ރަމަޟާންމަހުގެ ރޯދަ ފަރްޟުކުރެއްވެމުން އައި ގޮތް

ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ ފަރްޟުކުރެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ.[1] އަލްއިމާމު އައްނަވަވީ ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނު 9 އަހަރު ރޯދަފުޅު ހިއްޕެވިއެވެ. އެހެނީ، އެކަލޭގެފާނު ހިޖްރައިން 11ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހު ސުވަރުގެ ވަޑައިގެންފިއެވެ.

އިބްނު ކަޘީރު ވިދާޅުވާގޮތުގައި ރޯދަ ފަރްޟުކުރެއްވުމުން ފުރަތަމަ އޮތީ ރޭގަނޑު ނިދައިފިނަމަ އޭނާއަށް ކެއުމާއި ބުއިމާއި އަނބިފިރިކަމުގެ ގުޅުންތައް އަނެއްދުވަހު އިރުއޮއްސެންދެން ޙަރާމްވާ ގޮތަށެވެ.

އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ރޯދަހިފުން ފުރަތަމަ އޮތީ، ކުރީގެ އުންމަތްތަކުގެ މައްޗަށް އޮތްގޮތަށް މަހަކު ތިން ދުވަހުއެވެ. މުޢާޛާއި އިބްނު ޢައްބާސާއި އިބްނު މަސްޢޫދު ފަދަ ބޭބޭކަލުން ވިދާޅުވާގޮތުގައި ނޫޙުގެފާނުގެ ޒަމާނުއްސުރެ ރޯދަހިފުން އޮތީ މިގޮތަށެވެ. މިކަން މަންސުޚުވީ ރަމަޟާންމަހު ރޯދަހިފުން ފަރްޟު ކުރެއްވުމުންނެވެ.[2]

ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި ރަމަޟާން މަހުގެ ކުރިން ޢާޝޫރާދުވަހު ރޯދަހިފިއެވެ. ރަމަޟާންމަހުގެ ރޯދަ ފަރްޟުކުރެއްވުމުން ރަސޫލުﷲގެފާނު ޢާޝޫރާދުވަހާ ބެހޭގޮތުން ޙަދީޘް ކުރެއްވިއެވެ. ބޭނުން މީހަކު އެދުވަހު ރޯދަހިފާށެވެ. އަދި ބޭނުން މީހަކު ރޯދަ ނުހިފާށެވެ! [3]

މުޢާޛު ބިން ޖަބަލުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވާ ގޮތުގައި، ރަސޫލުﷲގެފާނު މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު ކޮންމެމަހަކު ތިންދުވަހުގައްޔާއި ޢާޝޫރާ ދުވަހުގައި ރޯދަ ހިއްޕެވިއެވެ. އެއަށްފަހު ރަމަޟާންމަހު ރޯދަހިފުން ފަރްޟު ކުރެއްވުމާބެހޭ އާޔަތް ބާވައިލައްވައިފިއެވެ. އެއީ: يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ[4] - އެވެ. މިއާޔަތް ބާވައިލެއްވުމުން ރޯދަހިފަން ބޭނުންވާމީހުން ރޯދަހިއްޕެވެ. ރޯދަހިފަން ބޭނުން ނުވާމީހުން މިސްކީނުންނަށް ކާންދީ ފިދްޔަ ދިނެވެ. އެއަށްފަހު ބާވައިލެއްވި އާޔަތަކީ (( شَهْرُ‌ رَ‌مَضَانَ الَّذِي أُنزِلَ فِيهِ الْقُرْ‌آنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْ‌قَانِ فَمَن شَهِدَ مِنكُمُ الشَّهْرَ‌ فَلْيَصُمْهُ وَمَن كَانَ مَرِ‌يضًا أَوْعَلَىٰ سَفَرٍ‌فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌ يُرِ‌يدُ اللَّهُ بِكُمُ الْيُسْرَ‌ وَلاَ يُرِ‌يدُ بِكُمُ الْعُسْرَ‌وَلِتُكْمِلُواالْعِدَّةَ وَلِتُكَبِّرُ‌وااللَّهَ عَلَىٰ مَاهَدَاكُمْ وَلَعَلَّكُمْ تَشْكُرُ‌ونَ[5] - رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.)) މިއާޔަތެވެ.

މިހިސާބުން ދަތުރުވެރިންނާއި ބަލިމީހުން ފިޔަވާ އެހެން އެންމެން ރޯދަހިފަން ފަށައިފިއެވެ. ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންނަށް (މުސްކުޅިން) ރޯދަ ނުހިފޭތީ މިސްކީނުންނަށް ކާންދިނެވެ. އޭރުއޮތީ އިރުއޮއްސުމަށްފަހު ނުނިދާނަމަ ކެއުމާއި ބުއިމާއި އަނބިފިރިކަމުގެ ގުޅުން ހުއްދަވެފައެވެ. ނަމަވެސް ނިދައިފިނަމަ އަނެއް ދުވަހުގެ އިރުއޮއްސެންދެން އެއިންކަމެއް ކުރުން މަނާ ވާނެއެވެ. މިހެން މިކަންތައް ހިގަނމުންދަނިކޮށް އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ ޞުރްމާ ބިން މާލިކު މުޅިދުވާލު މަސައްކަތް ކުރައްވާފައި އިރުއޮއްސުމުން ގެއަށްވަޑައިގެން ޢިޝާނަމާދު ނަމާދު ކުރެއްވުމަށްފަހު ޖައްސައިލެއްވިއެވެ. ވަރުބަލިފުޅުވެފައި ވާލެއް ބޮޑުކަމުން އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. އެހެންކަމުން އަނެއްދުވަހު ރޯދައަށް ހުންނަވަން ޖެހިވަޑައިގަތީ އެއްޗެއް ފަރިއްނުކުޅުއްވައެވެ. އޭނާ ވަރުފުޅު ދެރަވެފައި ވަނިކޮށް ރަސޫލުﷲގެފާނަށް ފެނިވަޑައިގެން ސުވާލު ކުރެއްވިއެވެ. އަދި ހަމައެރޭ އަވަހާރަފުޅު ލެއްޕެވުމަށްފަހު ޢުމަރުގެފާނަށް ވަނީ އަނބިކަމަނާގެ އަރިހަށް ވަޑައިގެންނެވިފައެވެ. ޢުމަރުގެފާނުވެސް މިވާހަކަ ރަސޫލުﷲގެފާނަށް ދެންނެވިއެވެ. މި ދެ ހާދިސާއާ ގުޅިގެން މާތްﷲ މިއަންނަ އާޔަތް ބާވައިލެއްވިއެވެ. [أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّ‌فَثُ إِلَىٰ نِسَائِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ عَلِمَ اللَّـهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ فَالآنَ بَاشِرُ‌وهُنَّ وَابْتَغُوا مَاكَتَبَ اللَّـهُ لَكُمْ وَكُلُوا وَاشْرَ‌بُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ‌ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ وَلا تُبَاشِرُ‌وهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللَّـهِ فَلاَ تَقْرَ‌بُوهَا كَذَٰلِكَ يُبَيِّنُ اللَّـهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ[6]- ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް خيانة ތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައި، ތިޔަބައިމީހުންގެ ކިބައިން عفو ކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: جماع ވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجر ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި اعتكاف އަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: جماع ނުވާށެވެ!) އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން اللَّه، އެކަލާނގެ آية ތައް މީސްތަކުންނަށް بيان ކޮށް ދެއްވަނީ އެއުރެން تقوى ވެރި ވުމަށްޓަކައެވެ. ))

މުސްލިމުންގެ މައްޗަށް ރޯދަ ފަރްޟުކުރެއްވި ފަދައިން، ކުރީގެ އުންމަތްތަކުގެ މައްޗަށް މާތްﷲ ރޯދަ ފަރްޟުކުރެއްވިކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. އެހެނީ މާތްﷲ ރޯދަ ފަރްޟުކުރެއްވުމާ ބެހޭގޮތުން ބާވައިލެއްވި އާޔަތުގައި ވަރަށްސާފު ޞަރީޙަ ބަސްފުޅުން އެކަން އަންގަވައިފާވެއެވެ. يَاأَيُّهَا الَّذِينَ آمَنُواكُتِبَ عَلَيْكُمُ الصِّيَامُ كَمَاكُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ[7]- އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެމީހުންގެ މައްޗަށް ރޯދަ ފަރްޟުކުރެއްވުނު ފަދައިން ތިޔަބައި މީހުންގެ މައްޗަށް ރޯދަ ފަރްޟުކުރެވިއްޖެއެވެ.]

ދަންނަ ބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައިވަނީ ރޯދަ ހިފިގޮތާއި ރޯދަހިފި ދުވަސްތަކާ ބެހޭގޮތުންނެވެ.

1- ބައެއްބޭކަލުން ވިދާޅުވާގޮތުގައި އެމީހުން ރޯދަ ހިފާފައިވަނީ ރަމަޟާން މަހަކު ނޫނެވެ. އެކަމަކު ކޮންމެ މަހަކު 3 ދުވަހުއެވެ. މިއީ މުޢާޛުގެފާނާއި އިބްނުޢައްބާސާއި އިބްނުމަސްޢޫދާއި ޢަޠާއާއި ޤަތާދާގެ ރައުޔެވެ.

2- އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި އެމީހުން ރޯދަ ހިފާފައިވަނީ ރަމަޟާން މަހުގައެވެ. މިއީ އިބްނުޢުމަރުގެ ރައުޔެވެ. އިބްނު ޢުމަރުގެ އަރިހުން އިބްނު އަބީ ޙާތިމު ރިވާކުރެއްވިއެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. [ރަމަޟާންމަހުގެ ރޯދައަކީ ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މައްޗަށް ފަރްޟުކުރެއްވި ކަމެކެވެ.]

ރިފަރެންސް:
[1]- މިއީ ހުރިހާ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަތްފައިވާ ކަމެކެވެ.
[2]- تفسير ابن كثير
[3]- رواه الشيخان
[4]- البقرة: ١٨٣
[5]- البقرة: ١٨٥
[6]- البقرة: ١٨٧
[7]- البقرة: ١٨٣

comment ކޮމެންޓް