ވިލިނގިލީ އޮޑިހަރުގެއެއްގައި ރޯވެ، އޮޑިއެއް އެއްކޮށް އަނދައިފި

ވިލިނގިލީ އޮޑިހަރުގޭގަ ރޯވެފަ ----

ގއ. ވިލިނގިލީ ފައިބަރު މަސައްކަތްކުރާ އޮޑިހަރުގެއެއްގައި ރޯވެ, ބަންނަމުންދިޔަ އޮޑިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފްއިން 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި ރޯވެފައިވަނީ، ވިލިނގިލީގެ މީހުން ނޫޅޭ ސަރަހައްދެއްގައި ހަދާފައި ހުރި އޮޑިހަރުގެއެއްގައެވެ.

އަލިފާން ނިއްވުމަށް ތިނަދޫގެ ފަޔާ ފައިޓަރުން ފޮނުވައިފައިވާ ކަމަށާއި ނަމަވެސް ހަރުގޭގެ ފުރާޅު އަލިފާންގަނޑު މައްޗަށް ވެއްޓި، ބޮޑުބައި ނިވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ވިލިނގިލީ ކައުންސިލް މެންބަރު އިބްރާހިމް ރަޝީދު މިރޭ 'ސަން'އަށް ވިދާޅުވީ އެ ތަނުގައި ރޯވެފައި ހުއްޓާ ފެނުނީ ސެކިއުރިޓީއަކަށް ކަމަށާއި އޭރު ހުރީ އެތެރެއިން ރޯވެފައި ކަމަށެވެ.

އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ 9:15 ހާއިރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެތަނަކީ ފައިބަރު މަސައްކަތް ކުރާ ތަނެއް ކަމަށާއި އެތަނުގައި ބަންނަމުންދިޔަ އޮޑީގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"އޮޑި އެއްވެސް ބޭނުމެއް ނުކުރެވޭ ވަރަށް އަނދައިފި. އެތަން އެއްކޮށް އަނދާ ހުލިވެއްޖެ،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މި ހާދިސާގައި ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް މިހާތަނަށް އެނގިފައެއްނުވެއެވެ.

comment ކޮމެންޓް