ތިނަދޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫ. (ފޮޓޯ/ސްޓޫޑިއޯ 33)

ގދ. ތިނަދޫގައި ސައިކަލަކާއި ޕިކަޕެއް އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ތިނަދޫ ޣާޒީމަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ޕިކަޕެއް އައިތާރަފަނި މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި، އެކްސިޑެންޓެއް ހިނގާފައިވާކަން މިއަދުގެ 15:40 އެހާކަންހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއާއި ޕިކަޕު ދުއްވި މީހާއަށް ވެސް އަނިޔާވުމުގެ ސަބަބުން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެ ދެމީހުންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަނިޔާވީ މީހުންގެ ހާލަތު ހުރި ގޮތާއި، އަދި އެ މީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައީ މާލޭ ސަރަހައްދުގައެެވެ.

ފުލުހުން އާންމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 އެކްސިޑެންޓު ރިޕޯޓުކުރިއެވެ.

އޭގެ ތެރެއިން 606 އެކްސިޑެންޓެއްގެ މައްސަލަ ލޮޖުކޮށް ބަލައިފައިވެއެވެ. އޭގެ ތެރެއިން 549 މައްސަލަ ބަލައި ނިންމިއިރު ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއްގައެވެ.

comment ކޮމެންޓް