ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަހަކީ ރޯދަހިފުމާއި ، ރޭއަޅުކަންކުރުމާއި، ދޫރައްކައުތެރިކުރުމާއި ،ޢިއްފަތްތެރިކަން ރައްކައުތެރިކުރުމާއި އެކަކު އަނެކަކަށް އަޅައިލުމާއި ކެތްތެރިވުމުގެ މަހެވެ.

އެއީ ކީރިތިޤުރްއާން ބާވައިލެއްވިމަހެވެ. ކީރިތިޤުރްއާނަކީ އިސްލާމްދީނުގެ އަސާސެވެ. އިސްލާމީއުއްމަތް ބިނާވެފައިވަނީ ކީރިތިޤުރްއާނުގެ ތަރަހައިގެ މަތީގައެވެ.

އެއީ ލައިލަތުލްޤަދްރި ވިލޭރޭގެ މަހެވެ. ލައލަތުލްޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑު ރެއެކެވެ.

އެއީ ދުޢާ އިޖާބަކުރެއްވުމުގެ މަހެވެ. ޞާލިޙު ޢަމަލުތަކުގެ މަހެވެ.

ރަމަޟާންމަހަކީ " ފުރްޤާން " މަހެވެ. މާތްﷲ އެކަލާނގެ ރަސޫލާއަށް ބަދްރުގައި ނަޞްރުދެއްވި މަހެވެ. ޙައްޤާއި ބާޠިލު ވަކިވެ މުސްލިމުންގެ ލަޝްކަރު މޮޅުވި ދުވަސް ހިމެނޭ މަހެވެ.

ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް ، މެދުދިހައިގައި ﷲގެ ފުއްސެވުން އަދި ފަހުދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. ރަސޫލުﷲ e ޙަދީޘްކުރެއްވިއެވެ.(( وهوَ شهرٌ أوَّلُهُ رحمةٌ وأوسطُهُ مغفرةٌ وآخرُهُ عتقٌ منَ النّارِ [1] - އެމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފުއްސެވުމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ.))

ރަމަޟާންމަހަކީ މުޙައްމަދުގެފާނު އުއްމަތަށް މާތްﷲ ގިނަގުނަ މާތްކަންތައްތަކެއް ލެއްވިމަހެކެވެ. އެންމެ ފުރަތަމަކަމަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ ، އަރަހުށިﷲ އެމީހުންނަށް ބައްލަވައިވޮޑިގެންނެވުމެވެ. ރަޙްމަތުގެ ނަޒަރަކުން އެކަލާނގެ ބައްލަވައިވޮޑިގަތްފި އަޅަކަށް ދުވަހަކުވެސް ޢަޒާބެއް ނުދެއްވާނެއެވެ.

ދެވަނަކަމަކީ ، ﷲގެ މަލާއިކަތުން ކޮންމެދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރިންނަށް ފާފަ ފުއްސަވާދެއްވުމަށް އެދި ދުޢާކޮށްދެއްވުމެވެ.

ތިންވަނަކަމަކީ ، މާތްﷲ ސުވަރުގެއަށް ރޯދަވެރިންނަށްޓަކައި ތައްޔާރުވެ ޒީނަތްތެރިވުމަށް އެންގެވުމެވެ.

ހަތަރުވަނަކަމަކީ، ރަމަޟާންމަހުގެ އެންމެ ފަހުރޭ ހުރިހާ ރޯދަވެރިންނަށް ފާފަ ފުއްސަވާދެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެއްނޫނެވެ. އެހެނަސް އެއީ ،މީހަކު މަސައްކަތެއްކޮށް ނިންމައިފި ނަމަ އެމީހަކަށް އެކުރި މަސައްކަތުގެ އުޖޫރަ ދެވޭގޮތަށް މާތްﷲ ރޯދަވެރިންނަށް ދެއްވާ ސަވާބެވެ.

މިމަތިވެރި ސަވާބު ލިބޭނީ ކޮން ކަހަލަ ރޯދަވެރިންނަކަށް ތޯއެވެ؟ ރޯދަ ހިފާ ވަރަށް ގިނަ ބަޔަކު އުޅެއެވެ. މި ސަވާބު ޙައްޤުވާ ރޯދަވެރިން ވަރަށް މަދެވެ. މި ސަވާބު ލިބޭނީ ޙަޤީޤީ ރޯދަވެރިންނަށެވެ. ޙަޤީޤީ ރޯދަވެރިންނަކީ އެމީހުންގެ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، ބަނޑާއި ބަނޑުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، އަތާއި ފަޔާއި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާ މީހުންނެވެ.

ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާ މީހާ ، ދުލުންނާއި ލޮލުންނާއި ކަންފަތުންނާއި ސިކުނޑިން ރޯދަހިފާނެއެވެ. އޭނާގެ ދުލުން އެއްވެސް މީހަކަށް ގޯނާއެއް ނުކުރާނެއެވެ. އޭނާގެ ދުލުން އަބަދުވެސް ނުކުންނާނީ ހެޔޮބަސްތަކެވެ. ފައިދާހުރި ބަސްތަކެވެ. މީހުން އެއްގަލަށް އެރުވުމުގެ ބަސްތަކެވެ. މުޖްތަމަޢު އެކުވެރިކުރުވުމުގެ ބަސްތަކެވެ. ނަސޭހަތްތަކެވެ. ފިތުނަފަސާދަ އުފެއްދުމެއް ނެތް ބަސްތަކެވެ.

އޭނާގެ ލޮލުން މާތްﷲ ޙަރާމްކުރެއްވި އެއްވެސް އެއްޗަކަށް ނުބަލާނެއެވެ. އޭނާގެ ލޮލުގެ ފެނުން ބޭނުންކުރާނީ އެހެންމީހުންނަށްޓަކައެވެ. މުޖްތަމަޢަށްޓަކައެވެ. ދުޝްމަނުންގެ ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައެވެ. ލޯބޯކޮށިމީހުންނަށް މަގުހިނގުމަށާއި މަގުހުރަސްކޮށްދިނުމަށް އެހީވުމަށްޓަކައެވެ. އޭނާއަކީ ބެލުންތައް ތިރިކޮށްގެން މަގުމަތީގައި އުޅޭމީހެކެވެ.

އޭނާގެ ކަންފަތުން މާތްﷲ މަނާކުރެއްވި ވާހަކަތައް އަޑެއް ނާހާނެއެވެ. އޭނާގެ އިވުން ބޭނުންކުރާނީ އޭނާއަށް ފައިދާހުރި ކަންތައްތަކަށެވެ. އެހެންމީހުންނަށް ގެއްލުމެއް ނެތް ކަންތައްތަކަށެވެ.

އޭނާގެ ބުއްދީގެ ބޭނުންކުރާނީ ރަނގަޅު ކަންތައްތަކާ މެދު ވިސްނާ ރޭވުމަށެވެ. ނުބައި ކަމަކަށް ރޭވުމަށް ނުވަތަ ނުބައިކަމަކަށް ޚިޔާޅުދިނުމަށް އޭނާގެ ސިކުނޑިގެ ބޭނުމެއް ނުކުރާނެއެވެ.

އޭނާގެ ބަނޑަށް އެތެރެކުރާނީ ޙަލާލު ކާއެއްޗެއްސާއި ބޯއެއްޗެއްސެވެ.

ޙަޤީޤީރޯދަވެރިޔާ އޭނާގެ މުޅި ހަށިގަނޑުން ރޯދަހިފާނެއެވެ. އަޅުގަނޑުމެންގެ ސަލަފުން ވަނީ މިކަން ރަނގަޅަށް ދެނެވަޑައިގެންފައެވެ. ރަމަޟާންމަހަކީ އެބޭކަލުންގެ އަރިހުގައި ބޮޑުވެގެންވާ ޣަނީމާއެކެވެ. މި ޣަނީމާއިން ވީހާ ބޮޑު ޙިއްޞާއެއް ޙާޞިލުކުރެއްވޭތޯ އެއްބޭކަލަކު އަނެއްބޭކަލަކާ ވާދަކުރެއްވިއެވެ. ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. ((أتاكم رمضانُ شهرَ بركةٍ يغيثُكم اللهُ فيهِ فينزلُ الرحمةَ ويحطُّ الخطايا ويستجيبُ فيهِ الدُّعاءَ ينظرُ اللهُ إلى تنافسِكم ويباهي بِكم ملائكتَهُ فأرَوا اللهَ أنفسَكم خيرًا فإنَّ الشَّقِيَّ مَنْ حُرِمَ فيهِ رحمةَ اللهِ عزَّ وجلَّ[2]- ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރިމަހެއްގެ ގޮތުގައި ރަމަޟާންމަސް އަތުވެއްޖެއެވެ. އެމަހުގައި މާތްﷲ ތިޔަބައިމީހުން ހެވާއިލާބައިން ވަށައިލައްވައެވެ. އަދި ރަޙްމަތް ބާވައިލައްވައެވެ. ފާފަތައް ފުއްސަވައެވެ. ދުޢާ އިޖާބަކުރައްވައެވެ. ފަހެ ﷲ ތިޔަބައިމީހުން މި މަހުގައި ހެޔޮކަންތައްތައް ކުރުމުގައި ވާދަކުރާގޮތް ބައްވައިވޮޑިގަންނަވާނެއެވެ. އަދި ﷲ ތިޔަބައިމީހުންގެ ޢަމަލުތަކާމެދު މަލާއިކަތުންގެ ދަރުބާރުތަކުގައިި ފަޚްރުވެރިވެ ވޮޑިގަންވާނެއެވެ. ފަހެ ، ތިޔަބައިމީހުންގެ ނަފްސުތަކުން ﷲ އަށް ހެޔޮޢަމަލުތައް ނިކަންދައްކާށެވެ!ހަމަކަށަވަރުން އަބާއްޖަވެރިއަކީ އެމަހުގައި އަރަހުށިﷲގެ ރަޙްމަތުން މަޙްރޫމުވިމީހާއެވެ.))

ބައެއްމީހުން ދެކޭގޮތުގައި ރޯދައަކީ ދުޅަހެޔޮކަން ލިބިގަތުމަށް އޮތް ވަސީލަތެކެވެ. ރޯދައަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް ފަރުވާއެކެވެ. ރަމަޟާންމަހުގެ ދުވަސްތަކަކީ ޕްރިސްކްރިޕްޝަނެކެވެ. ތިިރީސް ނުވަތަ އޮނަތިރީސް ކެޕްސޫލް ހިމެނޭ ބޭސްސިޓީއެކެވެ. ކޮންމެ ދުވަހަކު ރޯދައިގެ ކެޕްސޫލެއް ކައިލަންވީއެވެ. ރޯދައިގެ އަޚްލާޤިއްޔާތާއި ރޯދައިގެ އަދަބުތަކާ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކަށްޓަކައި މާތްﷲ ރޯދަ ފަރްޟުކުރެއްވި ޙިކްމަތާ އެއްވެސް ގުޅުމެއްނެތެވެ.

އަނެއްބަޔަކު ދެކޭގޮތުގައި ރޯދައަކީ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެގެން ހުރުމެވެ. މި ގޮތަށް ނުކައިނުބޮއި ހުރުމުން އޭނާގެ ޒިންމާ އަދާކުރެވުނީއެވެ.

މި ދެބާވަތުގެ މީހުން ހިފާ ރޯދައަކީ ޙަޤީޤީރޯދަޔާ އެއްވެސް ގުޅުމެއް އޮތް ރޯދައެއް ނޫނެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.(( ليسَ الصِّيامُ منَ الأَكْلِ والشُّربِ، إنَّما الصِّيامُ منَ اللَّغوِ والرَّفثِ،[3] - ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫނެވެ. އެހެނަސް ރޯދަހިފުމަކީ ހަޑިހުތުރުބަސްތަކުންނާއި ހަޑިހުތުރު ފާޙިޝް ޢަމަލުތަކާ ދުރހެލިހުރުމެވެ. "

ކީރިތިރަސޫލާގެ މިބަސްފުޅުތަކުން އެގޭގޮތުގައި ރޯދަޔަށް އަދަބުތަކެއް ލިބިގެންވެއެވެ. ރޯދަޔަކީ މަތިވެރި ޙިކްމަތްތަކެއް ހިމެނޭ އަޅުކަމެކެވެ. އެއީ ހަމައެކަނި އެންމެ މަސްދުވަހެއްގެ ކަމެއްކަމުގައި ހަދައިގެންނުވާނެއެވެ. އެއީ ފުރހަމަ ނިޒާމެއްގެ އަސާސު އޭގައި ހިމެނޭ އަޅުކަމެކެވެ.

ރިފަރެންސް:

[1] - رواه البيهقى وابن خزيمة
[2] - رواه الطبرانى
[3] - رواه البيهقى والحاكم وابن خزيمة

comment ކޮމެންޓް