ލިބިފައިވާ މަދު ނޭވާކޮޅު ރަމަޟާންމަހުގައި ރަނގަޅަށް ލާށެވެ!

ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުންޔަވީ ޙަޔާތަކީ ކަނޑައެޅިފައިވާ މަދު ނޭވާކޮޅެކެވެ. މި ޙަޔާތަކީ ކަނޑެކެވެ. މި ކަނޑުގައި ދަތުރުކުރުމަށް ލިބިފައިވާ އުޅަނދަކީ މި ނޭވާކޮޅެވެ. އެއްގަނމާ ހަމައަށް ގެންގޮސްދެނީ މި އުޅަނދެވެ. ޙަޔާތަކީ ދަތުރެކެވެ. ކިތަންމެ ދިގުވިޔަސް ކުރުވިޔަސް މި ދަތުރަށް ނިމުމެއް ލިބގެން ވެއެވެ. މި ދަތުރު ނިމޭނީ ސުވަރުގެއާ ހަމައިންނެވެ. ނުވަތަ ނަރަކައާ ހަމައިންނެވެ. ތިންވަނަ މަންޒިލެއް ނެތެވެ.

އިންސާނާ ދުނިޔެއަށް އަންނަ ދުވަހުން ފެށިގެން މި ދަތުރު ފެށުމުގެ ރަނގަބީލު ވަނީ ޖަހައިފައެވެ. އުޅަނދު ވަނީ ދަތުރަށް ތައްޔާރުވެފައެވެ. ތިބާ ވަނީ މި އުޅަނދަށް ކޮއްތު އަރުވަން ފަށައިފައެވެ.

އާޚިރަތުގެ އޮޑިއަށް އަހުރެމެން އެންމެންނަށް ވެސް އަރަންޖެހޭނެއެވެ. އެ އޮޑީގައި ދަތުރުކުރަން ޖެހޭނެއެވެ. އެ އޮޑީގައި ދަތުރުކުރާ މީހުންގެ ޙާލަތު ތަފާތުވާނެއެވެ. ދަރަޖަ ތަފާތުވާނެއެވެ. ލިބޭ ކަމޭހިތުމާއި އަޅައިލުން ތަފާތުވާނެއެވެ. މަރްޙަބާގެ ހޫނުކަން ތަފާތުވާނެއެވެ.

ތިބާއަށް ހޫނު މަރްޙަބާއެއް ކިޔުމަށް އެދެން ހެއްޔެވެ؟ ތިބާއަށް ޚާއްޞަ ޢިނާޔަތް ލިބިގެން ދަތުރުކުރާ މީހަކަށް ވާން ބޭނުންހެއްޔެވެ؟ ހެޔޮ ރަގަނޅު މަންޒިލަކަށް ފައިބަން ބޭނުން ހެއްޔެވެ؟

ތިބާ އެދެނީ ކަސްތަޅުއެޅުވިގެން ނިކަމެތިކަމާއި އިހާނެތިކަމާއެކު ގެންގޮސް ކުނިގޮނޑަށް އެއްލައިލެވޭ ގޮތަށް އެއްލައިލެވޭ މީހަކަށް ވާންހެއްޔެވެ؟

އަހުރެމެންގެ ތެރެއިން މީހަކު ދިގު ދަތުރެއް ކުރަން އުޅޭއިރު އެކަމަށް ތައްޔާރުވާ ތަން ފެނެއެވެ. އެކަމާމެދު ވިސްނައި ފައިސާ އެއްކުރާތަން ފެނެއެވެ. ބޭންކުގައި ފައިސާކޮޅެއް ޖަމާކުރެވޭތޯ ބަލައެވެ.ވީމާ އާޚިރަތުގެ ދިގު ދަތުރަށްޓަކައި ޣާފިލުވެވެނީ ކީއްވެގެން ހެއްޔެވެ؟

އަހުރެމެން ކުރިއަށް ދާން އުޅުނަސް ނޫޅުނަސް އަހުރެމެން ގޮވައިގެން ދުވަސްތައް ދާނެއެވެ. ކޮންމެ ދުވަހަކީ އަހުރެމެން ކަށްވަޅާ ކައިރިކުރާނެ ދުވަހެކެވެ. ސުންގަޑި ޖެހުނީމާ ދެން ހެދޭނެ ގޮތެއް ނޯންނާނެއެވެ.ކަށްވަޅަކީ އާޚިރަތުގެ ފުރަތަމަ މަންޒިލެވެ. އެއަށްފަހުގައި އޮތީ ބޮޑެތި ބިރުވެރިކަމެވެ. ބޮޑެތި ނާމާންކަމެވެ.

މިހެންވެ رسول الله ﷺ ޙަދީސްކުރެއްވިއެވެ. (( بادِرُوا بالأعْمالِ فِتَنًا كَقِطَعِ اللَّيْلِ المُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كافِرًا، أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كافِرًا، يَبِيعُ دِينَهُ بعَرَضٍ مِنَ الدُّنْيا[1] – އަދިރި ރޭތަކެއް ފަދައިން ފާޅުވަމުންދާ ފިތުނަތަކާ ކުރިމަތިލުމަށް ޓަކައި ތިބާ ހެޔޮ ޢަމަލުތަކުން އިސްނަގާށެވެ!މި ފިތުނައިގެ ސަބަބުން ހެދުނު އީމާންކަންމަތީ ހުންނަ މީހާ ހަވީރު ކާފަރުވެގެން ދެއެވެ. އަދި ހަވީރު އީމާންކަންމަތީ ހުންނަމީހާ ހެނދުނު ކާފަރުވެގެންދެއެވެ. ދުންޔަވީ ފައިދާއަކަށް ޓަކައި އޭނާގެ ދީން ވިއްކައިލައެވެ. ))

ލިބިފައިވާ ކުޑަ ވަގުތުކޮޅުގައި ޞާލިޙު ޢަމަލުތައް ކުރުމަށް އަވަސްވެ ގަންނާށެވެ. ފުރްޞަތު ބީވެގެން ދިޔަނުދޭށެވެ! ރަމަޟާން މަހަކީ ހެޔޮ ޢަމަލުތައް ކުރުމަށް ލިބިފައިވާ ބަރަކާތްތެރި ދުވަސްތަކެކެވެ. މި މަހުގައި ކުރާ ޢަމަލުތައް އެހެން މައްސަރުތަކުގައި ކުރާ ޢަމަލުތަކުގެ ސަވާބަށްވުރެ މާ ބޮޑަށް އިތުރުވެގެން ވާތީއެވެ.

ކީރިތި ރަސޫލާ ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި ރަމަޟާން މަހަކީ ބަރަކާތްތެރި މަހެކެވެ. އެ މަހުގައި ރޯދަ ހިފުން ފަރްޟުކުރެއްވިއެވެ. އަދި އެ މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުން ސުންނަތެއްކަމުގައި ލެއްވިއެވެ.

އެއީ އުފާވެރިކަމުގެ މަހެވެ. އެއީ ބާއްޖަވެރިކަމުގެ މަހެވެ.އެއީ އަމާންކަމުގެ މަހެވެ. އެ މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައި ދެއްވާތީއެވެ. އެ މަހުގައި ނަރަކައިގެ ދޮރުތައް ބަންދުކޮށް ދެއްވާތީއެވެ. ޝައިޠާނާ ކަސްތަޅު އަޅުއްވައި ހެޔޮކަމުގެ މަގު ތަންމިނަށް ހުޅުއްވައި ދެއްވާތީއެވެ.

އެއީ ޝައިޠާނާ ނިކަމެތި ވެގެންދާ މަހެވެ.ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުއްވާ ދެއްވާ އިރު ނަރަކައި ދޮރުތައް ބަންދު ކުރައްވައެވެ. އަދި ކޮންމެ ރެއަކު އެތައް ބަޔަކު ނަރަކައިން މުއްތި ކުރައްވައެވެ. މަލާއިކަތް ބޭކަލުން މީސްތަކުންނަށް ހެޔޮކަންތައް ކުރުމަށް ކުރިމަތިލުމަށާއި ނުބައި ކަންތައްތަކަށް ފުރަގަސް ދިނުމަށް ގޮވައިލައްވައެވެ.

އެ މަހަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ﷲގެ ރަޙްމަތް ލައްވާފައިވާ މަހެވެ. އެ މަހުގެ މެދު ދިހައިގައި ﷲގެ ފުއްސެވުން ލައްވާފައިވާ މަހެވެ. އެ މަހުގެ ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. މި ކަހަލަ ދެވަނަ މަހެއް ނެތެވެ.

އެހެންކަމުން މި މަހުގެ ޝިޢާރަކަށް ހަދަންވީ ހެޔޮކަމުގައި އަހުރެން ޖަހާލައިފާ އެކަކު ވެސް ކުރިއެރިއަކަ ނުދޭނަމެވެ. ރޯދަ ހިފުމުގައެވެ. މިސްކިތުގައި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމުގައެވެ. ތަރާވީޙު ނަމާދާއި ތަހައްޖުދު ނަމާދު ފަދަ ރަމަޟާން މަސް އިޙްޔާކުރުމުގެ ދަރުބާރުތަކުގައެވެ. ފަޤީރުންނަށް ޞަދަޤާތް ދިނުމާއި ހެޔޮ ފޯރުވުމުގައެވެ. ރޯދަވެރިންނަށް ރޯދަ ވީއްލުމުގައި އެހީވެދިނުމުގައެވެ. ގޭ ތެރޭގައި ޤުރްއާނުގެ އަޑު ގުގުމައިލުމުގައެވެ. މަގުމަތީގައި މަޑުމައިތިރިވުމާއި، މަޑުމޮޅިވުމުގައެވެ. ރިވެތި އަދަބާއި، ޚުލްޤުން މީހުންނާ މުޢާމަލާތު ކުރުމުގައެވެ.މީހަކު ޖެއްސުން ކުރުމުގެ ގޮތުން އެއްޗެއް ބުނިކަމުގައި ވިޔަސް " އަހުރެން މި ހުރީ ރޯދައަށޭ " ކިޔާފައި އޭނާއަށް ރައްދު ނުދީ ދުރަށް ދިޔުމުގައެވެ.

ރަމަޟާނީ މި ޖައްވުގެ ތެރޭގައި، ރޫޙާނީ މައިދާނުގެ ދަގަތްފާނުގެ ސަބަބުން، އައު އުސްމިންތަކަކާ ހަމައަށް ވާޞިލުވެވުމަކީ އަޖައިބުވަނިވި ކަމެއް ނޫނެވެ. މި މަތިވެރި އަޅުކަމުގެ ސަބަބުން ކޮންމެ ދުވަހަކު ރަމަޟާނީ އުދަރެހުގެ ހަ ފަރާތުގެ ތެރޭގައި ނަފްސު ޠާހިރު ކުރެވިގެންދާ ނަމަ އައު އުސްމިންތަކާ ހަމައަށް ވާޞިލުވެވޭނެއެވެ. ރޯދަވެރިއާއަށް ރޯދަ ވީއްލާ އިރު ލިބިފައިވާ އިޖާބަވަނިވި ދުޢާގެ އުޅަނދުގައި ގުރަހަތަކާއި ގުރަހަލިތަކާއި ގުރަހާނާތައް ފަހަނަޅާ ގޮސް ﷲގެ ޙަޟްރަތާ ހަމައަށް ވާޞިލު ވެވޭނެއެވެ.

މިއީ އުޚްރަވީ ޙަޔާތަށް ބޭނުންވާ ކޮއްތު މޮޅަށް ތައްޔާރުކުރުމަށް ، އުޚްރަވީ ޙަޔާތުގެ އުޅަނދު ތައްޔާރުކުރުމަށް ލިބިގެންވާ ފުރްޞަތެކެވެ. ހެޔޮ ޢަމަލުތަކުން އޮނޑި ބަންނާށެވެ! ހެޔޮ ޢަމަލުތަކުން އޮޑިއަށް ކޮއްތު ބޯފެން އަރުވާށެވެ!

ރިފަރެންސް

[1] - أخرجه مسلم (١١٨)، والترمذي (٢١٩٥)، وأحمد (٨٠٣٠)

comment ކޮމެންޓް