ދޭދޭ ގުޅުންތައް ރަނގަޅުކުރުމަށް ޓަކައި ރޯދައަށް ބޭނުންވުން

ތަރާވީސް ނަމާދުގެ ތެރެއިން: ދޭދޭ ގުޅުންތައް ރަނގަޅުކުރުމަށް ޓަކައި ރޯދައަށް ބޭނުންވޭ -- ސަން ފައިލް ފޮޓޯ

ރަމަޟާން މަސް އައުމުން ރަމަޟާނާބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަވެގެން ދެއެވެ. ރަމަޟާންމަހުގައި ވާ އެންމެ މަތިވެރިކަމަކީ އަޅުކަންތަކާއި ޢަމަލު ގުޅި ލާމެހިފައިވުމެވެ. މި ދެކަންތައް ގުޅި ގެތިގެންދަނީ ރޫޙާނީ އަގުތަކާއި ޢިބާދާތުގެ ގިޔަމުތަކާއި އިމާނިއްޔަތުންނެވެ. ޢަމަލަކީ ޤުރްއާނުގެ އަހްލުވެރިންގެ ރަދީފުގައިވާ ވަރަށް މުހިއްމު ބަހެކެވެ. އީމާންކަމުގެ ބަޔަކަށް ވާތީއެވެ. ކީރިތި ޤުރްއާނުގައި އީމާންކަމުގެ މަފްހޫމާ ގުޅިފައިނުވާ އެއްވެސް ޢަމަލެއް ނުތެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (( وَبَشِّرْ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ[1] - އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ.))

ރަމަޟާންމަހާ ގުޅިފައިވާ އެންމެ މާތް އެއްކަމަކީ އެ މަހުގައި ކީރިތި ޤުރްއާން ބާވައިލެއްވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ -[2] - ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. )) ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ބާވައިލެއްވުމުގެ މާނައަކީ ލައުޙުލްމަޙްފޫޡުން ދުނިޔޭގެ އުޑަށް ކީރިތި ޤުރްއާން އެއްކޮށް ބާވައިލެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރޭ ބާވައިލެއްވި ބާވައިލެއްވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ[3] - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. ))

ޤުރްއާން ކިޔެވުމަކީ އެންމެ ފައިދާބޮޑު ވިޔަފާރިއެވެ. ހުރިހާ ދުވަހަކާއި ހުރިހާ މޫސުމެއްގައެވެ. އެހެނަސް ރަމަޟަންމަހުގައި ޤުރްއާން ކިޔެވުމަށް ލިބިފައިވާ ޤަދަރާއި ޝަރަފު މާ މަތިވެރިއެވެ. ރަމަޟާންމަހުގައި ލޮބުވެތި ރަސޫލާ ޤުރްއާނަށް ދެއްވި އަހައްމިއްޔަތު ވަރަށް ބޮޑެވެ. ކީރިތި ރަސޫލާގެ ލޮބުވެތި އަޞްޙާބުންނާއި މި އުންމަތުގެ ޢިލްމުވެރިން ޤުރްއާނަށް ޓަކައި ހުސްކުރެއްވި ވަގުތު ވަރަށް އިތުރެވެ.

މާތް ﷲ ބައެއް ވަގުތުތައް މާތްކުރައްވައި ބައެއް މޫސުންތައް އަޅުކަމަށް ޚާއްޞަކުރެއްވީ މުސްލިމުން އަޅުކަންކުރުމުގައި އިތުރަށް ހީވާގި ކުރެއްވުމަށް ޓަކައެވެ. ހެޔޮކަމުގެ މުބާރާތުގައި ވާދަވެރިކުރެއްވުމަށް ޓަކައެވެ. އެމީހުންގެ ނަފްސުތައް ޠާހިރުކުރެއްވުމަށް ޓަކައެވެ. އެ މީހުންގެ ހިތްތައް ސާފުކުރެއްވުމަށް ޓަކައެވެ.ﷲގެ ރުއްސެވުމާއި ފުއްސެވުމުގެ މަގު ތަނަވަސްކޮށް ދެއްވުމަށް ޓަކައެވެ. މުސްލިމުންގެ ގުޅުންތައް ބަދަހިކުރެއްވުމަށް ޓަކައެވެ. ރަސޫލާ صلى الله عليه وسلم އަށް ދެންނެވުނެވެ. (( އެންމެ ރަގަނޅު މީހަކީ ކާކުތޯއެވެ؟ ޙަދީސްކުރެއްވިއެވެ. كلُّ مَخمومِ القلبِ صَدوق اللِّسانِ. قالوا: صَدوقُ اللِّسانِ نعرِفُه، فما مَخمومُ القلبِ؟ قال: هو التَّقيُّ النَّقيُّ لا إثمَ فيه ولا بَغيَ، ولا غِلَّ، ولا حسَدَ [4]- އެއީ ހިތް މަޚްމޫމު ދޫ ތެދުވެރި ކޮންމެ މީހެކެވެ. އެބައިމީހުން ދެންނެވިއެވެ. ދޫ ތެދުވެރިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ހިތް މަޚްމޫމުވުމުގެ މާނައަކީ ކޮބައިތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ތަޤްވާވެރި އޭނާގެ ހިތް ސާފު މީހާއެވެ. އޭނާގެ ހިތުގައި އެއްވެސް ފާފައެއްނެތް ޙައްދުފަހަނަޅައިދިއުމެއްނެތް ނީހައެއްނެތް ޙަސަދައެއްނެތް މީހާއެވެ.))

ރޯދަހިފުމުގައި ގިނަގުނަ ޙިކްމަތްތަކަކާއި ފައިދާތަކެއް ވެއެވެ. އޭގެ ވަށަލައަކީ ތަޤްވާއެވެ. ރޯދައިގެ ސަބަބުން ޝައިޠާނާ ބަލިކޮށްލެވެއެވެ. ޝަހްވަތްތައް ނައްތައިލެވެއެވެ.ގުނަވަންތައް ރައްކައުތެރިކުރެވެއެވެ. ހަވާނަފްސަށް ތަބާވުމާ ދުރަށް ދެވެއެވެ. ރޯދައިގެ ސަބަބުން ނިޒާމު ދަސްވެއެވެ. ވަގުތަށް އިޙްތިރާމުކުރުމާބެހޭ ދަރުސްތައް ލިބެއެވެ.

ﷲ U ވަނީ ދުވަހުގެ ވަގުތުތަކުން ރޭގަނޑުގެ ފަހުދަން މާތްކުރައްވައިފައެވެ. ހަފުތާގެ ދުވަސްތަކުން ހުކުރުދުވަސް މާތްކުރައްވައިފައެވެ. އަހަރުގެ މަސްތަކުން ރަމަޟާން މަސް އިޚްތިޔާރުކުރައްވައިފައެވެ. ރަސޫލާ e ރަމަޟާންމަހާ ބެހޭގޮތުން ޙަދީސް ކުރައްވައިފައި ވެއެވެ. (( إنَّ اللهَ فَرَضَ عليكُم صيامَ شَهرِ رَمَضانَ وسَنَنتُ لكُم قِيامَهُ فمَنْ صامَهُ وقامَهُ إيمانًا واحْتِسابًا غُفِرَ له ما تقَدَّمَ مِن ذَنبِهِ[5] - ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ މައްޗަށް ރަމަޟާންމަހު ރޯދަހިފުން ފަރްޟުކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ޤިޔާމު ސުންނަތެއް ކަމުގައި ލެއްވީމެވެ. ފަހެ މާތްﷲ އަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަނދައިގެން އެ މަހު ރޯދަހިފައި ޤިޔާމުކުރިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. ))

