ސަރުކާރު އޮފީސްތަކުގައި ދިވެހި އޮފިސަރުން ތިބެން ޖެހޭ: ޝާކިރު

މިޜޭ ބޭއްވި ރަސްމިއްޔާތުގައި ޝާކިރު ވާހަކަދައްކަވަނީ ----

ސަރުކާރު އޮފީސްތަކުގައި ބަހުގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި އޮފިސަރުން ބައިތިއްބަން ޖެހޭ ހިސާބަށް މިއަދު ހާލަތު އައިސްފައިވާކަމަށް ދިވެހިބަހުގެ އަދީބު ހަސަން ޝާކިރު މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ޝާކިރު މިފަދައިން ވިދާޅުވެފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ހުޅުމާލެ ރެހެންދި ސުކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝާކިރު ވިދާޅުވީ ދިވެހި ބަހުގެ ކަންކަން ރަނގަޅުކުރުމަށް ހުރިހާ ގިންތިއެއްގެ ފަރާތްތަކުން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބަހަށް އިސްކަން ދިނުމުގައި ގާނޫނަކީ 'ވަރަ ބިނދިފަ އޮތް' ގާނޫނަކަށް ވެގެން ބަސް ކުރިނޭރުވޭނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.

އެގޮތުން ޝާކިރު ވަނީ ދިވެހި ބަހުގެ ގާނޫނުގައި ބުނާގޮތަށް ދައުލަތުގެ ރަސްމީ ހުރިހާ މުއާމަލާތެއް ކުރަންޖެހޭނީ ދިވެހި ބަހުން ކަމަށްވާއިރު އެކަން ކުރެވޭތޯ ސުވާލު އުފައްދަވައިފައެވެ.

ދިވެހިބަސް ސަލާމަތްކޮށް ދެމެހެއްޓުމަށް ޓަކައި އެންމެހައި ދިވެހިންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ޝާކިރު ވިދާޅުވީ ރަސްމީ ފެންވަރުގައި ބަހަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.

"އަބަދުވެސް ބަސް ދުޅަހެޔޮވެ ހެދިބޮޑުވަމުން އައިސްފައިވަނީ ގައުމުގެ އެންމެ މަތީ ފަންތިން ބަހާ ދޭތެރޭ އަޅައިލި މިންވަރަކުން. ސާފުކޮށް ސީދާކޮށް ދަންނަވާނަމަ ސަރުކާރުން ބަހަށް ދެއްވި ސަމާލުކަމެއްގެ ތެރެއިން. ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރާ ހިސާބަކުން އެކަމެއް ނުނިމޭނެ،" ޝާކިރު ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ ބަހުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި ދިވެހި އޮފިސަރުން ތިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ 40 އަހަރު ކުރިން ސަރުކާރުގެ މުހިންމު އޮފީސްތަކުގައި އެ މަގާމުތަކުގައި މުވައްޒަފުން ތިބި ކަމަށާއި އެ މީހުންގެ މުސާރަ ވެސް ބޮޑުކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.

ޝާކިރު ވިދާޅުވީ ބަހުގެ ދަރަޖައިގެ މައްސަލަތައް މި ފަހުން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މާ ކުރިން އެކަން އެގޮތަކަށް ނުހިނގާ. އެހެން ނަމަވެސް ފަހަކަށް އައިސް އެކަން އަޅުގަނޑުމެންގެ ތެރޭގައި ދިމާވަމުން މި ދަނީ. ހާއްސަކޮށް ބަހުސް މުބާރާތްތަކުގައި ތި ދެންނެވި ވާހަކައަށް ޖަވާބުދެއްވަން އުޅުއްވާތަން ވަރަށް ގިނައިން އެބަ ފެނޭ. ހަމައެއާއެކު ބޭފުޅުންނަށް އެނގިލައްވައިގެން އުޅޭތަން ވެސް އެބަ އާދެ" ޝާކިރު ފާހަގަކުރެއްވިއެވެ.

އެހެންވެ، އޭނާ ވަނީ ސުކޫލު ދަރިވަރުންނާއި އެހެނިހެން ބަހުސް ކުރާ ފަރާތްތަކުން އެ ކަން ރަނގަޅުކުރުމަށް އިލްތިމާސްކުރައްވައިފައެެވެ.

comment ކޮމެންޓް