ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު 80 އަށް ހަދަން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެކަމަކު އެ މާއްދާ މިހާރު ބާތިލުކޮށްފައިވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާދެއްވުމާ ގުޅިގެން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ޖުމުލަ މެންބަރުން ގުނާއިރު އެ ހަތް މެންބަރުން ނުގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައެވެ. އެކަމަކު، އެ އިސްލާހު ބާތިލުކޮށްދޭން އެދި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މަޖިލީހުން ވަނީ ގަވާއިދަށް ގެނައި ބަދަލުތައް އުނިކޮށް، އެހެން މާއްދާއެއްގައި ކުދިކުދި ބަދަލުތަކާ އެކު ހިމަނަން ފާސްކޮށްފައެވެ.
ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގައި ހުކުމްކުރަން މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ގަވާއިދަށް ގެނައި އިސްލާހަކީ ބާތިލު އިސްލާހުތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެކަމަކު، ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މިހާރު ބާތިލުކޮށްފައިވާތީ އެ މައްސަލައިގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.
ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލައިގައި ރައުޔު އިއްވަވަމުން މި މައްސަލައިގައި ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވައިލީއިރު މަޖިލީހުން ކަންކަން ކުރަން ބޭނުންވާ މެންބަރުންގެ އަދަދުތައް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ ރޫހާއި އަސާސީ މިނިވަންކަމާއި ހައްގުތަކަށް ހުރަސްނޭޅޭނެ ގޮތެއްގެ މަތިން ކަމަށެވެ.
އަދި، 19 ވަނަ މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން ހަތް މެންބަރުން އިސްތިއުފާދެއްވުމަކީ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ދަތިވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން، މަޖިލީހުން ނިންމި ނިންމުމަކީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ކަމަށް ގަބޫލު ކުރަން އަހަރެންނަށް ދަތި،" އަޒްމިރަލްދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ 87 ކަމަށް ބަލައި ނަމަ ކޯރަމްއަކީ 22 މެންބަރުންނަށްވާއިރު، ޖުމުލަ މެންބަރުންގެ އަދަދު 80 އަށް ކުޑަކުރުމުން ކޯރަމްއަކީ 20 ކަމަށެވެ. އެހެންވެ، މަޖިލީހުގައި 80 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 22 މެންބަރުން މަޖިލީހަށް ހާޒިރުނުވާނަމަ އެއީ މެންބަރުންގެ ސުލޫކީ މިންގަނޑަށް ބަދަލު ގެނެސްގެން ހައްލުކުރެވޭނެ މައްސަލައެއްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.
އެހެންވެ، ހުސް ގޮނޑި ނުގުނައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ. އެކަމަކު، މާއްދާ މިހާރު ބާތިލުކޮށްފައި އޮތުމުން އެ ކަމުގައި އެޅޭނެ އިތުރު ފިޔަވަޅެއް ނެތް ކަމަށް ވެސް ހަމަ އެ ހުކުމުގައި ވަނީ ބުނެފައެވެ.
ވީ ކިހިނެއް؟
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެއެވެ. އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެއެވެ.
އެހެންވެ، އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ކޮންމެ މަޖިލީހަކަށް ވުރެ ޖެހިގެން ދެން އުފެދޭ މަޖިލީހެއްގައި މެންބަރުންގެ އަދަދު ގިނައެވެ.
މި ހިނގާ 19 ވަނަ މަޖިލީހަށް ޖުމުލަ 87 މެންބަރުން އިންތިޚާބުކޮށްފައިވާއިރު އޭގެ ތެރެއިން ހަތް މެންބަރަކު ވަނީ އަލަށް އުފެދުނު ސަރުކާރާ ގުޅުމަށް މެންބަރުކަމުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، 20 ވަނަ މަޖިލީހުގެ އިންތިޚާބަށް ހަ މަސް ދުވަސް ނެތުމުން، ބައި- އިލެކްޝަނެއް ބާއްވައި އިތުރު މެންބަރެއް އިންތިޚާބުކުރުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބިދީފައެއް ނުވެއެވެ.
އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާކީ މި އޮތް މުއްދަތުގައި 19 ވަނަ މަޖިލީހުން ހުސްވި ހަތް މެންބަރުންގެ ދާއިރާތަކަށް މެންބަރުން އިންތިޚާބު ނުކުރާށެވެ.
އެ ނިންމުމާ އެކު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ވަނީ މަޖިލީހުުގެ ގަވާއިދުގެ 49 ވަނަ މާއްދާ އިސްލާހުކޮށް، މެންބަރުންގެ ޖުމުލަ އަދަދަކީ 80 ކަމުގައި ކަނޑައަޅައިފައެވެ. އެ ބަދަލާ އެކު، މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުންގެ ބާރު ގަދަވެ، އެ މެންބަރުންނާއި އިދިކޮޅުގައި އޮތް ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަޒުލުކުރުމުގެ ބާރު ވެސް ލިބުނެވެ.
ބަންޑާރަނައިބުގެ އޮފީހުން އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ގަވާއިދަށް އަމަލުނުކުރާން އަންގައި ވަގުތީ އަމުރެއް ނެރުނެވެ. އެކަމަކު، މަޖިލީހުން ނިންމީ އެ ވަގުތީ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.
އަމުރަށް ތަބާނުވި ނަމަވެސް މަޖިލީހުން ވަނީ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލުކޮށްފައެވެ. ހަމަ އެ މާއްދާގައި ހިމެނި ކަންތައްތައް މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރުކުރުމަށް ފަހު، މަޖިލީހުން ނިންމީ ވަގުތީ އަމުރު އޮތް ނަމަވެސް ޖުމުލަ މެންބަރުންގެ އަދަދު ގުނާނީ 80 ގެ ގޮތުގައި ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ނުބެލޭނެ ކަމަށް ކަނޑައަޅައިފައެވެ. އެކަމަކު، ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅީ 49 ވަނަ މާއްދާގެ މައްސަލަކަމުން، މި މައްސަލައިގައި އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.