އަލުން މަޖިލިސް އިންތިޚާބުގެ ރީރަޖިސްޓްރީއަށް މި މަހު 14ގައި ހުޅުވައިލަނީ

13 ޖެނުއަރީ 2024: މާލޭ މޭޔަރު ބައި އިލެކްޝަން -- ފޮޓޯ/ ސަން

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ފަސްވުމާ ގުޅިގެން އަލަށް ވޯޓުލެވޭ މީހުން، ވޯޓާޒް ލިސްޓުގައި ހިމަނައި ފައިނަލްކުރުމަށްފަހު މި މަހު 14ގައި ރީރަޖިސްޓަރުކުރުމުގެ ފުރުސަތު އަލުން ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން މިއަދުވަނީ އެ ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި އިންތިޚާބު ފަސްވުމާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ގޮތުގެ މައުލޫމާތު ސާފުކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރުމާ ގުޅިގެން އަލަށް 560 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށެވެ.

އެ 560 މީހުންނަށް ޚާއްސަކޮށް ވޯޓާޒް ލިސްޓަށް ޝަކުވާ ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް މި މަހުގެ މާދަމައިން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ރީރަޖިސްޓަރުކުރުމަށް މި މަހު 14ވަނަ ދުވަހު ހުޅުވައިލާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"... ރީ ރަޖިސްޓްރޭޝަނަށް އަޅުގަނޑުމެން އިތުރު މުއްދަތަށް މި ހުޅުވައިލަނީ 14ވަނަ ދުވަހު. 14 ވަނަ ދުވަހުން އެއީ ތިން ދުވަސް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އާންމުކޮށް ހުޅުވައިލާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން ކޮންމެ ރައްޔިތަކަށް ވެސް ރީރަޖިސްޓަރުކުރެވޭނެކަމަށް ވިދާޅުވިއެވެ.

އެއާއެކު މިހާރު މެލޭޝިއާއާއި ލަންކާގައި ވޯޓު ފޮށި ބެހެއްޓޭ އަދަދު ހަމަވެފައިވާކަން ފާހަގަަކުރައްވައި، ޒަކަރިއްޔާ ވިދާޅުވީ މި މުއްދަތުގައި އެހެން ގައުމެއްގައި ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓަރު ވެއްޖެނަމަ އެ ތަނެއްގައި ވެސް ވޯޓުފޮށި ބަހައްޓާނެކަމަށެވެ.

ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ހުކުރު ދުވަހު ތަސްދީގުކުރެއްވުމާއެކު، ކުރިން މި މަހު17ގައި ބާއްވަން އޮތް އިންތިޚާބު ފަސްކުރަންޖެހުނީއެވެ.

އެގޮތުން އެ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ މަހު 21ގައި އިންތިީޚާބު ބާއްވާށެވެ. އެއީ އާދިއްތަ ދުވަހެވެ.

comment ކޮމެންޓް