ސަންޢާ (7 މާޗް 2024): ޔަމަންގެ ހޫޘީން އަސްކަރީ ގޮތުން ބަލިކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތް ނުކުޅެދިފައިވަނިކޮށް ހޫޘީން އަނެއްކާ ވެސް އިތުރު އާގުބޯޓަކަށް ހަމަލާދީފިއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގެ މަސްއޫލުވެރިން ކަށަވަރުކޮށްދޭ ގޮތުގައި ގަލްފް އޮފް އަދަން ސަރަހައްދުގައި ދަތުރު ކުރަމުން ދިޔަ ގްރީސްގެ އާގުބޯޓަކަށް ޔަމަނުގެ ހޫޘީން ހަމަލާދިނުމުގެ ސަބަބުން އެ ބޯޓުގެ ދެ ފަޅުވެރިން މަރުވެ، އިތުރު ހަ މީހުން ވަނީ ޒަޚަމުވެފައެވެ.
އެމެރިކާއާއި އިނގިރޭސިވިލާތް ބުނާގޮތުން ހޫތީން އެ އުޅަނދަށް ހަމަލާދީފައިވަނީ ގަލްފް އޮފް އަދަން ނުވަތަ އަދަން ކަނޑުއޮޅިން ޔަމަންގެ އައްސޭރިފަށާ 56 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށެވެ. ހޫތީން އެ ބޯޓަށް ހަމަލާދިނީ އެންޓި ޝިޕް މިސައިލް ބޭނުން ކޮށްގެން ކަމަށާ ހޫޘީންގެ މިސައިލް އެ ބޯޓަށް އެރުމުގެ ސަބަބުން އެ ބޯޓުން ދެ މީހުން މަރުވެ، ހަ މީހުން ޒަޚަމުވުމުގެ އިތުރުން އެ ބޯޓުގައި އަލިފާން ރޯވެފައިވާކަމަށް ވެސް އެމެރިކާއާއި އިނގިރޭސިވިލާތުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
އަލްޖަޒީރާ ބުނާގޮތުން ހޫޘީން ގްރީސްގެ އާގުބޯޓަށް ހަމާލާދިންއިރު އެ ބޯޓާ ކައިރި ހިސާބެއްގައި އެމެރިކާގެ އަސްކަރީ މަނަވަރެއް ވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
ހޫޘީން އެންމެ ފުރަތަމަ ހަމަލާދެންފެށީ ރަތްކަނޑާއި ގަލްފު އޮފް އަދަން އަދި ޔަމަންގެ ބާބުލް މަންދަބު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށާއި އިސްރާއީލުގެ ސީދާ އަދި ނުސީދާ މަސްލަހަތުތައް އޮންނަ ބޯޓުތަކަށެވެ. މީގެ ތެރޭގައި އިސްރާއީލުން އެކްސްޕޯޓްކުރާ އަދި އިސްރާއީލަށް އިންޕޯޓްކުރާ މުދަލާއި ތަކެތި ހުންނަ ބޯޓުތައް ވެސް ހިމެނެއެވެ.
ހޫޘީން މި ބޯޓުތަކަށް ހަމަލާދެނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ރައްދު ދިނުމަށްޓަކައި އިސްރާއީލަށް ގެއްލުން ދިނުމުގެ ގޮތުންނެވެ. އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ނަމަވެސް އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާ ދޭންފެށުމުން އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ބޮންއަޅައި ހޫޘީންނަށް ގޯނާ ކުރަންފެށުމުން ހޫޘީންވަނީ އެ މީހުންގެ ހަމަލާތަކުގެ އަމާޒަކަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތައް ވެސް ހަދާފައެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓުވުމު ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަންގެ ހޫޘީންގެ އެތައް ސަތޭކަ އަމާޒަކަށް ހަމަލާތައް ދީފައިވެއެވެ. ނަމަވެސް ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގެ ބަދަލުގައި އެ ހަމަލާތައްވީ އިތުރަށް ވަރުގަދައެވެ. ކުރިން ހޫޘީން ހަމަލާދެނީ ޑްރޯން ބޭނުންކޮށްގެންނެވެ. ނަމަވެސް މިހާރު ހަމަލާދެނީ ބާރުގަދަ އެންޓިޝިޕް މިސައިލް ބޭނުންކޮށްގެންނެވެ.
ހޫޘީން ހަމަލާދިނުމަށް ބޭނުންކުރަނީ އީރާނުގެ ހަތިޔާރުކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ތުހުމަތުކުރެއެވެ. ހޫޘީންވަނީ ގަލްފް އޮފް އަދަންގައި ދަތުރުކުރި ގްރީސްގެ އާގު ބޯޓަށް ހަމަލާދިންކަން ކަށަވަރުކޮށްދީފައެވެ. ހޫޘީންގެ ތަރުޖަމާނު ބްރިގޭޑިއާ ޔަހްޔާ ސަރީއު ވިދާޅުވިގޮތުގައި ގްރީސްގެ ބޯޓަށް ހަމަލާދިނީ އެޖަމާއަތުން އެންގި އެންގުންތަކަކަށް ތަބާނުވުމާއި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުންނެވެ.
ހޫޘީން އެ ބޯޓަށް ހަމަލާދީފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހޫޘީން ހަމަލާދިން އިނގިރޭސިވިލާތުގެ ކާގޯ ބޯޓެއް އޭގައި ހުރި މުދަލާއެކު ގަލްފު އޮފް އަދަންއަށް ފެތި އަޑިޔަށްދިޔަތާ ތިން ދުވަސް ވެސް ނުވަނީހެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ ހޫޘީންނަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދިނުމުގެ އިތުރުން ހޫޘީން ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައެވެ. އަދި، ހޫޘީންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ވެސް ކަނޑައަޅައި ހޫޘީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އެ ދެ ގައުމުންވަނީ އަޅާފައެވެ. މި ހުރިހާ ފިޔަވަޅުތަކާ އެކު ވެސް ހޫޘީންގެ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް ގެނައުމުގައި އެމެރިކާއާއި އިނގިރޭސިވިލާތްވަނީ ނާކާމިޔާބުވެފައެވެ.
ހޫޘީން ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އެތަށް ގަތުލުއާންމުތަކެއް ހިންގައި ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި އެ މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުން ގެންދާއިރު ހޫޘީން ބޭނުންވާ ތަންތަނަށް ހޫޘީން ވެސް ހަމަލާތައް ދޭނެއެވެ. އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ނުހުއްޓުވޭނަމަ އޭގެ ރައްދުގައި ހޫޘީން ދޭ ހަމަލާތައް ވެސް ހުއްޓުވޭނެ ގޮތެއް ނޯންނާނެއެވެ.
ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރިއަށްވަނީ ބޮޑު ގެއްލުމެއް ލިބެން ފަށާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިވިލާތަށެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބުވުމުގެ ސަބަބުން އެމެރިކާއާއި އިނގިރޭސިވިލާތް އަދި އިސްރާއީލުގެ ބޯޓުތަކަށް ޖެހިފައިވަނީ ރަތްކަނޑު ހުރަސްކޮށް ސްވޭސް ކެނެލްއަށް ކުރާ ދަތުރުތައް ހުއްޓާލައި އޭގެ ބަދަލުގައޮ އެތައް ހާސް މޭލެއް ދުރުން އެފްރިކާގެ ކޭޕްއޮފް ގުޑްހޯޕް ވަށާލައި ދަތުރުކުރާށެވެ. މިކަމުގެ ސަބަބުން އެ ގައުމުތަކުގެ މުދާ އުފުލުމުގެ އަގު ވަރަށް ބޮޑުތަންވަނީ ބޮޑުވެފައެވެ.
ހޫޘީންވަނީ މިހާތަނަށް 30 އަށް ވުރެ ގިނަ އާގު ބޯޓުތަކަށް ހަަމަލާދީފައެވެ.