ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ސްނޯ ފޭބުމުން 35 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ސްނޯ ފޭބުމުގެ ސަބަބުން 35 މީހުން ވަނީ މަރުވެފައި --- ފޮޓޯ/ބީބީސީ

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ސްނޯ ފޭބުމުގެ ސަބަބުން 35 މީހުން މަރުވެއްޖެއެވެ.

އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމަށް ވެސް ބީބީސީން ރިޕޯޓުކުރެއެވެ. މަރުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން ގެތަކެއް ވެއްޓި، ގެތަކުގެ ދަށުގައި ތާށިވެ މީހުން މަރުވެފައިވާ ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 150 ގެ އެއް އެއްކޮށް ހަލާކުވެފައިވާއިރު، 500 އެއްހާ ގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކުގެ ތެރޭގައި ޚައިބަރު ޕަހްތުންޙުވާއާއި ބަލޮޗިސްތާން ޕްރޮވިންސް ހިމެނެއެވެ.

މާޗް މަހަކީ ޕާކިސްތާނަށް އާންުމުގޮތެއްގައި ހޫނު މަހެއް -- ފޮޓޯ/ބީބީސީ

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ.

ގެއްލުން ލިބުނު ސަރަހައްދުތަކަށް ޕާކިސްތާނު ސަރުކާރުން ވަނީ އެހީގެ ސާމާނު ފޯރުކޮށްދީފައެވެ. އަނިޔާވި މީހުންނާ މަރުވި މީހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

މާޗު މަހަކީ އާންމުކޮށް ޕާކިސްތާނަށް ސްނޯ ފައިބާ މަހެއް ނޫނެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ހަފުތާގެ ކުރިއަށް ދުވަސްތަކުގައި އެ ގައުމުގެ ބޮޑު ބަޔަކަށް ފިނިވާނެއެވެ. އަދި، ބަލުޗިސްތާނާއި ކަޝްމީރުގެ ބައެއް ހިސާބުތަކަށް ސްނޯ ފައިބާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް