ގިނަ ދިވެހީންނަށް ފެންނަ އިންޑިއާއަކީ ހަމައެކަނި ދެކުނުގައި އޮންނަ ޓްރިވެންޑްރަމާއި ކޮޗީއެވެ. އެއީ އެ ތަންތަނަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ސްޓޭޓްތަކަށް ވެފައި، ބޭސްފަރުވާ ފަދަ އާންމު ކަންކަމުގައި ވެސް ދިވެހީން އެންމެ ގިނައިން ދަތުރުކުރަނީ އެ ސަރަހައްދުތަކަށް ކަމަށް ވާތީއެވެ.
ނަމަވެސް އިންޑިއާގެ މުއްސަނދި ސަގާފަތާއި ތާރީޚު ދެކިލައި، އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ތަފާތު ރަހަތައް ތަޖުރިބާކޮށްލަން ބޭނުންނަމަ މުޅި އިންޑިއާ އަދި އޮތީއެވެ. ބޮޑީ އަތް ނުލެވި، ނުފެނި ހުރި ތަންތަނެވެ.
މީގެ ކުރިން ކޮޗީއަށް ދަތުރުކުރީމެވެ. އެތަނުގެ އުސް ފަރުބަދަމަތީ ސަރަހައްދުކަމަށްވާ މުންނާރުގެ ފިނިކަން ތަޖުރިބާކޮށްލެވިފައި ހުރުމުން އިންޑިއާގެ އުތުރުގެ ހައިދަރުއާބާދާއި، ވެރިރަށް ނިއުދިއްލީއާއި، އާގްރާ ސިޓީއަށް މިދިޔަ ހަފުތާއެއްހާ ދުވަހު ކުރެވުނު ދަތުރުން އިންޑިއާގެ އެކި ސަރަހައްދުތަކުން ފަތުރުވެރިއަކަށް ތަޖުރިބާކުރެވޭނެ ކަންކަމުގެ ތަފާތު ވަރަށް ބޮޑަށް އެނގުނެވެ.
ހައިދަރުއާބާދު: ބިރިޔާނީއަށް މިވަރެއް ނެތް، ކިޔައިދޭ ތާރީޚު ބޮޑު
މާލެއިން ފުރައިގެން މުމްބާއީއަށް ދެގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު، މުމްބާއީން ދެ ގަޑިއިރުގެ ދަތުރަކަށްފަހު މި ދަތުރުގައި އެންމެ ފުރަތަަމަ ދިޔައީ ހައިދަރުއާބާދަށެވެ.
ހައިދަރުއާބާދަކީ އިންޑިއާގެ ޓެލަންގާނާ ސްޓޭޓްގެ ވެރިރަށެވެ. ސައިބާ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ މި ސިޓީއަކީ، ޓެކްނޮލޮޖީގެ އާ އުފެއްދުންތައް އުފެއްދުމާއި، ކުދިއަދި މެދު ފަންތީގެ ޒުވާން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހުރި ތަނެކެވެ.
ހަމައެއާއެކު މިއީ ތާރީޚީ މުހިންމު ބިނާތަކެއް ވެސް ހުރި ތަނެކެވެ. އޭގެ ތެރޭގައި ގޮލްކޮންޑާ ފޯޓާއިި، ޗާރުމިނާރު ފަދަ ތަންތަން ހުންނަނީ ހައިދަރުއާބާދުގައެވެ.
ގޮލްކޮންޑާ ފޯޓާއި، ޗާރުމިނާރު
ގޮލްކޮންޑާގެ ތާރީޚު ފެށެނީ 11ވަނަ ގަރުނާ ހަމައިންނެވެ. އޭރު ވެރިކަން ކަކަޓިޔާ ދަރިފަސްކޮޅުން ފުރަަތަމަ ބިނާކުރި މި ބިނާއަކީ އޭރު "މަންކަލް"ގެ ނަމުން ނަން ދެވިފައިވާ ތަނެކެވެ. އޭގެފަހުން 14ވަނަ ގަރުނާއި 17ވަނަ ގަރުނާ ދެމެދު ވަރަށް ބޮޑެތި ބަދަލުތައް މި ތަނަށް ގެނެވުނެވެ.
އެއަށްފަހު 1518ވަނަ އަހަރުން ފެށިގެން މިއީ ގުތުބް ޝާހީ ދަރިފަސްކޮޅުގެ ރަސްކަމުގެ ފުރަތަމަ ވެރިޔާކަމަށްވާ ގުލީ ގުތުބް ޝާހުގެ ވެރިކަމުގެ މައި ކިއްލާ ނުވަތަ ވެރިރަށެވެ. އަދި ބޮޑެތި ވިޔަފާރިވެރިން އައިސް ވިޔަފާރިކޮށް އުޅޭ ތަނެވެ.
ޗާރު މިނާރަކީ ވެސް މި ދަތުރުގައި ދެވުނު އާސާރީ ތަނެކެވެ. ހަތަރު ކަނުގައި ހަތަރު މުންނާރު ހުންނަ މި ބިނާއަކީ ގުތުބް ޝާހީ ދަރިފަސްކޮޅުން ފަސްވަނައަށް ރަސްކަންކުރެއްވި މުޙައްމަދު ގުލީ ގުތުބް ޝާހު ގާތްގަނޑަކަށް މީގެ 300 އެއްހައި އަހަރުކުރިން ބިނާކުރެއްވި ތަނެކެވެ.
ތާރީޚުން އެނގޭ ގޮތުގައި މިއީ އެއިރު އެ ސަރަހައްދުގައި ފެތުރުނު ބޮޑު ބަލިމަޑުކަމަކުން ސަލާމަތްވެއްޖެނަމަ ފުއްދާނެކަމަށް ރަސްގެފާނު ވެވަޑައިގެންނެވި ނަދުރެކެވެ. އެހެންވެ އެ ބަލިމަަޑުކަމުން ސަލާމަތްވުމާއެކު މި ބިނާ ބިނާކުރީއެވެ.
އާސާރީ މި ތަންތަން މިއަދާ ހަމައަށް ވެސް ހުރީ މާ ބޮޑެތި ގެއްލުންތަކެއް ނުލިބި، ވަަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިފައެވެ. މި ތަންތަން ހިމާޔަތްކުރަން މިހާރު ވެސް އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ތާރީޚީ މިފަދަ ބިނާތަކުގެ އަސްލު ދަމަހައްޓަން ދޭ ސަމާލުކަން ވަރަށް ރަނގަޅަށް މި ތަންތަން ބަަލައިލުމުން ހާމަވިއެވެ.
މީގެ އިތުރުން މި ފަހުން ޗާރުމިނާރު ވެފައި އޮތީ ލޯބިވެރީންނަށް ވެސް ޚާއްސަ ތަނެއްގެ ގޮތުގައެެވެ. ޗާރުމިނާރު ކުރިމަތީ އޮންނަ ޗާރުމިނާރު ބާޒާރަކީ ވެސް ގަހަނާއާއި، ކާބޯތަކެއްޗާއި، އެކި ތަކެތި ވިއްކާ އުނގުމަތީ ބާޒާރެކެވެ.
ރާމޯޖީ ފިލްމު ސިޓީ
ހައިދަރުއާބާދު ދަތުރުގައި ދެވުނު އެންމެ ޒަމާނީ އެއް ތަނަކީ ދުނިޔޭގެ އެންމެ ބޮޑު ފިލްމު ސިޓީގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑު ފޮތަށް އަރައިފައިވާ ރާމޯޖީ ފިލްމު ސިޓީއެވެ. މިއީ 1996ވަނަ އަހަރު އިންޑިއާގެ މީޑިއާ ވިޔަފާރިވެރިއެއްކަމަށްވާ ރާމޯޖީ ރާއޯ ތައާރަފްކުރެއްވި ތަނެކެވެ.
މިއީ އިންޑިއާގެ މަޝްހޫރި ގިނަ ފިލްމުތަކާއި، ސީރީސްތައް ފިލްމުކުރަން އެކި ސެޓުތަކާއި ލޮކޭޝަންތައް ތައްޔާރުކޮށްފައި ހުންނަ ބޮޑު ތަނެކެވެ. ގާތްގަނޑަކަށް 1،666 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް މި ފިލްމު ސިޓީއަށް ޚާއްސައިރު އަހަރަކު 500 އެއްހައި ފިލްމު ޕްރޮޑަކްޝަން މިތަނުގައި ކުރިއަށް ގެންދެވޭ ވަރުގެ ކެޕޭސިޓީ ހުރެއެވެ. އަދި އެއްފަހަރާ 15 ޝޫޓިން ކުރިއަށް ގެންދިއުމުގެ ޖާގަ އޮވެއެވެ. ބާހުބަލީ އަކީ މި ފިލްމު ސިޓީގައި ކުޅުނު މަޝްހޫރު އެއް ފިލްމެވެ.
