ރަމަޟާންމަހުގައި ޤުރްއާނާއެކު މުޢާމަލާތު ކުރުން

ރޯދައާއި އަޅުކަން: އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު އަޅުކަމުގައި ހޭދަ ކުރާ މީހުންގެ އަދަދު ގިނަކަން ވަނީ ފާހަގަ ކުރެވިފަ، އަދި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނަމާދު ގަޑިތަކުގައި މިސްކިތްތައް ފުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާންމަހުގައި ކަމަށް ވާތީއެވެ. އެ މަހުގައި ލޮބުވެތި ރަސޫލާ ﷺ ޖިބްރީލު عَلَيْهِ ٱلسَّلَامُ އާއެކު ކީރިތި ޤުރްއާން މުދާރަސާ ކުރެއްވައިފައިވާތީއެވެ.

އެއްވެސް ޝައްކެއްނެތްގޮތުގައި ކީރިތި ޤުރްއާނަކީ މާތް ﷲ މި އުންމަތަށް ދެއްވި އެންމެ ބޮޑު ނިޢުމަތެވެ. އެހެންކަމުން ޤުރްއާނާއެކު މުޢާމަލާތު ކުރަންވާނީ މި އިޙްސާސާ އެކުގައެވެ. ކީރިތި ޤުރްއާން ދިރާސާކުރަން ޖެހޭނީ މި ނާރެސްތަކުގެ ތެރެއިންނެވެ.

ރަމަޟާންމަހުގައި އަދި އެހެން ވެސް މައްސަރުތަކުގައި ތިބާގެ ވަގުތުތައް އާރާސްތުކުރުމަށްޓަކައި ކީރިތި ޤުރްއާން އުނގެނި އުގަންނާދޭށެވެ. ކީރިތި ޤުރްއާން ކިޔަވާށެވެ! އެއް ދުވަހަކު رسول الله ﷺ ޙަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ((ކޮންމެ ދުވަހަކު ބުޠުޙާނަށް ނުވަތަ ޢަޤީޤަށް ގޮސް އެއްވެސް ކުށަކާއި ނުލައި އަދި ރަޙިމުގެ ގުޅުން ކެނޑުމެއްނެތި ބޮޑު ދެ ޖަމަލު ހިފައިގެން އައުން ލޮބުވެތިކަމަކަށް ވުމަށް އެދެނީ ތިޔަބައިމީހުންކުރެ ކާކުހެއްޔެވެ؟ އެ ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން އެކަމަށް ލޯބިކުރަމުއެވެ. ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ދެ ޖަމަލު ހޯދުމަށްވުރެ މިސްކިތަށް ގޮސް ﷲ عز وجل ގެ ފޮތުން ދެ އާޔަތް ކިޔެވުން ނުވަތަ އުނގެނުން މާ ހެޔޮކަން ބޮޑުވެގެންވެއެވެ. ތިން ޖަމަލަށްވުރެ ތިން އާޔަތް ، ހަތަރު ޖަމަލަށްވުރެ ހަތަރު އާޔަތް ކިޔެވުން ނުވަތަ ކިޔަވާ އާޔަތްތަކާ އެއްވަރަށް ޖަމަލު ލިބުމަށްވުރެ އެ ޢަދަދަށް އެ އާޔަތްތައް ކިޔެވުން މާ ހެޔޮކަން ބޮޑުވެގެން ވެއެވެ. ))[1]

ކީރިތި ޤުރްއާން ކިޔެވުމަށް ޓަކައި ނުވަތަ ކިޔަވާދިނުމަށް ޓަކައި މަޖިލިސްތަކާއި ބައްދަލުވުންތައް ބޭއްވުމަކީ އެކަމުގެ ސަވާބު ބޮޑުވެގެންވާ ކަމެކެވެ. رسول ﷲ ﷺ ޙަދީސްކުރެއްވިއެވެ.(( وما اجتمَعَ قَوْمٌ في بَيْتٍ مِن بُيوتِ اللهِ يَتْلُون كِتابَ اللهِ، ويَتَدارَسُونه بَيْنَهم؛ إلّا نزلَتْ عليهم السَّكِينَةُ، وغشِيَتْهم الرَّحْـمةُ، وحفَّتْهم الـمَلائِكةُ، وذكَرَهم اللهُ عزَّ وجلَّ فيمَن عِندَه[2] - ﷲގެ ފޮތްކިޔެވުމަށާއި ދިރާސާކުރުމަށް ޓަކައި ﷲގެ ގެކޮޅުތަކުން ގެކޮޅެއްގައި ބަޔަކު މީހުން އެއްވުމެއް ބާއްވައިފިނަމަ އެމީހުންގެ މައްޗަށް ހިތްހަމަޖެހުން ބާވައިނުލައްވާ ނުދާނެތެވެ. އަދި އެކަލާނގެ ރަޙްމަތުން އެބައިމީހުން ފޮރުވައިނުލައްވާ ނުދާނެތެވެ. އަދި ﷲގެ ޙަޟްރަތުގައިވާ ބައެއްގެ ގާތުގައި އެބައިމީހުންގެ ނަން ނުގަނެވި ނުދާނެތެވެ.))

