މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ސަރުކާރު ބަންދުކުރަން އެދެނީ

އިލެކްޝަންސް ކޮމިޝަން --ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން މިހާރު ކަނޑައެޅިފައިވާ އެޕްރީލް 21ވާ އާދިއްތަ ދުވަހާއި 22ވަނަ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދެން ނިންމައިފިއެވެ.

ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ހުކުރު ދުވަހު ތަސްދީގުކުރެއްވުމާއެކު، ކުރިން މި މަހު17ގައި ބާއްވަން އޮތް އިންތިޚާބު ފަސްކުރަންޖެހުނީއެވެ.

އެގޮތުން އެ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ މަހު 21ގައި އިންތިީޚާބު ބާއްވާށެވެ. އެއީ އާދިއްތަ ދުވަހެވެ.

އެއާއެކު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ މިއަދު އެ ކަމަށް އެދި ހުށަހަޅާނެކަމަށެވެ. މިއަދު ހުށަހަޅަން ނިންމީ، މި ނިންމުން ނިންމަންޖެހުނީ ހުކުރު ދުވަހެއްގައިކަމަށް ވުމާއެކު ހަފުތާ ބަންދަކީ ރަސްމީ ބަންދު ދުވަސްތަކަކަށް ވުމުން ކަމަށެވެ.

އެ ދުވަހަށް އިންތިޚާބު ތާވަލުކުރުމާ ގުޅިގެން ސަރުކާރުގެ ވާދަވެރިންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން ވެސްވަނީ އަމާޒުވެފައެވެ.

އެގޮތުން އެއީ ރައީސް ޑރ. މުއިއްޒު އިލެކްޝަަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ސިފަކުރެއްވިއެވެ.

https://sun.mv/189331

ނަމަވެސް އެ ދުވަހަށް އިންތިޚާބު ތާވަލުކުރަން ޖެހުނު ސަބަބު ސާފުކޮށްދެއްވަމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އޭޕްރިލް 21ގައި އިންތިޚާބު ބާއްވަނީ، އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ.

އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް