ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަގުސަދުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ގޮވާލައިފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އެގޮތުން އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ނުވަތަ އާންމު ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިއަސް ނުދިނުމާ ނުވަތަ ދޭން ހުށަނޭޅުމާ ވައުދުނުވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ މަންފާއެއް ނުވަތަ އެ ނޫން އެއްވެސް ބާވަތެއްގެ އެއްޗެއް ފޯރުކޮށްދޭނެ ކަމަށް ސީދާގޮތުން ނުވަތަ ނުސީދާ ގޮތަކުން ވިޔަސް ވައުދުވުން ކަހަލަ ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަން ނުހިންގުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުންނުކުރުމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
އިންތިޚާބުތަކައި ގުޅުވައި އެކިއެކި ގޮތްގޮތުން ނުފޫޒު ފޯރުވުމުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ވެސް ފެންމަތިވެއެވެ.