ރަމަޟާން މަހަކީ ﷲގެ ޙަޟްރަތަށް ކުރިމަތިލުމަށްޓަކައި މުސްލިމު އިންސާނާއަށް ލިބިގެންވާ ހެޔޮކަމުގެ މޫސުމެކެވެ. އެއީ ތަޤްވާވެރިންނަށް ލިބިގެންވާ ފޯވައްސެކެވެ. އެއީ ޞާލިޙުންނަށް ލިބިގެންވާ ފިހާރައެކެވެ. ކޮންމެ މުދަލަކަށް މޫސުމެއް ވެއެވެ. އަދި ކޮންމެ ވިޔަފާރިއަކަށް ފޯވައްސެއްވެއެވެ. ހިތްވަރު ގަދަކޮށް އިތުރު ފައިދާ ހޯދޭތޯއެވެ. ފޯރި ގަދަކޮށް އާމްދަނީ އިތުރު ކުރެވޭތޯއެވެ. ދުނިޔެއަށް ވިޔަފާރިވެރިންތަކެއް ވެއެވެ.ހަމަ އެ ފަދައިން އާޚިރަތަށް ވެސް ވިޔަފާރިވެރިންތަކެއް ވެއެވެ. ދުނިޔޭގެ ވިޔަފާރިވެރިން އެކައުންޓްތައް ތަނަވަސް ކުރެވޭތޯ އެމީހުންގެ މޫސުންތަކަށް އިންތިޒާރު ކުރެއެވެ. އާޚިރަތުގެ ވިޔަފާރިވެރިން ވެސް އެމީހުންގެ މޫސުންތަކަށް އިންތިޒާރު ކުރެއެވެ. ދެބައިމީހުންގެ ފައިދާ ވަރަށް ތަފާތެވެ. އާޚިރަތުގެ ވިޔަފާރިވެރިންގެ ފައިދާއަކީ ﷲގެ ރުއްސެވުމާއި ފުއްސެވުމެވެ. އެތާނގެ ދަށުން ފެން އާރުތައް ހިނގާ ސުވަރުގެތަކެވެ. އާޚިރަތުގެ ވިޔަފާރި ވެރިން ސިފަކުރައްވަމުން މާތްﷲ ވަޙީ ކުރެއްވިއެވެ. (( رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ [6]- އެއީ ތަސްބީޙަކިޔައި ނަމާދުކޮށް އުޅޭ ފިރިހެނުންތަކެކެވެ. ވިޔަފާރިއެއް ނުވަތަ އެހެން އެއްވެސް ވިއްކުމެއް اللَّه ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު ޤާއިމު ކުޅައުމުންނާއ، ޒަކާތް ދިނުމުން، އެއުރެން މަޝްޣޫލުކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށް މިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެން ބިރުވެތިވެތެވެ.))

ކޮންމެ އަހަރެއްގެ ރަމަޟާން މަސް މުސްލިމު އިންސާނާގެ ގާތަށް އަންނަނީ އޭނާގެ ހެޔޮ ޢަމަލުތައް އިތުރު ކޮށްދިނުމަށެވެ. އޭނާގެ ނުބައި ޢަމަލުތައް މަދުކޮށްދިނުމަށެވެ. އެމަހުގައި ހެޔޮކަމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ސުވަރުގެ ވަނީ އެތާނގެ ދޮރުކޮޅުތައް ހުޅުވައިފައެވެ. ނަރަކަ ވަނީ އެތާނގެ ދޮރުތައް ބަންދުކޮށްފައެވެ.ޝައިޠާނުން ވަނީ ކަސްތޮޅު އެޅުވި ބަންދު ކުރެވިފައެވެ. މި ފުރްޞަތުގެ ބޭނުންކުރި މީހާގެ ބާއްޖަވެރިކަމާއެވެ! މި ފުރްޞަތު ނަގައިލިމީހާގެ އަބާއްޖަވެރިކަމާއެވެ! ކީރިތި ރަސޫލާ r ޙަދީޘް ކުރެއްވިއެވެ. (( إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةَ ، وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتِ الشَّيَاطِينُ [7]- ރަމަޟާން މަސް އަތުވެއްޖެ ނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެތެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވޭނެތެވެ. )) މި އޮތީ ހުރިހާ ހެޔޮ ކަމަކަށް މަގު ފަހިވެފައެވެ. ހުރިހާ ނުބައި ކަމަކަށް ދޮރުތައް ބަންދުވެފައެވެ.

