ޔޫއެސް މޭޖާ ލީގު ސޮކާގައި އިންޓާ މައޭމީން އޯލާންޑޯ ސިޓީ ފަސޭހަކަމާ އެކު ބަލިކޮށްފިއެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 5-0 އިންނެވެ. މެޗުގައި އިންޓާގެ ކެޕްޓަން ލިއޮނެލް މެސީއާއި މި ސީޒަންގައި އަލަށް އެ ޓީމާ ގުޅުނު ލުއިސް ސުވަރޭޒްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗު އިންޓާއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އިންޓާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސުއަރޭޒެވެ. މިއީ އޭނާ އިންޓާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ސުވަރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އިންޓާގެ ތިންވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ރޮބް ޓެއިލާއެވެ.
ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ ވަރަށް އެއްކަހަލަ ކުޅުމެކެވެ. މެޗުގެ 57 ވަނަ މިނެޓުގައި އިންޓާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މެސީއެވެ. އަދި، ފަހު ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ސުވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވެސް މެސީއެވެ.
މެޗުގައި މެސީއާއި ސުއަރޭޒާ އެކު ކުރިން ބާސެލޯނާއަށް ކުޅުނު ޖޯޑީ އަލްބާއާއި ސާޖިއޯ ބުސްކެޓްސް ވެސް އިންޓާ ޓީމަށް ކުޅެފައިވެއެވެ.
މި ކާމިޔާބީއާ އެކު އިންޓާ މައޭމީ މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު އީސްޓަން ކޮންފަރެންސްގެ ތާވަލުގެ އެއްވަނައިގައެވެ. އަދި، އޯލާންޑޯ އުޅެނީ އެއް ޕޮއިންޓާ އެކު ތާވަލުގެ 12 ވަނައިގައެވެ.