترمذي (٧٠٧)، والنسائي في «السنن الكبرى» (٣٢٤٦)، وابن ماجه (١٦٨٩)، وأحمد (١٠٥٦٢)
[5] - البقرة : 183
[6] - أخرجه الطبراني في المعجم الأوسط ٥‏/١١٢
[7] - أخرجه الطبراني في المعجم الأوسط ٥‏/١١٢
[8] - أخرجه أحمد (١١٥٢٤)، وابن حبان (٣٤٣٣)، والبيهقي (٨٧٦٨)

comment ކޮމެންޓް