ކުރިއަށް އޮތް 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމާ މެދު އަދި ނުވިސްނަން ކަމަށާއި މި ވަގުތު ހުރިހާ ވެސް ފޯކަސްއަކީ އެމްޑީޕީގެ ރައީސްގެ މަގާމާއި މަސްއޫލިއްޔަތު ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސްކަމާއި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދަކީ މިހާރު އެމްޑީޕީގެ އެންމެ މަގުބޫލު އެއް ބޭފުޅާއެވެ.
އިންތިޚާބަކައިނުލާ އެމްޑީޕީގެ ރައީސްކަން ލިބިވަޑައިގަތުމަށް ފަހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހިސާބު ޖައްސަވައިގެން ވަކި މަގާމެއް ހާސިލުކުރައްވަން އޭނާ މަސައްކަތްނުކުރައްވާނެ ކަމަށެވެ.
ޒާތީ ކުރިއެރުމަށް ވުރެ، އޭނާއަށް މި ވަގުތު މުހިއްމީ ޕާޓީގެ މެންބަރުން މަތިކުރި ޒިންމާކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދެހާސް އަށާވީހަކީ އަދި މާ ދުރު. އެ ހިސާބަށް ހިސާބު ޖަހައިގެން އުޅެން ފަށައިފިއްޔާ ގޯސްވާނީ،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ލައްކަ ޒަމާންވަންދެން ސިޔާސީ ކަންކަމުގައި އުޅެވިއްޖެ. އެހެންވީމާ އަޅުގަނޑަށް އެނގޭ ސިޔާސީ ހަޔާތުގައި ފަސް އަހަރަކީ ވަރަށް ދިގު މުއްދަތެއް. މިއަދު އަޅުގަނޑުމެންގެ މުޅި ފޯކަސް މި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު،"
އޭނާ ގަބޫލުކުރައްވަނީ ފަސް އަހަރަކީ ސިޔާސީ ކަންކަމުގައި ވަރަށް ދިގު މުއްދަތެއް ކަމަށެވެ. އެހެންވެ، މި ވަގުތު މުޅި ޕާޓީގެ ހުރިހާ ފޯކަސްއެއް ބަހައްޓަންވީ ޕާޓީ ކުރިއަރުވައި އަންނަ މަހު 21 ގައި އޮންނަ މަޖިލީސް އިންތިޚާބު ކާމިޔާބުކުރަންކަމަށް ޝާހިދު ގަބޫލުކުރައްވައެވެ.
"އަޅުގަނޑުމެންނަށް ޕާޓީގެ މެންބަރުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދާކުރެއްވޭތޯ ބަލަންވީ. އަދާކުރެއްވި މަސްއޫލިއްޔަތަކީ ޕާޓީ ވަރުގަދަކުރުމާއި ޕާޓީ ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެމްޑީޕީއާ ގުޅުމަށް ފަހު އެ ޕާޓީގައި މަގުބޫލުކަން އެންމެ ބޮޑަށް އިތުރުވީ މަޖިލީހުގެ ރައީސަކަށް ހުންނެވިއިރެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވެސް އިދިކޮޅު ކެންޑިޑޭޓަކީ ޝާހިދު ކަމަށް އަޑު ފެތުރުނެވެ.
އެކިއެކި ގޮތްގޮތުން ޝާހިދުގެ ފޮޓޯފުޅުތައް ވެސް ދައުރުކުރިއެވެ. އެކަމަކު، އެންމެ ފަހުން ވާދަކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.
އެ ތަޖުރިބާއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ފަހަތަށް ޖެހެންޖެހޭ ވަގުތުގައި ފަހަތަށް ޖެހުމުގެ ހިތްވަރު އޭނާގެ ކިބައިގައި ހުންނާނެ ކަމަށެވެ. އެހެންވެ، މިހާރު ވެސް ވަކި މަގާމަކާއި ވަކި ކަމެއް ހާސިލުކުރުމުގެ ބަދަލުގައި ގެންގުޅޭނީ ޕާޓީ ކުރިއަރުވައި ޕާޓީ ބޮޑުކުރުމުގެ ވިސްނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ފަހަތަށް ޖެހިލަންޖެހޭ ވަގުތު ފަހަތަށް ޖެހިލުމުގެ ހިތްވަރު ހުރި މީހެއް. އެހެންވީމާ އަޅުގަނޑު ވަކި ކަމެއް ރާވައިގެން ވަކި މަގާމަކަށް މަސައްކަތްކުރުމުގެ ވިސްނުމެއް ނޫން ގެންގުޅޭނީ، އަޅުގަނޑު ގެންގުޅެމުން ގެންދާނީ ޕާޓީއަށް އެންމެ ފައިދާވާނެ ގޮތުގެ ވިސްނުން،" އޭނާ ވިދާޅުވިއެވެ.
"މި ވަގުތު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ ޕާޓީގެ މުޅި ވިސްނުން، ހުރިހާ ފޯކަހެއް ސީދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގެންދިއުން،"
މަޖިލީހުގެ ހަތަރު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ކެންޑިޑޭޓުން ނެރުނެވެ. މި ވަގުތު އެ ޕާޓީއަށް އެންމެ މުހިއްމީ މަޖިލީސް އިންތިޚާބު ކާމިޔާބު ކުރުމެވެ.