މިއީ ފަތުރުވެރިންނަށް ހުޅުވައިލެވިފައިވާ ތަނެކެވެ. އަހަރަކު 1.5 މިލިއަން ފަތުރުވެރިން މި ތަނަށް ޒިޔާރާތްކުރާއިރު ތަފާތު އެކި ޕާކުތަކާއި ކުޅިވަރުތައް މި ތަނުގައި ހުރެއެވެ.
ހައިދަރުއާބާދު ބިރިޔާނީ: ކުޅުދިޔާވާހާ މީރު
ހައިދަރުއާބާދަށް ދާ މީހަކުނަމަ ނުކައި ދޫކޮށްގެން ނުވާނެ އެންމެ މުހިންމު އެއްޗަކީ ހައިދަރުއާބާދު ބިރިޔާނީއެވެ. މިއީ މުޅި އިންޑިއާގައި ވެސް އެންމެ މަޝްހޫރު ބިރިޔާނީއެވެ.
އެހެންވެ ހައިދަރުއާބާދަށް ކުރި މި ދަތުރުގައި ވަގުތު ހޯދައިގެން ކޮންމެހެން ވެސް ދިޔަ އެއް ތަނަކީ މުޅި ހައިދަރުއާބާދުގައި ވެސް މަޝްހޫރު "ބަވަރްޗީ ބިރިޔާނީ" ރެސްޓޯރެންޓަށެވެ.
މިއީ ހައިދަރުއާބާދުގައި އުޅޭ މީހުން ބުނާ ގޮތުންނަމަ، ރަށްފުށުގެ އަސްލު ރަހަތައް އެކުލެވިގެން އެންމެ މީރު ބިރިޔާނީ ލިބޭ ތަނެވެ. ބަވަރްޗީ ރެސްޓޯރެންޓުގައި އެތައް ސަތޭކަ ބަޔަކު އެއްފަހަރާ ޚިދުމަތްދެއެވެ. އެކަމަކު ޚިދުމަތް އެހާ އަވަހެވެ. އޯޑަރު ދޭތާ ދިހަވަރަކަށް މިނެޓުތެރޭ ހޫނުހޫނުކޮށް އެންމެ ތާޒާކަންމަތީ ގެނެސްދޭ ބިރިޔާނީއިން ދުވާ ވަހުން ވެސް ހިތް ފުރެއެވެ.
ފަސޭހައިން ހަފައިލެވޭ، އެންމެ ފުރިހަމައަށް ކައްކައިފައިވާ ކުކުޅާއި، ލޮނު، ކުޅި، ހަވާދުރަހަ އެންމެ ފުރިހަމައަށް އެ ބިރިޔާނީގައި ހުއްޓެވެ.
މީގެ އިތުރުން އެ ރެސްޓޯރެންޓުން ކެއި ފިހުނު ތަންދޫރީ ކުކުޅު ވެސް އެހާމެ މީރެވެ. ކުޅިރަހައާއި ތަންދޫރީ ހަވާދުގެ ހުރީ ރަނގަޅަށް މަސްތެރޭ ހިފައިފައެވެ. ހަފައިލަން ފަސޭހައެވެ. ހުސްވާ ވަރަކުން ގެނެސްދިން އިރު އެ ރެސްޓޯރެންޓުން ކެވުނު ވަރެއް ނޭނގެއެވެ. އެކަމަކު އަގު އެހާ ހެވެވެ.
މިއީ ހައިދަރުއާބާދުގައި ކުރެވުނު މުހިންމު ކަންކަމެވެ. މިއީ ހަމަ ހުރިހާ ދިވެހީން ވެސް ކޮންމެެހެން ވެސް ތަޖުރިބާކޮށްލަން ޖެހޭ ކަންކަމެވެ.
އާގްރާގެ އަޖައިބުކުރުވަނިވި ތާޖްމަހަލްއާއި، ހުމާޔޫން ޓޮމްބް
ތާޖްމަހަލްއަކީ ދިވެހީންނަށް އާ ނަމަކަށް ނުވާނެއެވެ. އެއީ ގިނަ ދިވެހީންތަކެއް ދާން ބޭނުންވާ ތަނެކެވެ.