ތިބާގެ ކުރިމަތީގައި މި އޮތީ ފުރްޞަތެވެ. އެގާރަ މަސް ދުވަސް ޣާފިލުކަން މަތީގައި ތިބާ ހޭދަކޮށްފީމުއެވެ. އަވަހަށް ކުރިމަތިލާށެވެ! މި މަހުގައި ހެޔޮ ކަންތަކުގެ ސަވާބު އެތައްއެތައް ގުނައަކަށް އިތުރުވެގެން ވެއެވެ. ތިބާގެ އަތް ﷲގެ ޙަޟްރަތާ ގުޅައިލާށެވެ! ރަނގަޅަށް ރޯދަ ހިފައިގެން، ރަނގަޅަށް ރޭ އަޅުކަންކޮށްގެން، ހެޔޮ ޢަމަލުތައް އިތުރުކޮށްގެން ﷲގެ ދަރުބާރަށް ވަންނާށެވެ! ﷲގެ ރަޙްމަތަށް އެދޭށެވެ!

އަޅަމެންގެ ވެރިރަސްކަލާނގެ ޛާތުފުޅަށް ޚާއްޞަ ކުރައްވާފައިވާ ދުވަސްތަކެއް ވެއެވެ. އެކަލާނގެ ރަޙްމަތްފުޅު މި ދުވަސްތަކުގައި އިތުރަށް އޮހިގެން އާދެތެވެ. އަޅަމެން ހަނދާން ނެތިގެންދާ ކޮންމެ އިރަކު އަޅަމެންނަށް ހަދާންކޮށް ދެއްވުމަށްޓަކައެވެ. އަޅަމެންނަށް ޣާފިލުވެވޭ ކޮންމެ ވަގުތަކު އަޅަމެން ހޭލައްވައި ލެއްވުމަށްޓަކައެވެ. އަޅަމެންގެ ފޯރި ކުޑަވެގެންދާ ކޮންމެ ވަގުތަކު އަޅަމެންގެ ޢަޒްމު ވަރުގަދަ ކުރެއްވުމަށްޓަކައެވެ.

ރަމަޟާން މަހަކީ މާތްﷲ އެކަލާނގެ އަޅުންނަށް ތަނަވަސްކޮށްދެއްވާ ޚައިރާތުގެ މޫސުންތަކެކެވެ. ތަޤްވާގެ ކޮއްތުން ދަތުރަށް ތައްޔާރުވުމަށްޓަކައެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (( وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ وَاتَّقُونِ يَا أُولِي الْأَلْبَابِ - [8]އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!))

ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކޮންމެ އަހަރަކު އަޅުގަނޑުމެންގެ ގާތަށް ދީލަތި މެހެމާނެއްގެ ގޮތުގައި ރަމަޟާން މަސް ފޮނުއްވައެވެ. މިއީ އެކަލާނގެ އިސްލާމީ އުއްމަތަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު ނިޢުމަތެކެވެ.

ރަމަޟާންމަހަކީ ހެޔޮކަމާއި ދަރުމައިގެ މަހެވެ. އެ މަހުގައި ހިމެނޭ ލައިލަތުލް ޤަދްރި ވިލޭރެއަކީ ރޭތަކުގެ ސާހިބާ ކަމަނާއެވެ. އެއީ އެއް ހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެކެވެ. ((لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ[9] - ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ))

ރޯދަ ފަރްޟުކުރެއްވި އެންމެ ބޮޑު ޙިކްމަތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ[10] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. ))

ތަޤްވާވެރިކަމުގެ ސަބަބުން ހިތްތައް ހޭލަތެވެ. ރޯދަ ފާސިދުކުރުވަނިވި ޢަމަލުތަކުން މި ހިތްތައް ރައްކައުތެރިކޮށްދެނީ މި ތަޤްވާއެވެ. ރޯދައަކީ ތަޤްވާވެރިކަން ޙާޞިލުކުރުމަށް ލިބިފެގެންވާ އަދާތެކެވެ.

ރޯދަހިފައި މި ރޯދައިގެ މަޤްޞަދުތަކާ އެއްގޮތަށް ޢަމަލުކުރާމީހާގެ އަޚްލާޤު ރިވެތިވެގެންދާނެތެވެ. ސުލޫކު ރިވެތިވެގެންދާނެތެވެ. މުޖްތަމަޢުގެ އަޚްލާޤީ ނިޒާމު ރަގަނޅުން އެއަށްވުރެ ރަގަނޅަށް އުފުލިގެންދާނެތެވެ. ރޯދައާމެދު ވިސްނައިލާ މީހާއަށް ރޯދައިގެ ފަރީޟާއަކީ އީސާރާއި އިންސާފާއި ތަސާމުޙާއި ރުޅިމަޑުކަމާއި ލަދުވެތިކަމާއި ރުހުމާއި ފުދުންތެރިކަމާއި ރިވެތި ގިޔަމުތައް ދަސްވެ އެކަންކަމަށް ތަމްރީނު ލިބެމުންދާ އަޅުކަމެއްކަން އެނގޭނެތެވެ.

އެއްވެސް ޙާލެއްގައި ރޯދައަކީ ރޯދަވެރިޔާ ބަނޑަށް ޖައްސުވާ އަޅުކަމެއްނޫނެވެ. އެއީ މާތް ﷲ ހުއްދަކުރައްވައިފައިވާ ދުންޔަވީ އަރާމުތަކުން އޭނާ މަޙްރޫމުކުރާ ކަމެއް ވެސް ނޫނެވެ. މި ހުރިހާ ކަންތައްތަކެއްގެ މަތީގައި ވަނީ އިންސާނާގެ ވިސްނުމާއި ޚުލުޤާއި ސުލޫކު ރިވެތިކޮށް ޒީނަތްތެރިކޮށްދިނުމެވެ. އަޚުންނާ އަޚުންނާދެމެދުގައިވާ ގުޅުމާއި ، އަވަށްޓެރިންނާ އަވަށްޓެރިންނާ ދެމދުގައިވާ ގުޅުމާއި، އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައިވާ ގުޅުމާއި ، ބޮޑެތިމީހުންނާ ކުޑަކުދިންނާ ދެމެދުގައިވާ ގުޅުމާއި، ފަޤީރުންނާއި މުއަސަނދިންނާ ދެމެދުގައިވާ ގުޅުމާއި މައިންބަފައިންނާއި ދަރިންނާ ދެމެދުގައިވާ ގުޅުމާއި ވެރިންނާ ރައްޔިތުންނާ ދެމެދުގައިވާ ގުޅުން ފަދަ އެންމެހައި ގުޅުންތައް ރިވެތިކޮށް ޒީނަތްތެރިކުރުމަށް ޓަކައި ރޯދއަށް ވަނީ ބޭނުންވެފައެވެ.

ރިފަރެންސް:

[1] - البقرة: 25
[2] - البقرة: 185
[3] - القدر: 1
[4] - أخرجه ابن ماجه (٤٢١٦) والطبراني في ((مسند الشاميين)) (١٢١٨)، والبيهقي في ((شعب الإيمان)) (٤٨٠٠)
[5] - أخرجه البخاري (٢٠٠٨)، ومسلم (٧٥٩)
[6] - النور : 37
[7] - رواه البخارى وأحمد والبيهقى والطبرانى
[8] - سورة البقرة / 197
[9] - القدر: 3
[10] - البقرة: 183

comment ކޮމެންޓް