މަޖިލިސް އިންތިޚާބުގައި ވޯޓުލާ އާދިއްތަ ދުވަސް ބަންދުކުރާނަން: ރައީސް

ރައީސް ޑރ. މުއިއްޒު ރ. ދުވާފަރުގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން މިހާރު ކަނޑައެޅިފައިވާ އެޕްރީލް 21ވާ އާދިއްތަ ދުވަސް ބަންދުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރ. ދުވާފަރުގައި އޮތް ޖަލްސާގައި މަޖިލިސް އިންތިޚާބުގެ ތާރީޚާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ހުކުރު ދުވަހު ތަސްދީގުކުރެއްވުމާއެކު، ކުރިން މި މަހު17ގައި ބާއްވަން އޮތް އިންތިޚާބު ފަސްކުރަންޖެހުނީއެވެ.

އެގޮތުން އެ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ މަހު 21ގައި އިންތިީޚާބު ބާއްވާށެވެ. އެއީ އާދިއްތަ ދުވަހެވެ.

އެ ކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ މަޖިލިސް އިންތިޚާބު ސަރުކާރު ބަންދުނޫން ދުވަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރައީސްގެ ނުފޫޒާއެކު ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ އެޕްރީލް 21ގައި އިންތިޚާބު ބާއްވާކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. އެހެންވެ އެ ދުވަހު ބާއްވަން ނިންމީ ކީއްވެތޯ އެ މަނިކުފާނު އިލެކްޝަން ކޮމިޝަނުން ސާފުކުރެއްވީ ކަމަށް ވިދާޅުވިއެވެ.

"ގާނޫނުގައި އެގޮތަށް އޮތީމާ އެ ބޭފުޅުން އެ ގޮތަށް ހެދީކަމަށްވަނީ. ދެން އަޅުގަނޑު ދަންނަވައިފައި އޮންނާނީ ތި ބޭފުޅުން ތި ގޮތަށް ނިންމައި އިއުލާނުކޮށްފައޭ ތިއޮތީީ، އެހެންވީމާ ދެން އަޅުގަނޑު އެ ދުވަސް ބަންދުކުރާނަމޭ،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ އެ ދުވަސް ބަންދުކުރަން ނުނިންމާކަމަށް ބުނެ، އިދިކޮޅުން ފަތުރަނީ ދޮގު ވާހަކަ ކަމަށެވެ. ނަމަވެސް އެ މަނިކުފާނަކީ އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ.

އަދި މަސައްކަތްކުރައްވާނީ ދެ ފުށް ފެންނަ ސަރުކާރެއް ހިންގުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/189368

ވޯޓުލާ ދުވަސް ބަންދުކުރައްވާނެކަމަށް ރައީސް ވިދާޅުވިއިރު މިއަދު އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވޯޓުލާ ދުވަހާއި އޭގެ އަނެއް ދުވަސް ހިމެނޭހެން ދެ ދުވަހު ސަރުކާރު ބަންދުކޮށްދިނުމަށް އެދި ރައީސް އޮފީހަށް ހުށަހަޅައިފައެވެ.

https://sun.mv/189340

މީގެ ކުރިން އީސީގެ ރައީީސް ފުއާދު ތައުފީގު ވިދާޅުވީ އޭޕްރިލް 21ގައި އިންތިޚާބު ބާއްވަނީ، އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ.

އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް