ވަށައިގެން އޮތީ މާސިންގާ ކަނޑެވެ. ރާއްޖޭގެ 90،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދުގެ ތެރެއިން ހިކިފަސް ބިމަކީ އެންމެ 298 އަކަކިލޯމީޓަރެވެ. ބިމަށްވުރެ ބަލަހައްޓަންޖެހޭ ކަނޑުގެ ސަރަހައްދު އެތައް ގުނައެއް ބޮޑުކަމުގައިވީ ނަމަވެސް ދިވެހި އަސްކަރިއްޔާގައި އޮތް މެދުމިނުގެ ދެތިން މަނަވަރަކާއެކު މުޅި ރާއްޖެ ބެލެހެއްޓުން ވެފައި އޮތީ މިއަދާ ހަމައަށް ވެސް ބޮޑު ދައްޗަކަށެވެ.
މިނިވަން ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް އެހެން ބަޔަކު އެހީ ނުދީފިނަމަ އަމިއްލަ ސަރަހައްދު ބެލެހެއްޓޭނެ ހަމަ އެއް ގޮތެއް ވެސް ނެތެވެ. ދަތި މަގަކުން ދިއުން ނޫން ގޮތެއް ނެތެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުމާއި ނިޒާމު ގާއިމްކުރުމުގެ ވިސްނުން ވެސް މީގެކުރިން ވެރިން ގެންގުޅެފައި ނެތީއެވެ. ފަހަރުގައި އެއީ 'ރާއްޖެ މާ ކުޑައީ' ކަމަށް ވިސްނީތީކަމަށް ވެދާނެއެވެ.
އެހެންނަމަވެސް މުޅި ތާރީޚުގައި ރެއަކީ ދިވެހީންނަށާއި، ދިވެހި އަސްކަރިއްޔާއަށް ފަޚުރުވެރި ރެއެކެވެ. އާ ސަރުކާރަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިވީ ހަތަރު މަހެއްހައި ދުވަހުގެ ތެރޭ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ލޯންޗުކޮށްދެއްވައި ދިވެހި ސިފައިންގެ ވައިގެ ޚިދުމަތުގެ ކޯ އިފްތިތާހުކޮށްދެއްވީއެވެ.
"ހަތުރުންނާއި މިތުރުން ހައިރާންކޮށްލި ކާމިޔާބަކުން" އެ ދެއްވީ އާދައިގެ މެސެޖެއް ނޫނެވެ. މިއީ ދިވެހި ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތުގެ ބޭރަށް އަޅައިފައި އޮތް ރަތްރޮނގު ފަހަނައަޅައި ހަމަ އެއްވެސް ބަޔަކަށް ނުދެވޭނެކަމުގެ ފުރިހަމަ ޔަގީންކަމެކެވެ.
ސިފައިންގެ ވައިގެ ޚިދުމަތުގެ މާޒީ
ދިވެހި ސިފައިންގެ ޚިދުމަތުގެ ތެރެއިން އެންމެ ފުރަތަމަ ވައިގެ ޚިދުމަތް ދޭން ފެށީ 1974ވަނަ އަހަރެވެ. 1975ވަނަ އަހަރު އެއާކްރާފްޓު ސެކްޝަނެއް އުފައްދައި ހަތަރު އޮފިސަރުންނާއެކު އޭރު މަސައްކަތް ފެށިއެވެ. އެ އޮފިސަރުންގެ ތެރެއިން ބައެއް ބޭފުޅުން އިންޑިއާއާއި ސްރީލަންކާއިން ޕައިލެޓުކަމުގެ ތަމްރީނު ހާސިލްކޮށް، ސޯލާ ފްލައިޓުތައް ދުއްވުމުގައި ވެސް ހަރަކާތްތެރިވެފައިވެއެވެ.
އޭރު އުފެދުނު އެއާކްރާފްޓު ސެކްޝަން ދިފާއީ ވުޒާރާގެ ދަށުން ހިންގަމުން އައި ނަމަވެސް 1991ވަނަ އަހަރު ކޯސްޓުގާޑުގެ ދަށަށް ބަދަލުކުރެވުނު ނަމަވެސް 1994ވަނަ އަހަރު އެ ސެކްޝަން އުވައިލީއެވެ. އެއާއެކު ގާތްގަނޑަކަށް 15 އަހަރުގެ މެދުކެނޑުމަކަށްފަހު، އަނެއްކާ ވެސް 2009ވަނަ އަހަރު އެއާ ވިންގުގެ ނަމުގައި ސިފައިންގޭގައި ވައިގެ ޚިދުމަތުގެ ޔުނިޓެއް އުފެއްދިއެވެ.
"ތާރީޚީ ފަތްފުށްތަކުން ފެންނަ ގޮތުގައި ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ޚިދުމަތެއް ބޭއްވުމަށް ޓަކައި އެކި ދުވަސްވަރު އެކި ލީޑާޝިޕްތަކުން ކުރައްވައިފައިވާ މަސައްކަތް ފެންނަން އެބައޮތް،" ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.
މި ދިގު ތާރީޚު އަސްކަރިއްޔާގެ ތެރޭގައި އޮތް ނަމަވެސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ތާރީޚުގެ ބޮޑު ބައެއްގައި މި ޚިދުމަތް ދެމުން އައީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެންނެވެ. ނަމަވެސް މި ސިޔާސަތު ބަދަލުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމާއެކު ހިންގޭނެ އެއާ ކޯއެއް އުފެއްދުމުގައި މަސައްކަތްކޮށްދެއްވި އިސް މޭސްތިރިއަކީ ރައީސް ޑރ. މުއިއްޒުކަަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި ގޮތުން ބަދަލުކުރުމުގެ ސިޔާސަތަކާއެކު ދިވެހި ގައުމުގެ ދިފާއުގައި ދިވެހިން އަމިއްލައަށް ފައިމައްޗަށް ތެދުވާންޖެހޭނެކަމަށް ވިދާޅުވެ ދިވެހި އަސްކަރިއްޔާގައި އެއާ ކޯ އުފެއްދެވުމުގެ އެންމެ އިސް މޭސްތިރިއަކީ އިއްޒަތްތެރި ކޮމާންޑާ އިން ޗީފް. ޒަމާނީ ވަސީލަތްތަކާއެކު ޔޫއޭވީ ހޯއްދަވައިދެއްވައި ސިފައިންގެ އަސްކަރީ ގާބިލުކަން މިއަދު މި ވަނީ އެތައް ގުނައެއް މައްޗަށް ޖައްސަވައިދެއްވައިފައި،" މިއީ ގައުމީ ސަލާމަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، ޗީފް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ބިޔަ މަސައްކަތާއެކު މިއަދު ކަށަވަރުވާ ކަމަކީ ދިވެހި އަސްކަރިއްޔާގެ ކިބައިގައި ރާއްޖެ ބަލަހައްޓައި ދިފާއުކުރުމުގެ ގާބިލްކަން އޮތްކަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކަންބޮޑުވާކަށް ނުޖެހޭ، މިއީ ހަތުރުވެރިކަމެއް ނޫން، އަމިއްލަ ފައިމައްޗަށް ތެދުވުން
މިނިވަން ގައުމެއްގެ ގޮތުގައި، ހަގީގީ މާނައިގައި އޮތުމަށް ޓަކައި މިއީ ރާއްޖެއިން ކުރަން ލަސްވެއްޖެ ކަމެކެވެ. މިއީ ރާއްޖޭގެ އިގްތިޞާދީ ލޭނާރުކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ބިނާވެފައިވާ ކަނޑުފަޅުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ޓަކައި ކުރަންޖެހޭ ކަމެކެވެ. މިއީ މި މާސިންގާ ކަނޑުގައި ހިޔަނީގެ ނިވަލުގައި ތިބެ ހިންގާ އެކި ކުށްތައް ހުއްޓުވަން ކޮންމެހެން ގާއިމްކުރަން ޖެހިފައި އޮތް މުހިންމު ޚިދުމަތެކެވެ.
މިއީ އަސްކަރީ ގޮތުންނާއި، އިގްތިޞާދީ ގޮތުން ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުކުރުމަށް ޓަކައި ކުރަންޖެހިފައި އޮތް ގައުމީ މަސައްކަތެކެވެ.
މިއީ ކޮންމެހެން ބަޔަކާ ހަތުރުވެރިވެ ހަނގުރާމައަކަށް ދާން ކުރާ ކަމެއް ނޫނެވެ. މި ކަމާ އެއްވެސް ބަޔަކު ކަންބޮޑުވާން ޖެހޭ ސަބަބެއް ވެސް ނެތެވެ. މި ކަމަށް ފާޑު ކިޔަންވީ ސަބަބެއް ވެސް ނެތެވެ.
ކަންބޮޑުވާންޖެހޭ ކަމަކީ، އެއްވެސް ބަޔަކު ރާއްޖޭގެ މި މަސައްކަތާ ދެކޮޅު ހެދުމެވެ.
"އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމަކާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން. ކަންބޮޑުވާނަމަ އެއީ އަދި މާ ކަންބޮޑުވާން އަޅުގަނޑުމެން ޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ސަރަހައްދު، އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ ބަލަހައްޓާނީ އަޅުގަނޑުމެން. މިއީ އަޅުގަނޑުމެންގެ ހައްގެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ މެސެޖު ވަރަށް ސާފެވެ. މި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި ގައުމިއްޔަތަށް ލޮޅުން އަރުވައިލުމަށް ހަމަ އެއްވެސް ބަޔަކު ރަތްރޮނގު ފަހަނައަޅައިދާން އެންމެ ޚިޔާލެއް ވެސް ކޮށްގެންނުވާނެއެވެ. އެ ރަތްރޮނގު ފަހަނައަޅައި ދާން ވިސްނައި ފާރަލާން ތިބެގެން ވެސް ނުވާނެއެވެ.
"17 ނޮވެމްބަރުގައި ރައްޔިތުންނާ މުޚާތަބުކޮށް އަޅުގަނޑު އެންމެ ފުރަތަމަ ދެއްކި ވާހަކައިގައި މި ވާހަކަ ދެއްކިން. ދިވެހީންގެ މިނިވަންކަމުގެ ރަތްރޮނގު އަޅުގަނޑު ދަމާނީ ވަރަށް ފަލަކޮށޭ. އެ ރަތް ރޮނގުގެ އެތެރެއަކަށް ހަމަ އެއްވެސް ބަޔަކަށް ވަނުމުގެ ހައްގެއް ނޯންނާނޭ. އެ ކަން ކުރުމުގެ ފުރުސަތެއް ހަމަ ހިލާ އިރާދަކުރެއްވިއްޔަކާ ނުދޭނަމޭ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ބައިރަކްތާރު ޓީބީ2: އާދައިގެ ޔޫއޭވީތަކެއް ނޫން
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ގައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުކަމަށްވާ، ތުރުކީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ރައީސް ހުށަހެޅުއްވި އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ އެހީތެރިކަމުގެ ގުޅުމެއް ގާއިމްކުރެވިދާނެ ގޮތެއް ހޯދުމެވެ.
އެ ހުށަހެޅުމަށް އިޖާބަ ދެއްވަވައި، ހިލޭ ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވައި، ރާއްޖެއަށް ޔޫއޭވީތައް ލިބޭނެ މަގު ތުރުކީ ސަރުކާރުން، ރައީސް އުރުދުޣާން ފަހިކޮށްދެއްވެވިއެވެ.
"އެ މަނިކުފާނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ތުރުކީގައި އުފައްދާ 'ބައިރަކްތާރު ޓީބީ2' ޔޫއޭވީތަކަކީ ތުރުކީގެ ބައިކާރު ކުންފުނީގެ އުފެއްދުންތަކެކެވެ. މިއީ މީޑިއަމް އަލްޓިޓިއުޑް ނުވަތަ މެދުމިނުގެ އުސްމިނެއްގައި ގިނައިރުތަކަކަށް މެދުނުކެނޑި އުދުހުމުގެ ގާބިލުކަން ލިބިފައިވާ ޔޫއޭވީތަކެކެވެ.
މި ޓެކްނޮލޮޖީ ތުރުކީއަށް އައުމުގެ އަސްލަކީ މިފަދަ ޑްރޯންތައް ތުރުކީއަށް އެތެރެކުރުމަށް އެމެރިކާއިން ކުރިމަތިކުރުވި ފިއްތުންތަކެވެ. އެއާއެކު، މިފަދަ ޑްރޯންގެ ޓެކްނޮލިޖީއާއި، މި ދާއިރާއާ ގުޅޭގޮތުން އެމެރިކާގެ ޕެންސްލެވޭނިއާ ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކޮށްފައިވާ ތުރުކީގެ ރައްޔިތެއްކަމަށްވާ ސެލްޖުކް ބޭރަކްތާރު އެނބުރި ތުރުކީއަށް ގޮސް އެ ގައުމުގައި މި ޑްރޯން އުފެއްދުމުގެ މަސައްކަތް ފެށިއެވެ. އަދި ތުރުކީގެ އަސްކަރިއްޔާއިން އޭނާގެ ބޭނުން ހިފައި އަމިއްލަ ގައުމުގެ ދިފާއު ވަރުގަދަކުރުމުގެ މަސައްކަތް ކުރިއެވެ.
އޭނާގެ މި ޑްރޯންތައް އެންމެ ފުރަތަމަ ޓެސްޓުކުރީ 2014ވަނަ އަހަރެވެ. 2015ވަނަ އަހަރު ތުރުކީގެ އަސްކަރިއްޔާގައި ޑްރޯންތައް ބޭނުންކުރަން ފެށިއެވެ. އަދި 2020ވަނަ އަހަރުގެ ތެރޭ ބައިނަލްއަގްވާމީ ދުނިޔެއަށް ތައާރަފްވިއެވެ.
ޑްރޯންގެ ސިފަތައް:
- ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުރޭ
- ގާތްގަނޑަކަށް 700 ކިލޯ އުޅަނދުގެ ބަރުދަނުގައި ހުރޭ
- އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރޭ
- 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއްވޭ
- 70 އާއި 120 ނޮޓުގެ ދުވެލީގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެ
- 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ލިބިގެންވޭ
މަސްވެރިންނަށް މަސް އައިން ހޯދަން ފަސޭހަވީއެވެ. ކަނޑަށް ގެއްލޭ މީހަކު ހޯދުމުގެ މަސައްކަތް ފަސޭހަވީއެވެ. ކޯސްޓުގާޑު އުޅަނދުގެ ރާޑަރަށް ނާރައި އޮތް ސަރަހައްދުގައި ތިބި ކުށުގެ ޑީލަރުން، ދިވެހި އަސްކަރީ ވައިގެ ޚިދުމަތުގެ ރާޑަރުތަކުން ނެއްޓި ފިލާނެ ހުރިހާ މަގެއް ބަންދުވީއެވެ. ބަޔަކު ކަމެއް ކޮށްދޭނެކަމަށް ބުނެ ކިޔައި ހަދަން ދެން ނުޖެހޭނެއެވެ.
މިއީ ގައުމީ ލޭ ހިނގާ ދިވެއްސެއްނަމަ ފަޚުރުވެރިވުން ހައްގު ކަމެކެވެ.
ބަޔަކާ އެކީ ގުޅިގެން މަސައްކަތްކޮށް، އެހީތެރިކަމަށް އެދި އެހީ ހޯދުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ގޯސްވަނީ ބަޒޯސާވުމުގެ ސަގާފަތެއް އަށަގަނެ، އަމިއްލަ ގައުމުގެ ބާރުތައް ސޮއްސައިލައިގެން ދާއިރު ވެސް މާ ބޮޑު ކަމަކަށް ނުވާ ހިސާބުންނެވެ.
އެ ގޮތް ކަމު ނުދިޔައީތީ މިއަދު ދިވެހި އަސްކަރިއްޔާގައި އެ ގާބިލުކަން މިއޮތީ ގާއިމުކޮށްފައެވެ. މިއާއެކު އޮތް ޔަގީންކަމަކީ މުސްތަގުބަލުގައި މި ޚިދުމަތް އިތުރަށް ވަރުގަދަވެ ފުޅާވެގެން ދިއުމެވެ.