ސްޕާސްއިން ފަހަތުން އަރައި ޕެލަސް ބަލިކޮށްފި

ޕެލަސް ކޮޅަށް ސްޕާސްގެ ތިންވަނަ ލަނޑު ޖަހާދިނުމަށްފަހު ސޮން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާއިން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޕެލަސްއަށް މެޗުގެ ލީޑު ނަގައިދިނީ ދެވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން އެބެރެޗީ އެޒޭއެވެ. އެކަމަކު، 77 ވަނަ މިނެޓުގައި ޓިމޯ ވާނާ ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ކްރިސްޓިއަން ރޮމޭރޯ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގައިދީފައެވެ. މެޗުގެ ތިންވަނަ ލަނޑު ސްޕާސްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ.

މި ކާމިޔާބީއާ އެކު ސްޕާސްއިން މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. މެޗުން ބަލިވުމުން ޕެލަސް މިހާރު އުޅެނީ 28 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.

މިއީ އެ ޓީމުގެ ކޯޗުކަމާ އަލަށް ހަވާލުވި އޮލިވާ ގްލަސްނާއަށް އެ ޓީމާއެކު ކުރިމަތިލި ފުރަތަމަ ނާކާމިޔާބީއެވެ.

comment ކޮމެންޓް