''ޕޯކް'' ކުރުމުގައި ވަރަށް ބިޒީ

ދިވެހިންގެ ސޯޝަލް މީޑިއާގައި އެކި ދުވަސްވަރު އަންނާނީ އެކި މޫސުން ތަކެކެވެ. މޫސުމެއް އަންނައިރު އެ ނޫން އެއްޗެއް ސޯޝަލް މީޑިއާތަކުން ނުފެންނާނެއެވެ. މި ދުވަސްކޮޅު އެންމެ ގަދައަށް ފޯރީގައި ޒުވާނުން އުޅެނީ ފޭސްބުކްގައެވެ. ހުރިހާ އެންމެންހެން މި ކުރަނީ އެއް ކަމެކެވެ. އެއީ, "ޕޯކް" ކުރުމެވެ.

ޕޯކް ކުރުމަކީ ހަގީގަތުގެ މިސާލަކުން ދައްކާލާ ނަމަ ގޮވާލުން ނުވަތަ ކޮށްޓާލުމާ އެއްވަރު ކަމެކެވެ. މިކަންތައް މި ކުރަނީ ފޭސްބުކް ބޭނުންކޮށްގެން އޮންލައިންކޮށެވެ.

ފޭސްބުކްގައި ވަކިން އިންނަ މި ފީޗާއަކީ އާ ފީޗާއެއް ނޫނެވެ. މީގެ ކުރީން ވެސް އެތައް ބަޔަކު އެއް ދުވަސްވަރެއްގައި ބޭނުންކުރި މި ފީޗާއަކީ ދޭތެރެ ދޭތެރެއިން ބޭނުންކޮށް އުޅުނު ފީޗާއެކެވެ. ނަމަވެސް މި ދުވަސްކޮޅު ޕޯކް ކުރުން މި އޮތީ ދިވެހީންގެ ތެރޭގައި ބޮޑު ޓްރެންޑަކަށް ވެފައެވެ.

އެކަކު އަނެކަކު މިހާރު ޕޯކް ނުކުރާ މީހެއް މަދުވާނެއެވެ. ޕޯކް ކުރާއިރު ފުރަތަމަ އެކަކު ޕޯކް ނޮޓިފިކޭޝަނެއް ފޮނުވާނީއެވެ. އެއާއެކު އެއަށް ރައްދު ދިނުމަށް "ޕޯކް ބެކް" ކުރާނީއެވެ. މިއީ ހަމައެކަނި އެ ފީޗާގެ ހުންނަ ސިފައެވެ. އެއާއެކު އެތައް ބަޔަކު އަންނަނީ އެކަކު ޕޯކްކޮށް އަނެކަކަށް ޕޯކް ބެކް ކުރަމުންނެވެ.

އަދި, ދެ މީހުންގެ ދެމެދުގައި ޕޯކް މުއާމަލާތެއް ބާއްވައިފިނަަމަ ޕޯކް ސްޓްރީކެއް އުފެދެއެވެ. ދެ މީހުން ޕޯކް ކޮށްފައިވަނީ ކިހާވަަރަކަށް ކަމެއް އެއިން އެނގެން އިނދެއެވެ. ޕޯކް ކުރަމުން ގޮސް ސްޓްރީކް އިތުރުވާ ވަރަކަށް އެ ވާހަކަތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

އެއްބަޔަކަށް މަޖާވެގެން ޕޯކް ކުރަމުން އަންނައިރު އެކަމާ ރުޅިގަދަވެފައި ތިބި ބަޔަކު ވެސް އެބަތިއްބެވެ. އެއްބަޔަކު ތިބީ ޕޯކް ނޮޓިފިކޭޝަން އަންނާތީ އެކަން ބޮޑު އުނދަގުލަކަަށް ވެފައެވެ. ނަތީޖާއެއްގެ ގޮތުން ޕޯކް ކުރާ މީހުންނަށް އެއްޗެހި ކިޔައި ސޯޝަލް ފޭސްބުކްގައި އަންނަނީ މަޖާ މީމްތަކާއި ސްޓޭޓަސްތައް ހިއްސާކުރަމުންނެވެ.

އެއް ބަޔަކު ބުނާގޮތުގައި ޕޯކްކުރާ މީހަކު ވެއްޖެޔާ ދެން ބްލޮކް ކޮށްލާނެއެވެ. އަނެއް ބަޔަކު އުޅެނީ ޕޯކް ނޮޓިފިކޭޝަނެއް ވެސް ނައިސްގެންނެވެ.

ކޮންމެއަކަސް މި ދުވަސްކޮޅު ފޭސްބުކްގައި އޮތީ ޕޯކް ކުރުން އެކަންޏެވެ.

comment ކޮމެންޓް