ރޯދަ ހިފުމުގެ މާތްކަން

ރޯދައާއި އަޅުކަން: އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު އަޅުކަމުގައި ހޭދަ ކުރާ މީހުންގެ އަދަދު ގިނަކަން ވަނީ ފާހަގަ ކުރެވިފަ، އަދި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނަމާދު ގަޑިތަކުގައި މިސްކިތްތައް ފުރޭ -- ސަން ފޮޓޯ

ރޯދައަކީ އެންމެ މާތް ޢިބާދާތުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ. ރޯދައިގެ މާތްކަން މި އަންނަ ކަންތައްތަކުން އެނގެއެވެ.

1- މާތްﷲ ހުރިހާ އުންމަތްތަކެއްގެ މައްޗަށް ރޯދަ ފަރްޟު ކުރެއްވުން. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ[1]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. )) އެއީ މަތިވެރި ޢިބާދަތެއް ކަމުގައިނުވާނަމަ މާތްﷲ މި އަޅުކަން ހުރިހާ އުންމަތްތަކެއްގެ މައްޗަށް ފަރްޟު ނުކުރައްވާނެތެވެ. ރޯދަ ފަރްޟު ކުރެއްވީ މީސްތަކުން ތަޤްވާވެރި ކުރެއްވުމަށް ޓަކައެވެ. ﷲދެކެ ބިރުގަނެ ﷲއަށާއި ﷲގެ އަޅުންނަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރާ ބަޔަކު ކަމުގައި ހެއްދެވުމަށް ޓަކައެވެ. ތަޤްވާއަކީ މާތްﷲ އެންމެހާ އުންމަތްތަކަށް ވަޞިއްޔަތް ކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ [2]- އަދި، ހަމަކަށަވަރުން، اللَّه އަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ. ))

ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

2- ރޯދައިގެ ސަވާބަށް ވަކި މިންވަރެއް ނެތުން : މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( ﷲ ވަޙީ ކުރެއްވިއެވެ. (( كُلُّ عَمَلِ ابنِ آدمَ له، إلا الصِّيامَ، فهو لي، وأنا أَجْزي به، إنما يَتْرُكُ طَعامَه وشَرابَه مِن أَجْلي، فصِيامُه لي وأنا أَجْزي به، كُلُّ حَسَنَةٍ بِعَشْرِ أَمْثالِـها، إلى سَبْعِمِئةِ ضِعْفٍ، إلّا الصِّيامَ، فهو لي، وأنا أَجْزي به[3] -އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް އޭނާއަށް ލިބިގެން ވެއެވެ. ރޯދަ ފިޔަވައެވެ. ފަހެ އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އަދި ތިމަން ރަސްކަލާނގެ އެކަމަށް ޖަޒާ ދެއްވަމުއެވެ. ފަހެ ހަމަކަށަވަރުން އޭނާ ކެއުމާއި ބުއިން ދޫކޮށްލަނީ ތިމަންރަސްކަލާނގެއަށް ޓަކައެވެ. ފަހެ އޭނާގެ ރޯދަ ލިބިވޮޑިގެން ވަނީ ތިމަން ރަސްކަލާނގެއަށެވެ. އެކަމަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަމުއެވެ. ކޮންމެ ހެޔޮ ކަމަކަށް އެފަދަ ދިހަ ހެޔޮ ކަމުގެ ސަވާބު ހުށްޓެވެ. މިހެންގޮސް ހަތް ސަތޭކަ ގުނައާ ހަމައަށެވެ. ރޯދަ ފިޔަވައެވެ. ފަހެ އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ އެ ކަމަށް ޖަޒާ ދެއްވަމުއެވެ. )) މި މާތް ޙަދީސުން ރޯދައިގެ މަތިވެރިކަން އެނގެއެވެ. މި ޢިބާދާތުގެ ސަވާބުގެ ބޮޑުކަން އެނގެއެވެ. މި ޙަދީސުން އެނގޭގޮތުގައި މާތް ﷲ މި ވަނީ ރޯދަ އެކަލާނގެ ޒާތުފުޅަށް ޚާއްޞަ ކުރައްވައިފައެވެ. މި ބަސްފުޅުން ރޯދައިގެ ޝަރަފުވެރި މަޤާމު އެނގެއެވެ. ރޯދަވެރިޔާ އޭނާގެ ކެއުމާއި ބުއިމާއި ލައްޒަތްތައް ﷲގެ ވަޖްހުފުޅަށް ޓަކައި ދޫކޮށްލާތީއެވެ. އެކަމުގެ ސަބަބުން އޭނާގެ އިޚްލާޞްތެރިކަން އެނގޭތީއެވެ. ﷲއާ އޭނާއާ ދެމެދުގައިވާ ސިއްރަކަށް ރޯދަ ވާތީއެވެ. ﷲގެ ޒާތުފުޅަށް ރޯދަ ޚާއްޞަ ކުރެއްވުމުގެ ފައިދާ ޤިޔާމަތް ދުވަހުން ރޯދަވެރިޔާއަށް ލިބޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ e ޙަދީސްކުރެއްވިއެވެ.((إذا كان يومُ القيامةِ يحاسِبُ اللهُ عز وجل عبدَه، ويُؤدِي ما عليه من المظالِمِ من سائرِ عملِهِ، حتى لا يبقى إلا الصومُ، فيتحمَّلُ اللهُ ما بَقِى عليه من المظالمِ، ويُدخلُه بالصومِ الجنةَ[4]- ޤިޔާމަތްދުވަހުން މާތް ﷲ ޢައްޒަ ވަ ޖައްލަ އެކަލާނގެ އަޅާގެ ހިސާބު ބައްލަވާނެތެވެ. އޭނާގެ އަނިޔާތަކަށް ޖަޒާ ދެއްވާނީ އޭނާގެ އެހެނިހެން ހެޔޮ ޢަމަލުތަކުންނެވެ. ރޯދަނޫން އެހެން ހެޔޮ ކަމެއް ނެތިއްޖައުމަށް ދާންދެނެވެ. ދެން ފަހެ މި ހިނދު ﷲ އޭނާގެ ބާކީ ހުރި އަނިޔާތަކަށް މާފު ދެއްވައި އޭނާގެ ރޯދައިގެ ސަބަބުން ސުވަރުގެ ވައްދަވާނެއެވެ. ))

3- ރޯދަ އައްޑަނައަކަށް ވުން : އެހެނީ ރޯދައިގެ ސަބަބުން އޭނާއަށް އެންމެހާ ހަޑިހުތުރު ޢަމަލުތަކުން ރައްކައުތެރިކަން ލިބޭނެއެވެ. މިހެންވެ ލޮބުވެތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((الصِّيامُ جُنَّةٌ يَستجِنُّ بها العبدُ من النّارِ[5] - ރޯދައަކީ އަޅާ ނަރަކައިން ރައްކައުތެރިވެގަތުމަށް ލިބިގެންވާ އައްޑަނައެކެވެ. ))

ބަރަކާތްތެރި ރޯދަމަހުގައި މާލޭގެ ބައެއް މިސްކިތްތަކުގައި ކުރެވުނު ދަމުނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

