މަޖިިލިސް އިންތިޚާބުގެ ތާރީޚު ފަސްކުރުމުން އިތުރު 560 މީހުންނަށް ވޯޓުލެވޭނެ

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވޯޓުލުމުގެ ތެރެއިން: މި ޕްރައިމަރީގައި 17،000 މީހުންނަށް ވޯޓުލެވޭ -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ އޭޕްރީލް މަހުގެ ފަހުކޮޅަށް ފަސްކުރުމުން އިތުރު 560 މީހުންނަށް ވޯޓު ލެވޭނެ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފިއެވެ.

އީސީގެ ނައިބު އިސްމާއިލް ހަބީބް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބު ބާއްވާ ތާރިޚުު ފަސްވުމާ ގުޅިގެން ރީ ރަޖިސްޓަރުވުމަށް އިތުރު ތިން ދުވަސް ދިނުމަށް އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

އެއާއެކު، އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އިތުރު 560 މީހުންނަށް ލިބޭ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

https://sun.mv/189306

ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު މިރޭ ރައީސް ތަސްދީގުކުރެއްވުމާއެކު ކުރިން މާޗު 17ގައި ބާއްވަން ހަމަޖެހިފައި އޮތް އިންތިޚާބު މިހާރުވަނީ ފަސްވެފައެވެ.

އީސީން މިރޭ ނިންމީ އެ އިންތިޚާބު ދެން ބާއްވާނީ އެޕްރީލް 21ގައި ކަމަށެވެ.

މީގެކުރިން އީސީއިން ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ އިތުރު 1،523 މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 284،327 މީހުންނަށް އަރާ ކަމަށް އޭރު އީސީއިން ވަނީ ބުނެފައެވެ.

އެއާއެކު، އެކޮމިޝަނުން މީގެކުރިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް، ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282,395 އެވެ. އޭގެ ތެރެއިން އިންތިޚާބުގައި ބައިވެރިވީ 225،486 ނުވަތަ 79.85 ޕަސެންޓް މީހުންނެވެ.

އެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 282,804އަށް އިތުރުވިއެވެ. އޭގެ ތެރެއިން ވޯޓު ދިނީ 246،915 މީހުންނެވެ.

comment ކޮމެންޓް