ޓްރީޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅަށް ހުޅުވާލައިގެން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބާއްވައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މިދިޔަ ހަފުތާ ބަންދުގައި ކުރިއަށްގެންގޮސްފައިވާ މި ހެލްތު ކޭމްޕުގައި 317 ފަރާތަކަން ބައިވެރިވެ، ޑޮކްޓަރަށް ދެއްކި ކަމަށެވެ.
ވިލިނގިލީގެ އިތުރުން ގއ. އަތޮޅުގެ އިތުރު ރަށްތައް ކަމަށްވާ މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫއިން މި ކޭމްޕުގައި ބައިވެރިވި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ގއ އަތޮޅުގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ބާއްވައިފި-- ފޮޓޯ: ޓްރީޓޮޕް
އެ ކޭމްޕުގައި ބަލިތައް ދެނެގަތުމާއި، ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތުދީ، އެ ހޮސްޕިޓަލުން ފޯރުކޮށްދެވޭ ފަރުވާގެ މަޢުލޫމާތު ވެސް ހިއްސާކުރިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސްން ސްރިދާރް ޖީ ވިދާޅުވީ، މިއީ މާލެއިން ދުރު ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައިވާ ފަރާތްތަކަށް ވަރަށް މުހިންމު ހަރަކާތެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ގއ އަތޮޅުގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ބާއްވައިފި--ފޮޓޯ: ޓްރީޓޮޕް
އެއީ މާލެއަށް ދަތުރު ކުރުމަށް ހޭދަވާ ވަގުތާއި، ޚަރަދު ސަލާމަތް ކުރެވި، މި ކޭމްޕުގެ ތެރެއިން ފަސޭހައިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރުކެ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕްތައް ބާއްވައެވެ. އަދި މުސްތަގުބަލުގައި އިތުރު އެހެން ސަރަހައްދުތަކުގައިވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.