ހައިދަރްއާބާދު ދަތުރަށްފަހު، ދެގަޑިއިރުގެ ފްލައިޓު ދަތުރެއްގައި ދެން ދިޔައީ ނިއުދިއްލީއަށެވެ. ނިއުދިއްލީއިން އާގްރާއަށް ހަތަރު ގަޑިއިރުގެ ބަސް ދަތުރެއްގައި ދިޔައީ ތާޖްމަހަލުގެ ފުރިހަމަކަން ބަލައިލުމަށެވެ.
މިއީ މުޣަލް ރަސްގެފާނު ޝާހްޖަހާން އޭނާގެ އަނބިކަނބަލުން މުމްޓާޒް މަހަލްގެ ހަނދާނުގައި ހުދު ހިލަ ނުވަތަ މާބަލް ބޭނުންކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.
ތާޖްމަހަލް އިމާރާތްކުރުމުގެ މަސައްކަތް ފެށީ 1632ވަނަ އަހަރެވެ. މި ތަނުގެ މަސައްކަތް ނިންމައިލީ 1655ވަނަ އަހަރެވެ. ވިހިހާހަށް ވުރެ ގިނަ ފަންނުވެރިން މި މަސައްކަތުގައި އުޅުނުއިރު، މި ތަން އެންމެ ޚާއްސަ ވަނީ އެކި އަގުބޮޑެތި ހިލަތަކާއި، މާބަލްތައް ބޭނުންކޮށް ކަނޑައިނަގައިފައިވާ ކެނޑުންތަކުގެ ސަބަބުންނެވެ. އެގޮތުން ގުރުއާނުގެ އެކި އާޔަތްތަކާއި، އެކި ޑިޒައިންތައް ވަނީ ކަނޑައިނަގައިފައެވެ.
މި ތަނުން ވެސް އާސާރީ ތަންތަން ހިމާޔަތްކުރުމަށް އިންޑިއާއިން ދޭ އިސްކަން ހާމަވެއެވެ.
މީގެ އިތުރުން ހުމާޔޫން ޓޮމްބަކީ އަނތްބަކު އޭނާގެ ފިރިމީހާ ދެކެ ވީ ލޯބީގެ ރަމްޒެކެވެ. މިއީ މުޣަލް ރަސްކަލެއްކަމަށްވާ ހުމާޔުން އަވަހާރަވުމުން، އޭނާގެ ފުރަތަަމަ އަނބިކަނބަލުން ބޭގާ ބޭގަމް ހުމާޔުންގެ މަހާނަ ވަޅުލާން ތައްޔާރުކުރި މަގްބަރާއެކެވެ. މި ތަން ބިނާކުރަން މަސައްކަތް ފެށީ ހުމާޔޫން އަވަހާރަވިތާ 14 އަހަރު ފަހުން 1556ގައެވެ. މަސައްކަތް ނިންމައިލީ 1572 ގައެވެ. އެހެންކަމުން މިއީ ތާޖްމަހަލަށްވުރެ ގަރުނެއް ދޮށީ ތަނެކެވެ.
ޖުމްލަ ގޮތެއްގައި އިންޑިއާއަށް ކުރި މި ދަތުރުން ލިބުނީ ތާރީޚާ ގުޅޭ މުހިންމު މައުލޫމާތުތަކެވެ. ޓްރިވެންޑްރަމާއި، ކޮޗިން ދޫކޮށް އިންޑިއާގެ އުތުރަށް ދާއިރު ހުރީ ތާރީޚީ ކަންކަން އެނގެން ބޭނުން މީހަކަށް ދާރުލްއާސާރުތަކާއި ތާރީޚީ ބިނާތަކެވެ. މީރު ރަހަތައް ތަޖުރިބާކޮށްލަން ބޭނުންނަމަ މީރު ކެއުންތަކެވެ.
މީގެ އިތުރުން މެހުމާންދާރީގެ ފުރިހަމަކަމާއި، ދިވެހީންނާމެދު ދެކޭ ގޮތަކީ ދިވެހީންނަށް އިންޑިއާ މަރުހަބާ ކިޔާކަން އިހުސާސްވާ ކަމެކެވެ.