ވެސްޓް ހޭމްއިން ފަހަތުން އަރައި އެވަޓަން ބަލިކޮށްފި

އެވަޓަން ކޮޅަށް ލަނޑު ޖެހުމަށްފަހު އަލްވަރެޒް އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ވެސްޓް ހޭމްއިން ކާމިޔާބު ކޮށްފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ވެސްޓް ހޭމްއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުންއަރައި ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަންއިންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެވަޓަންއަށެވެ. ނަމަވެސް މެޗުގެ 45 ވަނަ މިނެޓުގައި ލިބުނު އެ ޕެނަލްޓީ އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ބޭޓޯ ޖެހި ޕެނަލްޓީ ވަނީ ވެސްޓް ހޭމްގެ ކީޕާ އަލްފޮންސޭ އަރެއޯލާ ދިފާއުކޮށްފައެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު އެވަޓަން ނަގާދީފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައި ބޭޓޯއެވެ. މިލަނޑާއެކު އެވަޓަންއިން ހަމަޖެހިލި ނަމަވެސް މިލީޑު އެޓީމަށް ދެމެހެއްޓޭވަރުވީ ހަ މިނެޓު ވަންދެނެވެ. މިގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ކެޕްޓަން ކާޓް ޒޫމާވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ ނަތީޖާގައި އޮވެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކުމާއެކު މިމެޗު އެއްވަރުވެގެން ނިމިދާނެ ކަމަށް ހީވި ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޯޗެކްވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި އެޑްސަން އަލްވަރޭޒްވަނީ ލަނޑެއް ޖަހައި ވެސްޓް ހޭމްގެ ލީޑު ފުޅާކޮށްދީފައެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިހާރު މިވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް އޭނާ ކުރިން ކޯޗު ކޮށްދީފައިވާ އެވަޓަންގެ ދަނޑުގައި ވެސްޓް ހޭމްގެ ކޯޗުގެ ގޮތުގައި ކުޅެ ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ.

އެ މެޗުން ބަލިވުމާއެކު އެވަޓަން މިހާރު އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. މިއީ އެވަޓަންއިން ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ޚިލާފު ވުމުން އުނިކުރި 10 ޕޮއިންޓް އިސްތިއުނާފްގެ މަރުހަލާއަށްފަހު ހަ ޕޮއިންޓަށް ކުޑަކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.

comment ކޮމެންޓް