214 މަންދޫބުންނާއެކު އައިޓީބީ ބާލިންގައި ރާއްޖެ ޕްރޮމޯޓުކުރަނީ

ވިޒިޓް މޯލްޑިވްސްއިން އައިޓީބީ ބާލިންގައި -- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް)އިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 214 މަންދޫބުންނާ އެކު އައިޓީބީ ބާލިންގައި ބައިވެރިވެ، ރާއްޖެ ޕުރޮމޯޓްކުރަން ފަށައިފިއެވެ.

ރާއްޖޭގެ 107 ޓޫރިޒަމް ކުންފުންޏެއްގެ 214 މަންދޫބުން ވަނީ އައިޓީބީ ބާލިންގައި ބައިވެރިވެފައެވެ.

މި މަހު ފަހަކުން ހަތަކަށް ޖަރުމަނުގައި ކުރިއަށްގެންދާ ހަރަކާތުގައި ވިޒިޓް މޯލްޑިވްސްގެ ޓީމާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ޓޫރިޒަމް މިނިސްޓަރީގެ މަންދޫބުންގެ އިތުރުން އިންޑަސްޓަރީ ޕާޓުނަރުންނާއި ސަރުކާރުގެ އެހެނިހެން ޓޫރިޒަމް އިދާރާތައް ބައިވެރިވެއެވެ.

އޭގެ މަޤުސަދަކީ ފަތުރުވެރިކަމުގެ ސިނީއަތް ފައިދާހުރިގޮތެއްގައި ކުރިއެރުވުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެެވެ.

މި އިވެންޓްގައި ރާއްޖޭގެ ސްޓޭންޑަކީ އެންގޭޖިންގް ހަރަކާތްތަކުގެ ހަބެކެވެ. މި ސުޓޭންޑުގައި ބީ2ބީ ބައްދަލުވުންތަކުން ސިނާއަތުގެ ބައިވެރިންނަށް އަގުހުރި ވިޔަފާރީގެ ގުޅުންތަކަށް މަގުފަހިކޮށްދެއެވެ. އަދި، ސަގާފީ ޕާފޯމެންސްތަކުން ޖަރުމަނަށް ރާއްޖޭގެ ސަގާފަތް ގެނެސްދީ، ގޭސްޓްރޯނޮމިކް ތަޖުރިބާތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީރު ރަހަތައް ދައްކުވައިދިނުމަށް ކުދިކާނާ ތައްޔާރުކުރާގޮތާއި، ޕުރެޒެންޓޭޝަނާއި ރަހަބެލުން ފަދަ ކަންކަން ކުރިއަށް ގެންދުމަށް ވަކި އޭރިއާއެއް ހިމެނެއެވެ.

ރާއްޖޭގެ އުފެއްދުންތަކުގެ ޑިސްޕުލޭތަކުން ގައުމުގެ މުއްސަދި ތަރިކަ ދައްކުވައިދީ، 360 ޑިގްރިގެ ކެމެރާ ތަޖުރިބާތަކުން ސަނީ ސައިޑް އޮފް ލައިފްގެ ރީތިކަމާއި ހިތްގައިމުކަން ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ އައިޓީބީ ބާލިންގައި ޖަރުމަނާއި މުޅި ދުނިޔޭގެ ޓްރެވެލް ޓުރޭޑް ޕާޓުނަރުންނާ އެކު ވަރުގަދަ ގުޅުންތަކެއް ޤާއިމުކުރުމެވެ. އަދި، ދުނިޔޭގެ ފަތުރުވެރިންނަށް އެންމެ މަތީ ފަންތީގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމެވެ.

އައިޓީބީ ބާލިންއަކީ ރާއްޖެ ދުނިޔޭގެ މައިދާނުގައި ދައްކާލުމަށް އަގުހުރި ޕުލެޓްފޯމެކެވެ.

ދުނިޔޭގެ ލީޑިންގް ޓްރެވެލް ޓްރޭޑް ފެއާގެ ގޮތުގައި މަޝްހޫރުވެފައިވާ މި ހަރަކާތަށް 160،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ. އަދި، 90،000 އަށްވުރެ ގިނަ އިންޑަސްޓްރީގެ މަންދޫބުންނާއި 3000 ބައިނަލްއަޤުވާމީ މީޑިއާ މަންދޫބުން ބައިވެރިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 މާކެޓުގެ ތެރޭގައި ޖަރުމަނު ހިމެނޭތާ އެތައް އަހަރެއް ވެއްޖެއެވެ. މި މަހުގެ ތިންވަނަ ދުވަހާ ހަމައަށް މި އަހަރު އެކަނި ވެސް އެ ގައުމުން 27،563 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް