ދ. ކުޑަހުވަދޫއަކީ އެ ސަރަހައްދުގައި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށްދޭނެ ރަށެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ތިން އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސްވަނީ ކުޑަހުވަދުއަށް ވަޑައިގެންފައެވެ. އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެކުނުގެ ހަތަރު އަތޮޅެއް މަތީ ފަންތީގައި ތަރައްގީކުރާ ފަދައިން އުތުރުގެ ހަތަރު އަތޮޅެއް އިންޓަގްރޭޓެޑް ޒޯންތަކެއްގެ ގޮތުގައި ތަރައްގީކޮށްދޭނެ ކަމަށެވެ.
އެއަށްފަހު ބާކީ ސަރަހައްދުތަކުގައި ހަތް އާބަން ސެންޓަރެއް ތަރައްގީކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ތަންތަން ވެގެންދާނީ އެ ތަންތަނުގައި އެންމެ މަތީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ގާއިމްވާ ތަންތަނަށޭ،" ރައީސް ވިދާޅުވިއެވެ.
މި ތަންތަނަކީ ތައުލީމާއި ސިއްހީ ޚިދުމަތާއި ވަޒީފާގެ ފުރުސަތާއި އެހެނިހެން ކަންކަން ވެސް އެންމެ ފުރިހަމައަށް ގާއިމްވެފައި ހުންނާނެ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުސްތަގްބަލުގައި އެހެން ކުދި ރަށްރަށުން ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރާނެ ތަންތަންކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންވީމާ އެ ގޮތުން ބަލާއިރުގައި މި ދެންނެވި ހަތް އާބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދޫއަކީ އެއް ތަން ކަމަށް މިއަދު އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުޑަހުވަދޫ ތަރައްގީކުރާއިރު ރައްޔިތުން އެދޭގޮތަށް ބަނދަރު އަޕްގްރޭޑްކުރުމާއެކު ކޮމާޝަލް ހާބަރެއް ވެސް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
އަދި ހޮސްޕިޓަލުގެ ޚިދުމަތް އަޕްގްރޭޑްކޮށްދިނުމާއި، ގެދޮރުވެރިކަމަށް މަޝްރޫއު ހިންގަވައިދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެހެން ވަސީލަތްތައް ވެސް އެންމެ ރަނގަޅު ފެންވަރުގައި ދުރު ރާސްތާގެ ވިސްނުމުގެ ތެރެއިން ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.