4- ރޯދަވެރިއާގެ އަނގަވަސް މީރު ވަހަކަށް ވުން : ކީރިތި ރަސޫލާ e ޙަދީސް ކުރެއްވިއެވެ. ((خَلوفُ فَمِ الصّائمِ أَطيَبُ عنْدَ اللهِ يَومَ القِيامَةِ مِن ريحِ المِسكِ[6] - ޤިޔާމަތް ދުވަހުން ރޯދަވެރިޔާގެ އަނގަވަސް ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރިއަށް ވުރެ މީރުކަން ބޮޑުވެގެން ވެއެވެ. ))މި ބަސްފުޅުން މާތް ﷲގެ ޙަޟްރަތުގައި ރޯދައިގެ މަތިވެރިކަން ދޭހަވެއެވެ. ރޯދަވެރިއާ ބަނޑުހައިވުމުގެ ސަބަބުން އޭނާގެ އަނގައިން ނުކުންނަ ވަސް މީސްތަކުންގެ ގާތުގައި ނުބައި ވަހަކަށް ވިޔަސް އެއީ ﷲގެ ޙަޟްރަތުގައި މީރު ވަހެކެވެ. އެކަލާނގެ އެ ވަސް މީރު ވަހަކަށް ބަދަލުކޮށްދެއްވާ ވާހަކައިން އެނގެނީ ﷲގެ ޙަޟްރަތުގައި ރޯދައަކީ ވަރަށް މަތިވެރި އަޅުކަމެއް ކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މި ވަސް މީރު ވަނީ ރޯދައިގެ ސަބަބުންނެވެ.

5- ރޯދަވެރިއާއަށް ދެ އުފަލެއް ލިބިގެން ވުން : އެއީ އޭނާ ރޯދަވީއްލާއިރު ލިބޭ އުފަލަކާއި ޤިޔާމަތް ދުވަހުން ﷲ ތަޢާލާއާ ބައްދަލުވުމުން ލިބޭ އުފަލެވެ. ކައު ރަސޫލާ e ޙަދީސް ކުރެއްވިއެވެ. (( لِلصّائِمِ فَرْحَتانِ يَفْرَحُهُما: إذا أفْطَرَ فَرِحَ، وإذا لَقِيَ رَبَّهُ فَرِحَ بصَوْمِهِ [7] - ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެން ވެއެވެ. އޭނާ ރޯދަވީއްލާއިރު އުފާކުރެތެވެ. އަދި އޭނާ އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ އިރު އުފާކުރެތެވެ. )) ރޯދަވީއްލާއިރު ރޯދަވެރިއާއަށް ލިބޭ އުފަލަކީ މާތް ﷲ އެންގެވި ގޮތަށް ރޯދަ ހިފުނީތީ ލިބޭ އުފަލެވެ.ޤިޔާމަތް ދުވަހުން ރޯދަ ވެރިއާއަށް ލިބޭ އުފަލަކީ އެކަލާނގެ ޙަޟްރަތުން ލިބޭ ބޮޑު ދަރުމައެވެ. އެ ދުވަހަށް ޓަކައި ﷲގެ ބޭންކަށް ލެވުނު ރޯދައިގެ ދަރުމަ އޭނާއަށް ފުރިހަމައަށް ލިބޭ ވަގުތު އޭނާއަށް ލިބޭ އުފަލުގެ ބޮޑު ކަމާއެވެ! އެ ދުވަހަކީ އެހެން މީހެއްގެ ފުށުން އެއްވެސް މީހަކަށް އެހީއެއް ލިބޭނެ ދުވަހެއްނޫނެވެ.

6- ރޯދަ ވެރިއާއަށް ރޯދައިގެ ޝަފާޢަތް ލިބުން : މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢަމްރުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ؛ يَقُولُ الصِّيَامُ أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ[8] -ޤިޔާމަތް ދުވަހުން ޤުރްއާނާއި ރޯދަ އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެތެވެ. އަޅުގެ ވެރި ރަސްކަލާކޮ! މި އަޅާ އޭނާއަށް ދުވާލުގެ ވަގުތުގައި ކާނާއާއި ޝަހަވާތްތައް މަނާކުރީމުއެވެ. ފަހެ މި އަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! ޤުރްއާން ދަންނަވާނެތެވެ. މި އަޅާ ރޭގަނޑު އޭނާ ނިދިން މަޙްރޫމު ކުރީމުއެވެ. ފަހެ މި އަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! އެހިނދު ﷲ ވަޙީ ކުރައްވާނެއެވެ.އޭނާއަށް ޝަފާޢަތް ލައްވައިފީމެވެ. ))

7- ރޯދަވެރިއާއަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ލެއްވުން : ރޯދަ ވެރިން ސުވަރުގެ ވަނުމަށް ޓަކައި ޤިޔާމަތް ދުވަހުން ޚާއްޞަ ދޮރުކޮޅެއް ހުންނާނެއެވެ. ރޯދަވެރީން ނޫން ބަޔަކު އެ ދޮރުކޮޅަކުން ނުވަންނާނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.((إنَّ للصّائمينَ بابًا في الجنَّةِ يُقالُ له: الرَّيانُ، لا يَدخُلُ منه غيرُهم، إذا دَخَلَ آخِرُهم أُغلِقَ، مَن دَخَلَ منه شَرِبَ، ومَن شَرِبَ منه لم يَظمَأْ أبدًا. [9] - ހަމަކަށަވަރުން ރޯދަވެރީންނަށް ސުވަރުގޭގައި އައްރައްޔާން ނަމަކަށް ކިޔާ ދޮރުކޮޅެއް ވެއެވެ. އެ ދޮރުކޮޅުން އެހެން ބަޔަކު ނުވަންނާނެއެވެ. އެމީހުންގެ އެންމެ ފަހު މީހާ ވަނުމުން އެ ދޮރުކޮޅު ލެއްޕިދާނެއެވެ. އެ ދޮރުކޮޅުން ވަތް މީހާއަށް ބޯން ލިބޭނެއެވެ. އެ ތަނުން ބުއިމީހާ ދުވަހަކުވެސް ކަރު ނުހިއްކާނެއެވެ. ))

ރޯދައިގެ ފަޟްލުވަންތަކަމާއި ހެޔޮވަންތަކަން ވަރަށް ގިނައެވެ. އެކަމުން ލިބޭ މޭވާތައް އެހާމެ ގިނައެވެ. އީމާންކަން އިތުރުވުމެވެ. ރިވެތި އަޚްލާޤުން ޒީނަތްތެރިވުމެވެ. ﷲދެކެ ބިރުގަތުމާއި ﷲގެ ރަޙްމަތަށް އެދުން ބޮޑުވުމެވެ. ﷲއާއި ﷲގެ އަޅުން ދެކެ ލޯބިވުމެވެ. ﷲގެ އަޅުންނަށް ހަމްދަރްދީވުމާއި ހެޔޮ ފޯރުވުމުގައި ވާދަވެރިކަން އިތުރުވުމެވެ. ކެތްތެރިކަން އިތުރުވުމެވެ.

ރިފަރެންސް:

[1] - البقرة:183
[2] - النساء: 131
[3] - أخرجه البخاري (١٩٠٤)، ومسلم (١١٥١)، والنسائي (٢٢١٦) والترمذي (٧٦٤)، وابن ماجه (١٦٣٨) وأحمد (٧٤٩٤)
[4] - أخرجه البيهقي (٨٥٩٥)
[5] - أخرجه أحمد (١٥٢٩٩) والبيهقي في «شعب الإيمان» (٣٥٧٠)
[6] - أخرجه البخاري (1904)، ومسلم (1151)، والترمذي (764)، والنسائي (2215)، وابن ماجه (1638) وأحمد (8057)
[7] - أخرجه البخاري (١٩٠٤)، ومسلم (١١٥١)
[8] - أخرجه أحمد (٦٦٢٦)، وابن المبارك في «الزهد» (٢/١١٤)، والطبراني (١٤/٧٢) (١٤٦٧٢)، والحاكم (٢٠٣٦)، والديلمي في «الفردوس» (٣٨١٥)
[9] - أخرجه البخاري (١٨٩٦)، ومسلم (١١٥٢) والترمذي (٧٦٥)، والنسائي (٢٢٣٦)، وابن ماجه (١٦٤٠) وأحمد (٢٢٨٤٢)

comment ކޮމެންޓް