ޕީޖީ ޝަމީމްގެ އަތުލިޔުމުން ''މަގޭ ހުސޭނު'' ފޮންޓު ލޯންޗު ކޮަށްފި

"މަގޭ ހުސޭނު" ފޮންޓު ދައްކާލުމަށާއި ލޯންޗު ކުރުމަށް މާލޭ އާޓް ގެލެރީގައި ބާއްވާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަމަން ލަތީފް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ބައްޕަ، އަލްމަރްޙޫމް ގޯނބިލި މުޙައްމަދު ޝަމީމަކީ ރީތިކޮށް ތާނައާއި އަރަބި ލިޔުއްވި މީހެކެވެ. "ހަވީރު" ނޫސް އަތުން ލިޔެގެން ނެރުނުއިރު އެނޫހާއި އެނޫންވެސް އެތައް މަޖައްލާއަކާއި ފޮތްތަކެއް އޭނާ އަތުން ލިޔުއްވާފައި ވެއެވެ.

މިފަދަ ފޮތްތަކާއި މަޖައްލާތައް ލިޔުއްވަން ބައްޕަ އިންނަވާއިރު، މޭޒުގެ އެއްފަރާތުގައި ފަންސުރެއް ދީ ބައިންދާފައި އިންނަ ހަނދާން ޕީޖީ ޝަމީމްގެ ހުރެއެވެ. އޭރުއްސުރެ ލިޔުމަށް ޝައުޤުވެރިކަން އުފެދި އޭނާގެ ހިތުގައި ވެސް އެކަމަށް ލޯބި އަށަގަތެވެ.

"މަގޭ ހުސޭނު" ފޮންޓު ދައްކާލުމަށާއި ލޯންޗު ކުރުމަށް މާލޭ އާޓް ގެލެރީގައި ބާއްވާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަމަން ލަތީފް

އެ ޝައުގުވެރިކަމާއި ބައްޕަގެ ފަރާތުން ވާރުތަވި ރީތި އަތުލިޔުމުން އޭނާ މިއަދު ވަނީ ފޮންޓެއް އުފައްދައި ނެރެފައެވެ.

ޝަމީމް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާގެ އަތުލިޔުން ފޮންޓެއްގެ ގޮތުގައި ނެރުމުގެ ބޭނުމަކީ ދިވެހި ބަހަށް ޚިދުމަތެއް ކޮށްދިނުން ކަމަށެވެ.

މި ފޮންޓް ނެރެން މެދުވެރިވި ގޮތް ކިޔައިދެއްވަމުން ޝަމީމް ވިދާޅުވީ، ލޫޕްކްރާފްޓް ޕްރައިވެޓް ލިމިޓެޑަށް އޭނާގެ އަތުލިޔުން ފެނި، އެ އަތުލިޔުން ފޮންޓަކަށް ބަދަލު ކުރުމުގެ ޝައުޤުވެރިކަން ފައުޅުކުރިކަމަށެވެ. އެހެންކަމުން ލިބުނު ފުރުޞަތުގައި، މިފޮންޓު އާންމުންނަށް ދޫކޮށްލެވޭނެ ގޮތެއް ހޯދީކަމަށެވެ. އެގޮތުން ޝަމީމްގެ ބްލޮގުންނާއި ލޫޕްކްރާފްޓް ވެބްސައިޓުގައިވާ ލިންކުން މި ފޮންޓު ޑައުންލޯޑުކޮށް ބޭނުން ކުރެވޭނެއެވެ.

"ކޮމްޕިއުޓަރު ފޮންޓުތަކާ މި ފޮންޓު ތަފާތު ވާކަމަކީ މިއީ އަވަސް ލިޔުމުގެ ފޮންޓެއް. އާންމުކޮށް ތިބޭފުޅުންނަށް ފެނިވަޑައި ތިގަންނަވަނީ ޓައިޕްރައިޓާ ތައްޔާރުކޮށްފައި ހުންނަ ފޮންޓެއް. މިއީ އަވަހަށް އަތުން ނޯޓް އެއްޗެހި ނަގައިތުމުގައި ބޭނުން ކުރެވޭ ފަދަ ގޮތަކަށް ހުންނަ ފޮންޓެއް،" ޝަމީން ވިދާޅުވިއެވެ.

މި ފޮންޓަށް ދީފައިވާ ނަން، "މަގޭ ހުސޭނު"ގެ ފަހަތުގައި ވެސް ވަނީ ޝަމީމްގެ ޅަފަތުގެ ހަނދާންތަކާ ގުޅިފައިވާ ވާހަކައެކެވެ. އޭނާގެ މަންމަގެ 10 ކުދިން ތިބެއެވެ.

"އެއިން އެއްވެސް ކުއްޖެއްގެ ނަމުގެ ކުރިއަށް ނަންއިތުރެއްގެ ގޮތަކަށް "މަގޭ"އެއް ބޭނުމެއް ނުކުރާނެ. އަޅުގަނޑުގެ ނަމުގެ ކުރިއަށް އެކަނި "މަގޭ" ލާނީ. އެހެންވީމަ މަންމައަށް ނިސްބަތްކޮށް ބޮޑަށް މި ނަން މިގޮތަށް މި ދިނީ،" ޝަމީމް ކިޔައިދިނެވެ.

ޝަމީމް ބުނި ގޮތުގައި ދިވެހި ބަހުގެ އެކެޑަމީއިން މިދިޔަ އަހަރު ބޭއްވި ޤައުމީ އަތުލިޔުމުގެ މުބާރާތުގައި ވެސް އޭނާ ބައިވެރިވިއެވެ. އޭނާ އެ މުބާރާތުގައި ބައިވެރިވީ، އަވަސް ލިޔުމަކީވެސް ލިޔުމުގެ ބާވަތެއް ކަމުގައިވާތީއެވެ. މުބާރާތުގައި ބައިވެރިވީ މުބާރާތުގެ ގަވާއިދު އޮތްގޮތުން ވަނައެއް ނުލިބޭނެކަން ވެސް އެނގިހުރެއެވެ.

ވަނައެއް ނުލިބުނަސް، ޝަމީމް ހުށަހެޅި ލިޔުން ހިތްގައިމުކަމަށް ފަނޑިޔާރުން ދެކެވަޑައިގެން، ޢާންމުންނަށް ދައްކާލުމަށް ލިޔުންކޮޅު ބެހެއްޓިއެވެ.

"މަގޭ ހުސޭނު" ފޮންޓު ދައްކާލުމަށާއި ލޯންޗު ކުރުމަށް މާލޭ އާޓް ގެލެރީގައި މައުރަޒެއް ވެސް ވަނީ ފަށައިފައެވެ. މި މައުރަޒު މިއަދު 09:00އިން 05:00އަށް ކުރިއަށް ދިޔަ އިރު މާދަމާ ވެސް ހަމަ އެ ގަޑީގައި މައުރަޒު ކުރިއަށް ދާނެއެވެ.

comment ކޮމެންޓް