ކީރިތި ޤުރްއާން ކިޔެވުމަށް ޓަކައި ބުރަ އުފުއްލާ ބަޔަކަށް މުސްލިމުން ވާންޖެހޭނެއެވެ. ނަބިއްޔާ ﷺ މުސްލިމުންނަށް އަންގަވައިފައިވާ ގޮތުގައި ޤުރްއާން ކިޔެވުމުން ލިބޭ ސަވާބުގެ ބޮޑުކުޑަމިން އޮންނާނީ އެ ކިޔެވުމުގައި އުފުލާ ބުރައިގެ މަތީގައެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. رسول الله ﷺ ޙަދީސްކުރެއްވިއެވެ. (( الْماهِرُ بالقُرْآنِ مع السَّفَرَةِ الكِرامِ البَرَرَةِ، والذي يَقْرَأُ القُرْآنَ ويَتَتَعْتَعُ فِيهِ، وهو عليه شاقٌّ، له أجْرانِ[3] – ޤުރްއާން ކިޔެވުމުގައި މޮޅު ތަޖްރިބާކާރު މީހާ ވާނީ ދަތުރުކުރައްވާ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާ އެކުގައެވެ. ބުރައުފުލައިގެން ކޮށަކޮށައިގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ސަވާބު ހުއްޓެވެ.))

ލިޔަންކިޔަން ނުދަންނަ މީހާއަށް ޤުރްއާން ކިޔަވާ އަޑު އަހައިގެން ސަވާބު ޙާޞިލުކުރެވިދާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ[4] - އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. ))

ކީރިތި ޤުރްއާނާމެދު ވިސްނުން

ކީރިތި ޤުރްއާނުގެ ހެޔޮ އަސަރު އިންސާނާގެ ނަފުސަށް ކުރާނީ ﷲގެ ބަސްފުޅުތަކާމެދު ވިސްނައި ފިކުރުކުރުމުންނެވެ. ޤުރްއާނާމެދު ވިސްނައިގެން މެނުވީ ޤުރްއާނުގެ މަޤްޞަދުތަކާއި މާނަތައް ދެނެއެއް ނުގަނެވޭނެއެވެ. ކީރިތި ޤުރްއާން ކިޔެވުމުން ލިބޭ ސަވާބު މަތިވެރިގެން ދާނީ އޭރުންނެވެ. މި ސަވާބުގެ ގިނަގުނަކަން ބަޔާންކުރައްވައި ކައުރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَن قَرَأَ حرفًا من كتابِ اللهِ فله حَسَنةٌ، والحَسَنةُ بعَشْرِ أمثالِها لا أقولُ: الم حَرفٌ، ولكن: أَلِفٌ حرفٌ، ولامٌ حرفٌ، وميمٌ حرفٌ [5]- ﷲގެ ފޮތުން އަކުރެއް ކިޔެވި މީހާއަށް ހެޔޮކަމެއް ކުރުމުގެ ސަވާބު ލިބިގެން ވެއެވެ. ކޮންމެ ހެޔޮ ކަމަކަށް އެފަދަ ދިހަ ހެޔޮކަންތައް ކުޅައުމުގެ ސަވާބު ހުއްޓެވެ. ތިމަން ކަލޭގެފާނު الم އަކީ އެންމެ އަކުރެކޭ ވިދާޅެއް ނުވާނަމެވެ. އެހެނަސް أَلِف އަކީ އަކުރެކެވެ. لام އަކީ އަކުރެކެވެ. އަދި ميم އަކީ އަކުރެކެވެ. ))

ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލެއްވީ އެކަލާނގެ ބަސްފުޅުތައް ކިޔަވައި އެ ބަސްފުޅުތަކާމެދު ވިސްނައި ފިކްރުކުރުމަށެވެ. ބަލައި ދިރާސާކުރުމަށެވެ. އޭގެ މާނަތައް ދެނެގަނެ އެއަށް ޢަމަލުކުރުމަށެވެ. އޭގެ އަޚްލާޤުން ޒީނަތްތެރިވެ ގަހަނާވުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( كِتَابٌ أَنْزَلْنَاهُ إِلَيْكَ مُبَارَكٌ لِيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ[6] - (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ. ))

މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޙަސަން ބިން ޢަލީގެފާނު ވިދާޅުވިއެވެ. (( ތިޔަބައިމީހުންގެ ކުރީގެ މީހުން ޤުރްއާން ދެކެފައިވަނީ އެބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފަތްފުށްތަކެއްގެ ގޮތުގައެވެ. އެބައިމީހުން އެ ބަސްފުޅުތަކާމެދު ރޭގަނޑުގެ ވަގުތުތަކުގައި ވިސްނައި ފިކްރުކުރިއެވެ.އަދި ދުވާލު އޭއްޗެހި ބަލައި ހޯދައި އުޅުނެވެ.)) [7]

ކީރިތި ޤުރްއާން ކިޔަވާއިރު ނުވަތަ ކިޔަވާ އަޑު އަހައިއިރު އެއީ މާތްﷲ އޭނާއާ މުޚާޠަބު ކުރައްވާ ބަސްފުޅެއްކަން ހިތަށް އެރުވުމަކީ ޤުރްއާނާމެދު ވިސްނައި ފިކްރުކުރުމަށް އެހީވެދޭނެ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. (( ﷲ ތަޢާލާ يَا أَيُّهَا الَّذِينَ آمَنُوا – އޭ އީމާންވެއްޖެ މީސްތަކުންނޭވެ!)) ވަޙީކުރައްވައިފިނަމަ ތިބާ އެއަށް ކަނުލައި އަހާށެވެ! އެއީ ﷲގެ އަމުރުފުޅެއް ނުވަތަ ނަހީ ބަސްފުޅެއް އަންނަ ވާހަކައެވެ.))[8]

ކައު ރަސޫލާ ﷺ ވަނީ މުސްލިމުންނަށް ޤުރްއާނާއެކު ތަފާޢުލުވާނެ ގޮތް ( ލާމެހިގުޅޭނެ ގޮތް) ދަސްކޮށް ދެއްވައިފައެވެ. އެކަލޭގެފާނު ޤުރްއާން ކިޔަވާވިދާޅުވަމުންދާއިރު ޢަޒާބާބެހޭ އާޔަތެއް ކިޔަވާވިދާޅުވެވިއްޖެނަމަ އެ ޢަޒާބަކުން ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެން ﷲއަށް ދަންނަވަތެވެ. ރަޙްމަތާބެހޭ އާޔަތެއް ކިޔަވާ ވިދާޅުވެވިއްޖެނަމަ އެ ރަޙްމަތެއް ދެއްވުމަށް ﷲއަށް ދަންނަވަތެވެ. ސުވަރުގެއާ ބެހޭ އާޔަތެއް އަތުވެއްޖެނަމަ ސުވަރުގެ ދެއްވުމަށް އެދިވަޑައިގެން ﷲއަށް ދަންނަވަތެވެ. ސަނާ ތާރީފުގެ އާޔަތެއް އަތުވެއްޖެނަމަ ﷲއަށް ސަނާ ތާރީފު ދަންނަވަތެވެ.

މާތްﷲ ރުއްސުންލެއްވި ޙުޛައިފަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު ރަސޫލާ ﷺ އާ އެކު ނަމާދުފުޅު ކުރެއްވި ރެއެއްގައި ކައު ރަސުލާ ކިޔަވާވިދާޅުވީ ބަޤަރާ ސޫރަތެވެ. ތަސްބީޙައިގެ އާޔަތެއް އަތުވެއްޖެނަމަ މާތްﷲއަށް ތަސްބީޙަ ދަންނަވަތެވެ. ސުވާލުދެންނެވުމުގެ އާޔަތެއް އަތުވެއްޖެނަމަ އެކަމަށް އެދިވަޑައިގެން ދަންނަވަތެވެ. ރައްކައުތެރިވުމަށް ގޮވައިލާ އާޔަތެއް އަތުވެއްޖެނަމަ ރައްކައުތެރިކަމަށް އެދިވަޑައިގަންނަވަތެވެ.))[9]

މި ކަމުގައި މުސްލިމުންނަށް ލިބިގެންވާ ނަމޫނާ ޝަޚްޞިއްޔަތަކީ ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ކީރިތި ޤުރްއާން ކަމަށް ޢާއިޝަތުގެފާނު ވިދާޅުވިއެވެ.

މާތްﷲ ރަޙްމަތްލެއްވި ޙަސަނުލްބަޞަރީ ވިދާޅުވިއެވެ. (( މާތް ﷲ ގަންދީ ބުނަމެވެ. ޤުރްއާނުގެ ދެލިގަނޑު ހިތުދަސްކޮށް ﷲގެ ޙައްދުތަކަށް އަރައިގަތުމަކީ ޤުރްއާނާމެދު ވިސްނައި ފިކްރުކުރުމެއް ނޫނެވެ.))[10] އެހެންވީމާ ﷲގެ ޙައްދުތައް ޤާއިމުކުރުމަށް ސަމާލުކަންދޭން ޖެހޭނެއެވެ.

ރިފަރެންސް:

[1] - صحيح مسلم ( ٨٠٣ )
[2] - أخرجه مسلم (٢٦٩٩)
[3] - أخرجه البخاري (٤٩٣٧)، ومسلم (٧٩٨)، وأبو داود (١٤٥٤)، والترمذي (٢٩٠٤)، والنسائي في ((السنن الكبرى)) (٨٠٤٥)، وابن ماجه (٣٧٧٩)، وأحمد (٢٦٠٢٨)
[4] - الأعراف: 204
[5] - أخرجه الترمذي (٢٩١٠) ، وأبو نعيم في ((حلية الأولياء)) (٦/٢٦٣)، والبيهقي في ((شعب الإيمان)) (١٩٨٣)
[6] - ص: 29
[7] - التبيان في آداب حملة القرآن، للنووي (ص: 54)
[8] - زاد المعاد، لابن القيم (1/ 329).

[9] - رواه مسلم(772).
[10] - تفسير ابن كثير (7/ 64).

comment ކޮމެންޓް