ޓެކުހުން ލިބޭ އާމްދަނީގެ ބައެއް ކައުންސިލްތަކަށް ލިބޭގޮތް ހަދާނަން: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ޓެކުހުން ލިބޭ އާމްދަނީގެ ބައެއް ކައުންސިލްތަކަށް ލިބޭގޮތް ހައްދަވައިދެއްވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ މައި ސިނާއަތްތަކުން ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލުގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ގެންދަވަނީ އަތޮޅުތެރެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން މިއަދު ވ. ކެޔޮދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވައި މާލީ މިނިވަންކަން ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ސިޔާސަތު ކަމަށެވެ.

"ކައުންސިލްތަކަށް އާމްދަނީ އިތުރުވީމާ އޭރުން ސީދާ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ކުރިއެރުން ހޯދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހަގީގީ މާނައިގައި ލާމަރުކަޒީ ކުރެވޭނީ ދައުލަތަށް ލިބޭ އާމްދަނީން މިންވަރެއް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ލިބިގެން ކަމަށެވެ. އެގޮތުން، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރަން ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ މީރާއަށް މި ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ބައްޓަންކުރަން ގާނޫނަށް އިސްލާހު ގެންނާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކޮންމެ އަހަރެއްގެ ބަޖެޓުން އެ ކުރާ ޚަރަދުތަކުގެ ތެރެއަށް ވެސް ލުއިތަކެއް ލިބި ލާމަރުކަޒީކޮށް ރަށްރަށަށް ސީދާ ކައުންސިލްތަކުން އެ ލިބޭ އާމްދަނީ މެދުވެރިކޮށް ކަންކަން ފަހިކުރެވިގެންދާނެ،"

މައި ސަރުކާރަށް ޓެކުހުން ލިބޭ ހުރިހާ އާމްދަނީއެއް ނެގުމުގެ ބަދަލުގައި ވަކިވަކި އިންޑަސްޓްރީތަކުން ލިބޭ ޓެކުހުގެ އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރަން ކަމާބެހޭ ހުރިހާ ގާނޫނަކަށް އިސްލާހު ގެންނާނެ ކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

އެކަމަކު، ރައީސް ވިދާޅުވީ އެ ބަދަލުގެނެވެން އޮތީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކަމަށެވެ.

"ރައްޔިތުންގެ ހެވާއި ލާބައަށް އަޅުގަނޑުމެންނަށް އެއްބާރުލުންދޭނެ މަޖިލީހެއް އޮވެގެން މި ކަހަލަ ކަންކަން ވާން އަންނާނީ،" ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.

އެހެންވެ، އެ މަނިކުފާނު ވަނީ އޭޕްރީލް މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހޮއްވަވަން އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ހިންގަން ސަރުކާރަށް ތާއީދުކޮށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހަށް ހޮވުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.

comment ކޮމެންޓް