ޖަރުމަނަށް އޮޅިގެން އެމެރިކާގެ ޑްރޯނަކަށް ހަމަލާދީފި

އެެމެރިކާގެ ޑްރޯނަށް ހަމަލާދިން ޖަރުމަނުގެ ފްރިގޭޓް

ޣައްޒާ (29 ފެބްރުއަރީ 2024): ރަތްކަނޑުގައި ހަރަކާތްތެރިވާ ޖަރުމަނުގެ އަސްކަރީ ފްރިގޭޓަކުން (މަނަވަރަކުން) ހޫޘީންގެ ޑްރޯނެއްކަމަށް ހީކޮށް އެމެރިކާގެ ޑްރޯނަކަށް ހަމަލާ ދީފައެވެ.

ޖަރުމަނުގެ ދިފާއީ ވުޒާރާއިންވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޖަރުމަނުގެ ދިފާއީ ވުޒާރާ ބުނާގޮތުން އޮޅިގެން ހަމަލާދެވުނީ ޖަރުމަނާ ވަރަށް ގާތްގުޅުމެއް އޮންނަ އެލައިޑް ގައުމެއްގެ ޑްރޯންއަކަށެވެ. އެމެރިކާގެ ނަންހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޖަރުމަނުގެ މީޑީއާ ބުނާގޮތުން ޖަރުމަނުގެ އަސްކަރީ ފްރިގޭޓުން އޮޅިގެން ހަމަލާދީނީ އެމެރިކާ ސިފައިންގެ ޑްރޯނަކަށެވެ.

ޖަރުމަނަކީ ރަތްކަނޑާއި ބާބުލްމަންދަބް ކަނޑޮއޮޅިން ދަތުރުކުރުން އިސްރާއީލުގެ އާގުބޯޓުތަކަށް މަނާކުރުމަށްޓަކައި ޔަމަންގެ ހޫޘީ ޖަމާއަތުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ހުރަސްއެޅުމަށް އެމެރިކާ އެކުލަވާލާފައިވާ އަސްކަރީ އެލަޔަންސްގައި ހިމެނޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޖަރުމަނުން ހަމަލާދިން މަރުކާގެ އެމެރިކާގެ ޑްރޯނެއް --

މި އެލަޔަންސްގައި ބައިވެރިވުމަށް މިސްރާއި ސައޫދީ، ޔޫއޭއީ، އަދި އުރުދުން ފަދަ އެ ސަރަހައްދުގެ މުހިއްމު ގައުމުތައް ދެކޮޅު ހަދާފައިވާއިރު މި އެލަޔަންސްގައި ބައިވެރިވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ވާގިވެރިވާ އިނގިރޭސިވިލާތާއި ޖަރުމަނުފަދަ ހުޅަނގުގެ މަދު ގައުމެކެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި އަދި ޖަރުމަނުފަދަ އިސްރާއީލުގެ ޓެރަރިސްޓް އަމަލުތަކަށް ވާގިވެރިވާ ގައުމުތައް ބައިވެރިވާ މި އެލަޔަންސްގައި ބައިވެރިވުމަކީ ލަދުވެތި އަދި ލާއިންސާނީ ކަމަކަށްވާތީ ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ މި އެލަޔަންސްގައި ބައިވެރިވުމަށް ފަސްޖެހިފައެވެ.

ޖަރުމަނުގެ ދިފާއީ ވަޒީރު ބޮރިސް ބިސްތޫރިޔޮސް ވިދާޅުވިގޮތުގައި ރަހުމަތްތެރި ގައުމެއްގެ ޑްރޯނަކަށް ހަމަލާދޭންޖެހުނީ އެ ސަރަހައްދުގައި ޑްރޯނެއް ހަރަކާތްތެރިވާކަން އެ ގައުމުން ޖަރުމަނަށް އަންގާފައިނުވާތީއެވެ. މީގެ އިތުރުން، އެއީ ކޮން ގައުމަކަށް ނިސްބަތްވާ ޑްރޯނެއްކަން ކަށަވަރުނުވާތީ އެއީ ޔަމަންގެ ހޫޘީންގެ ޑްރޯނެއްކަމަށް ބެލެވުމަކީ ވެސް ހަމަލާދޭންޖެހުނު ސަބަބެކެވެ.

ޖަރުމަނުގެ މަޖައްލާއެއް ކަމަށްވާ "ޑެރްސްޕީގެލް' ބުނާގޮތުން ރަތްކަނޑުގައި ހަރަކާތްތެރިވާ ޖަރުމަނުގެ އަސްކަރީ ފްރިގޭޓުން އެމެރިކާގެ ރިޕާ މަރުކާގެ ޑްރޯން ވައްޓާލުމަށްޓަކައި ދެ ރޮކެޓް ފޮނުވާލިއެވެ. ނަމަވެސް އެ ދެ ރޮކެޓްވެސް ފަންނީ މައްސަލަތައް ކުރިމަތިވެ އަމާޒަށް ވާސިލުނުވެ ކަނޑަށް ވެއްޓުނީއެވެ. އެހެންކަމުން އެމެރިކާގެ ޑްރޯނަށް ހަމަލާދިން ނަމަވެސް ޖަރުމަނުގެ ފްރިގޭޓަށް އެ ޑްރޯން ވައްޓާލެވިފައެއް ނުވެއެވެ.

ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. އެ ދެ ގައުމުން ހޫޘީންގެ އަމާޒުތަކަށް ކިތަންމެ ހަމަލާއެއް ދިންނަމަވެސް ރަތްކަނޑާއި ބާބުލްމަންދަބް ހުރަސްކޮށް ދަތުރުކުރާ އިސްރާއީލުގެ އާގުބޯޓުތަކަށް ހޫޘީން ދޭ ހަމަލާތައް ހުއްޓުވިފައެއް ނުވެއެވެ.

އަނެއްކޮޅުން ހޫޘީން މިހާރު ވަނީ އިސްރާއީލުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުތަކަށް ވެސް ހަމަލާތައް ދޭން ފަށާފައެވެ. މިކަން ވެސް އެ ދެ ގައުމަށް ހުއްޓުވިފައެއް ނުވެއެވެ.

comment ކޮމެންޓް