މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިން ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަންދުކުރި ތިން މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފިއެވެ
ފުލުހުން އިއްޔެ ހިންގި މި އޮޕަރޭޝަންގައި ގދ ތިނަދޫއިން 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތިނަދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އެނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވަނީ އެ ރަށު ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އޭނާ ދޫކޫށްލާފައެވެ.
މީގެ އިތުރުން، މާލެއިން ކޫއްޑޫއަށް ވައިގެމަގުން ދަތުރުކުރި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
މި މަހުގެ 25ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޫއްޑޫއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުނެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ހަމައެއާއެކު މި މަހު 24ވަނަ ދުވަހު ދ.ހުޅުދެލި ޕޮލިސް ޕޮލިސް ޕޯސްޓުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ރަށު ބަނދަރު ސަރަހައްދުން ފެނުނު 38 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ފަސް ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރަށްރަށަށް ވެސް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މި ފަދަ ކަންކަން ހުއްޓުވޭނެ މަގެއް އަދި ގާއިމްކުރެވިފައި ނެތްނަމަވެސް، ފުލުހުންގެ އޮޕަރޭޝަންތަކުގެ ތެރެއިން ތުހުމަތުކުރެވޭ މީހުން ބަންދުކުރެއެވެ.