އިސްރާއީލާ ގުޅުން ބާއްވާތީ ތުރުކީގައި އިހުތިޖާޖުކުރަނީ

އިސްރާއީލުން ޣައްޒާގެ އެއްބައި ކުޑަކުދިން މަރައި އަނެއްބައި ކުދިން ބަނޑަށް ޖައްސަނީ

އިސްތަންބޫލް (5 މާޗް 2024): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ އެކު ވެސް ތުރުކީން އިސްރާއީލާ އެކު ބާއްވާ އިގްތިސާދީ ގުޅުންތައް ކުރިޔަށްގެންދާތީ ތުރުކީގެ އާންމުންނާއި ސިޔާސީ ޕާޓީތަކާ އަދި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން އެކަމާ ދެކޮޅަށް ތެދުވެ، ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފިއެވެ.

ތުރުކީގެ ސިޔާސީ ޕާޓީތަކާއި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން އިއްޔެވަނީ އިސްރާއީލާ އެކު ބާއްވާ އިގްތިސާދީ ހުރިހާ ގުޅުންތަކެއް ވަގުތުން ކަނޑާލުމަށް ގޮވާލައި ވަރުގަދަ އިހްތިޖާޖުތަކެއް އިސްތަންބޫލްގައި ބާއްވާފައެވެ. އަދި، ތުރުކީގެ އާންމުންގެ އެތައް ހާސްބަޔަކުވަނީ މިކަމާދެކޮޅަށް ސިލްސިލާ ގޮތެއްގައި އިހްތިޖާޖުތައް ކުރަން ފަށާފައެވެ.

ތުރުކީގެ އާންމުންގެ އެތައް ހާސްބަޔަކުވަނީ ތުރުކީން އިސްރާއީލަށް ތަކެތި އެކްސްޕޯޓްކުރާ އެންމެ ބޮޑު ކުންފުނިކަމަށްވާ "ޒޯރުލޯ" ކުންފުނީގެ ހެޑްކުއާޓަރުގެ ކައިރިއަށް އެއްވެ، އެ ކުންފުނި އުވާލުމަށް ގޮވާލައި ޝިއާރުތައް އުފުލާފައެވެ. "ޒޯރުލޯ" ކުންފުނިން އިސްރާއީލުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ އަގު އެއް ބިލިޔަން ޑޮލަރަށް އަރާކަމަށްވެއެވެ.

ތުރުކީގެ ސިޔާސީ ޕާޓީތަކާއިި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ މި ކުންފުނި އުވާލުމަށް އެދި ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ސިޓީ ފޮނުއްވާފައެވެ.

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ތުުރުކީގައި ބޭއްވި އެއްވުމެއް

މި ފަރާތްތަކުން ވަނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އެ މީހުން ބަނޑަށް ޖައްސަމުން ގެންދާއިރު ތުރުކީގެ ބައެއް ކުންފުނިތަކުން އިސްރާއީލާ އެކު ވިޔަފާރި ކުރަމުންގެންދާތީ އެއީ މުޑުދާރު އަމަލެއްކަމަށް ސިފަކޮށްފައެވެ. އަދި، އެ ކުންފުނިން އިސްރާއީލާ އެކު ކުރާ ވިޔަފާރިއަކީ ޣައްޒާގެ ތުއްތުކުދިންގެ ލެއިން ތަތްތެޅިފައިވާ އަނިޔާވެރި ވިޔަފާރިއެއް ކަމަށް ސިފަކޮށް ތުރުކީގެ އިގްތިސާދާބެހޭ ވަޒީރާ ދިމާއަށް ގިނަ ބަޔަކުވަނީ ހަޅޭލަވައި މި މުޑުދާރު ވިޔަފާރި ހުއްޓުވުމަށް އޭނާއަށް އިންޒާރު ވެސް ދީފައެވެ.

މި ފަރާތްތަކުން ވަނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އެ މީހުން ބަނޑަށް ޖައްސަމުން ގެންދާއިރު އިސްރާއީލާ އެކު ވިޔަފާރިކުރުމުގެ ހުއްދަ ތުރުކީ ސަރުކާރުން ދިނުމަކީ ޣައްޒާގެ ރައްޔިތުންގެ ލޭ ބުއިންފަދަ ލާއިންސާނީ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"އިސްރާއީލުން ޣައްޒާގެ އެއްބައި ރައްޔިތުން މަރައި އަނެއްބައި ރައްޔިތުން ބަނޑަށް ޖައްސާއިރު ކަލޭމެން ތިޔަ ގެންދަނީ އިސްރާއީލަށް މޭވާއާއި ތަރުކާރީގެ އާގުބޯޓުތައް ފޮނުވަމުން، މި މުޑުދާރު ވިޔަފާރި ހުއްޓުވަންޖެހޭ،" ތުރުކީގެ ޖަމިއްޔާ ޖަމާއަތްތަކާއި އާންމުން ތުރުކީގެ އިގުތިސާދާބެހޭ ވަޒީރަށް އިންޒާރު ދެމުން ބުނެފައިވެއެވެ.

ތުރުކީއަކީ ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި އަދި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުންގެންދާ ހަމާސްގެ އިސްވެރިންނަށް ހިމާޔަތްދޭ ގައުމެކެވެ. އަދި، ތުރުކީއަކީ ހަމާސްއިން އިސްރާއީލާ ދެކޮޅަށް ކުރަނީ ހައްގު ޖިހާދެއްކަމަށް ވެސް ފާޅުގައި ބުނަމުންގެންދާ ގައުމެކެވެ.

ތުރުކީގެ ރައީސް އުރުދުޣާންވަނީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއްކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ހަމާސްއަށް އަސްކަރީ އެހީދޭކަށް ތުރުކީއަަކަށް ނުކުރެއެވެ.

އިސްރާއީލުގެ ސިފައިންގެ މުއައްސަސާއަކީ ނިޒާމީ ލަޝްކަރެއްގެ ބަދަލުގައި ކްރިމިނަލް ގޭންގެއްކަމަށް ވެސް އުރުދުޣާން ދާދި ފަހުންވަނީ ސިފަކުރައްވާފައެވެ. މި މައްސަލާގައި އެމެރިކާގެ ފިއްތުންތަކާ ވެސް ތުރުކީ ވަނީ ކުރިމަތިލާންޖެހިފައެވެ.

އިސްރާއީލާ ދެކޮޅަށް ބަހުގެ ހަމަލާތައް ދިނުމާއި އިސްރާއީލު ކުށްވެރިކުރުން ފިޔަވައި އެހެން އަމަލީ ކަމެއް އިސްރާއީލާ ދެކޮޅަކަށް ކުރަން ތުރުކީވަނީ ފަސްޖެހިފައެވެ. އެހެންކަމުން މިކަމާ ގުޅިގެން ތުރުކީގެ މައްޗަށްވަނީ ދެފުށްދެގޮތް ކަމުގެ ތުހުމަތު ކުރެވިފައެވެ. ތުރުކީއަކީ އިސްރާއީލަށް އިއުތިރާފުވެފައިވާ އިސްލާމީ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

comment ކޮމެންޓް