އައިވީއެފް އަދި އައިޔޫއައިގެ ފަރުވާއަށް އެދެން ހުޅުވާލައިފި

އާޓިފިޝަލް ބީޗްގައި ބޭއްވި އިވެންޓެއްގައި ކުޑަކުދިންތަކެއް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ދަރިމައިވުމަށްޓަކައި ހޯދާ "އައިޔޫއައި" އަދި "އައިވީއެފް"ގެ ފަރުވާތައް އަމިއްލަ ޚަރަދުގައި ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް މެދުވެރިކޮށް، އިއްޔެއިން ފެށިގެން އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އަދި ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މި އަހަރު "އައިވީއެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ. އެ ގޮތުން އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފްގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.

މީގެ އިތުރުން އާސަންދަ ސްކީމް މެދުވެރިކޮށް އައިޔޫއައިގެ ފަރުވާ ފޯރުކޮށްދެވޭނީ، ސްކީމް މެދުވެރިކޮށް މި ޚިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، މިކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ތިން ފަހަރަށް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އާސަންދައިގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފަސޭހަ ކަމާއެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ކުރިއަށްއޮތް ހަފުތާގައި ހުޅުވާލާނެ ކަމަށް އިއުލާނުގައިވެއެވެ.

އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު ވަނީ އެންސްޕާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

އެންސްޕާއިން ބުނެފައިވަނީ އައިވީއެފްގެ ފަރުވާ އާސައިންގެ ތެރެއިން ހަމަޖައްސައިދިނުމަށް އެދޭ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް، އެ ލިސްޓު އާއްމުކޮށް ޝާއިޢު ކުރާނެ ކަމަށެވެ. އަދި މި އަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް، ފޯމު ހުށަހެޅުމަށް 2025 ވަނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ފުރިހަމަކުރުމަށް ފަހު އާސަންދަ ކުންފުންޏަށް ހުށަހަޅާތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ފޯމަށް ގޮތެއް ނިންމުމަށްފަހު އެސްއެމްއެސް ނުވަތަ އީމެއިލްގެ މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އަންގާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް