އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ޖެކްސަނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފު ބްރެންޓްފަޑްއިން ފެށީ އިތުރު ހިތްވަރަކާ އެކު އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްގެންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 50 ވަނަ މިނެޓުގައި މެޑްސް ރޮއެސްލޭވް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ބްރެންޓްފަޑްގެ ދެވަނަ ލަނޑު ޖަހާ އެ ޓީމުން މެޗުގެ ލީޑު ނަގައިފާވަނީ 69 ވަނަ މިނެޓުގައެވެ. ވަރަށް ރީތިކޮށް ބޯމަތިން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ. މި ލަނޑާއެކު މިމެޗުން ބްރެންޓްފަޑް މޮޅުވެދާނެކަމަށް ހީވި ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޗެލްސީގެ އެކްސެލް ޑިސާސީވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗު އެއްވަރުވުމާ އެކު ޗެލްސީ މިހާރު އުޅެނީ 26 މެޗުން ލިބިފައިވާ 36 ޕޮއިންޓާ އެކު ތާވަލްގެ 11 ވަނައިގައެވެ. އަދި، ބްރެންޓްފަޑް އުޅެނީ 26 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގައެވެ.