ފަހު ވަގުތު ހޯދި މޮޅާ އެކު ލެވަކޫސަން ކުއާޓާއަށް

ލެވަކޫސެންގެ ފްރިމްޕޮން ގަރަބާގްގެ ގޯލަށް ބޯޅަ ފޮނުވާލަނީ -- ފޮޓޯ/ ފްލޭޝްސްކޯ ޑޮޓް ކޮމް

ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނު ބުންޑަސްލީގާގެ ބަޔާ ޒީރޯފޯ ލެވަކޫސެން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ލެވަކޫސެން ޖާގަ ހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި އަޒަރުބައިޖާން ޕްރިމިއާ ލީގުގެ ގަރަބާގާ ބައްދަލުކޮށް 5-4ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ގަރަބާގްގެ ދަނޑުގައި ކުޅެ 2-2 އިން ދެ ޓީމު ވީ އެއްވަރެވެ. އަދި ލެވަކޫސެންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު 3-2އިން ކާމިޔާބު ކުރީ ލެވަކޫސެންއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ގަރަބާގްއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ޒޮއުބީރުއެވެ. މެޗުގައި ދެން ފެނިގެންދިޔައީ ގަރަބާގްގެ ޑިފެންޑާ އެލްވިން ސަފަރުގުލިޔޭވްއަށް މެޗުގެ 63 ވަނަ މިނެޓުގައި ރަތްކާޑު ދައްކާ ފޮނުވާލިތަނެވެ. މިއާ އެކު ގަރަބާގް ބަލިކަށި ވެގެންދާނެކަމަށް ހީވެގެންދިޔަ ނަމަވެސް މި ހާދިސާ ހިނގިތާ ހަތަރު މިނެޓު ފަހުން ޖުނީނިއޯ ޖަހާދިން ލަނޑާ އެކު ގަރަބާގްއިން އެ ޓީމުގެ ލީޑު ފުޅާކުރިތަން ފެނިގެންދިޔައެވެ.

މެޗު ލެވަކޫސެން ކޮޅަށް ބަދަލުވެގެންދިޔައީ 72 ވަނަ މިނެޓުގައި ލެވަކޫސެނަށް މެޗުގައި ފުރަތަމަ ލަނޑު ޖެހުނު ހިސާބުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެރެމީ ފްރިމްޕޮންއެވެ. މި ނަތީޖާގައި އޮވެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކުމާ އެކު އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުން ގަރަބާގުން ތާރީހީ ކާމިޔާބީއެއް ލެވަކޫސެންގެ މައްޗަށް ހޯދަފާނެކަމަށް ހީވެގެންދިޔައެވެ.

ނަމަވެސް މިހީ ބަދަލުވެގެންދިޔައީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޕެޓްރިކް ޝިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި، އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ޝިކް ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު މުޅި ބޭއެރީނާ ސްޓޭޑިއަމް އެއް އަޑަކުން ގުގުމައިގެންދިޔަ ތަން ފެނިގެންދިޔައެވެ.

މި ކާމިޔާބީއާ އެކު މި ސީޒަންގައި އަދި މެޗަކުން ބަލިނުވާ ލެވަކޫސެނުން ވަނީ މެޗަކުން ބަލިނުވެ 37 މެޗު ހަމަކޮށްފައެވެ.

comment ކޮމެންޓް