ބާރަށު ކާނި ގަހުގައި ހުޅުޖެހި މީހުންނަށް ފިޔަވަޅު އަޅަނީ

ބާރަށު ކާނި ގަހުގަ ރޯކޮށްލާފަ ----

ހއ. ބާރަށުގައި މީގެ 400 އެއްހާ އަހަރު ކުރިން، ބޮޑު ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ހުޅު ޖަހައި، ރޯކޮށްލި މައްސަލަގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނެފިއެވެ.

އެ މަރުކަޒުން ނެރުނު ބާޔާނެއްގައި ވަނީ އެ ގަހުގައި ރޯކުރީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ އެ މަރުކަޒުގެ ސަމާލުކަމަށް އައި ވަގުތުން ފެށިގެން ބާރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން ގަހުގައި ހުޅުޖެހި ފަރާތްތައް ހޯދަމުން އަންނަ ކަމަށް މަރުކަޒުން ބުންޏެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ވުޒާރާއިން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ މައްސަލަ އެ މަރުކަޒުން ބެލުމަށްފަހު މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް މަރުކަޒުން ބުންޏެވެ.

މީގެއިތުރުން، ދިވެހިންގެ ތާރީޚާއި ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަމާނާތެއްކަން ފާހަގަކޮށް އެ މަރުކަޒުންވަނީ، ތަރިކައާއި ތާރީޚު ރައްކާތެރިކުރުމުގައި ކަމާގުޅޭ އިދާރާތަކާއި ފަރުދުން އެ މަރުކަޒަށް އެއްބާރުލުން ދިނުމަށް އެދިފައެވެ.

ތާރީޚީ މައުލޫމާތު ހާމަ ކުރައްވާ ނާޖިހް ދީދީ ވިދާޅުވާގޮތުގައި ބާރަށު އީދުކުޅޭ މަގުގައި ހުންނަ އެ ކާނި ގަހަކީ ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ގަހެކެވެ.

ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނަކީ މީލާދީން 1573 އިން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 އިން 993 އަށެވެ. މި ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 981 ވަނަ އަހަރު ގައެވެ. ދިވެހި ތާރީޚުގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ.

comment ކޮމެންޓް