ފެލިދޫ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނަން: ރައީސް

ރައީސް ފެލިދޫގައި: ވ. ފެލިދޫގެ ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް އެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވ. ފެލިދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް އެ ރަށު ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް އެ މަނިކުފާނު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫއަށް ވަޑައިގެން މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެލިދޫ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް އެ ރަށުގެ ބިން ހިއްކައި، ތަރައްގީގެ އެކި މަޝްރޫއުތައް ހިންގެވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ފެލިދޫ ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ބަޖެޓު ކުރެވިފައިވީ ނަމަވެސް، އެ މަސައްކަތަށް ހަމަޖައްސައިފައި އޮތީ ވަރަށް ކުޑަ ފައިސާކޮޅެއް ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް މީ އަޅުގަނޑު ވީ ވައުދެއް. އަދި މިރަށަށް އެންމެ މުހިންމު މައްސަލަ ހައްލުކުރުމަށް ބޭނުންވާ ބިން މި ހިއްކަން ޖެހެނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ކަމަށް ދޭންޖެހޭ އެންމެ އިސްކަންދީ، އަދި އެންމެ މުހިންމު މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ކަމުގަވާތީ މި މަޝްރޫއު، ރަށުގެ ފަޅު ތެރޭން ޖާގަ އޮތް މިންވަރަކުން ހިއްކޭނެ އެންމެ ބޮޑަކަށް މިހާރު ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައި އޮތް ވަރަށް އިރާދަ ކުރެއްވިއްޔާ ހިއްކަދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކަމަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތް، މިނިސްޓްރީއާއި އެ ރަށުގެ ކައުންސިލުން ކުރިޔަށް ގެންދިއުމާއެކު، ބަޔަކު ހޯދައިގެން އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ވީހާ ވެސް އަވަހަަށް ފަށާނެ ކަމަށެވެ.

ގާތްގަނޑަކަށް 700އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެލިދުއަކީ ވ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ފަނަރަ ހެކްޓަރުގެ ބިމެއް އެ ރަށުގައި އޮންނައިރު، އެއީ ވ. އަތޮޅުގެ އެންމެ ބޮޑު ރަށް ވެސްމެއެވެ.

comment ކޮމެންޓް