ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު ބަންދުގައި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް: ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު އެ ހަތް މީހުންނަށް ވެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ މީހުން ކޯޓު އަމުރުގެ ދަށުން އެކި ދުވަސް މަތިން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31ގެ ހެނދުނު ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ ހަމަލާގައި އޭނާގެ ވާއަތުގައި ރެނދުލާފައިވުމުން ހޮސްޕިޓަލުން ފަރުވާ ދިނެވެ.

އެ ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް